ޚަބަރު

ވެކްސިންގެ 2 ބިލިޔަން ޑޯޒު އިންޑިޔާއިން ހޯދަނީ


ކޯވިޑް-19ގެ ވެކްސިންގެ 2 ބިލިޔަން ޑޯޒު ހޯދުމުގެ މަސައްކަތް އިންޑިޔާއިން ފަށައިފިއެވެ. އެގޮތުން އެ ޤައުމުން މަސައްކަތްކުރަނީ މި އަހަރު ނިމުމުގެ ކުރިން އެ ޢަދަދަށް ވެކްސިންގެ ޑޯޒު ހޯދުމަށެވެ.

އެމެރިކާއަށްފަހު ދެވަނައަށް އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ކޯވިޑް-19 ޖެހިފައިވަނީ އިންޑިޔާގައެވެ. ދުނިޔޭގެ އާބާދީގެ 18 އިންސައްތަ މީހުން ދިރިއުޅޭ އިންޑިޔާގައި މިހާތަނަށް 24 މިލިޔަނަށްވުރެ ގިނަ މީހުންނަށް ބަލިޖެހި 262،239 މީހުން މަރުވެފައިވާކަމަށް ރަސްމީ ޢަދަދުތަކުން ދައްކައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ޤައުމުގައި 338،019 މީހުންނަށް ބަލިޖެހި 3،888 މީހުންވަނީ މަރުވެފައެވެ. އެ ޤައުމުގައި ބަލިޖެހިފައިވާ މީހުންނާއި މަރުވި މީހުންގެ އަސްލު ޢަދަދު ރަސްމީ ޢަދަދުތަކަށްވުރެ އެތައް ގުނައެއް އިތުރުވާނެކަމަށް ޞިއްޙީ މާހިރުން ބުނެއެވެ.

އިންޑިޔާގެ ޞިއްޙީ ނިޒާމަށް ބާރުބޮޑުވުމުން އެ ޤައުމުގެ ހަސްފަތާލުތަކުންވަނީ ޖާގަހުސްވެފައެވެ. އިންޑިޔާގައި ވެކްސިން ލިބުމުގައި ކުރިމަތިވެފައިވާ ދަތިތަކުގެ ސަބަބުން އެ ޤައުމުގެ ރައްޔިތުންނަށް ވެކްސިން ދިނުމަށްވަނީ ހުރަސްއެޅިފައެވެ. 1.35 ބިލިޔަނަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ އިންޑިޔާގައި މިހާތަނަށް ދީފައިވަނީ 179 މިލިޔަން ޑޯޒުގެ ވެކްސިނެވެ. ވެކްސިންގެ 2 ޑޯޒު ފުރިހަމަކޮށްފައިވަނީ އެ ޤައުމުގެ އާބާދީގެ އެންމެ 3 އިންސައްތަ މީހުންނެވެ.

ސަރުކާރުގެ އިސް މުޝީރެއްކަމަށްވާ ވިނޯދު ކުމާރު ޕޯލް ވިދާޅުވީ އިންޑިޔާއިން ހޯދައި ވެކްސިންގެ 2 ބިލިޔަން ޑޯޒުގެ ތެރޭގައި އެސްޓުރަޒެނެކާގެ ޚާއްޞަ ޙުއްދައެއްގެ ދަށުން އިންޑިޔާގެ ސީރަމު އިންސްޓިޓިއުޓުގައި ބަންދުކުރާ ކޮވިޝިލްޑު ވެކްސިންގެ 750 މިލިއަން ޑޯޒާއި އެ ޤައުމުގެ ބަރަތު ބަޔޯޓެކު ކުންފުނިން އުފައްދާ ކޮވެކްސިންގެ 550 މިލިޔަން ޑޯޒު ހިމެނޭކަމަށެވެ.

އޭގެ އިތުރުން އިންޑިޔާގެ އެންމެ އާބާދީބޮޑު ސްޓޭޓުކަމަށްވާ އުއްތަރު ފުރަދޭޝުން ވެކްސިން ގަތުމަށް 1.36 ބިލިއަން އެމެރިކާ ޑޮލަރު ޚަރަދުކުރުމަށްވަނީ ނިންމައިފައެވެ.