ޚަބަރު

އިންޑިޔާގައި ކޯވިޑް-19 ޖެހޭ މީހުންނަށް ނުރައްކާތެރި އެހެން ބައްޔެއް ޖެހެނީ


އިންޑިޔާގައި ކޯވިޑް-19 ޖެހޭ މީހުންނަށް ކިބައިން މިޔުކޮމައިކޮސިސް ނުވަތަ ބުލެކު ފަންގަސް ކިޔާ ބައްޔެއްގެ ނިޝާންތައް ފެންނަ މިންވަރު އިތުރުވުމުން އެކަމަށް ސަމާލުވުމަށް އެ ޤައުމުގެ ޑޮކްޓަރުންނަށް އަންގައިފިއެވެ.

ހަށިގަނޑަށް ބުލެކު ފަންގަސްގެ އަސަރުކޮށްފައިވާނަމަ ނޭފަތުގެ ކުލަބަދަލުވުން ނުވަތަ ކަޅުވުމާއި ލޮލުގެ ފެނުން ނުސާފުވުމާއި މެޔަށް ތަދުވުމާއި ނޭވާލާން އުނދަގޫވުމާއި ކެއްސައި ކަރުން ލޭއައުންފަދަ އުނދަގޫތައް ދިމާވެއެވެ. އެ ބަލި ޖެހިފައިވާކަމުގެ ބައެއް ޢަލާމާތްތަކުގެ ތެރޭގައި ސައިނަސް ތަދާއި މޫނުގެ އެއްފަޅިން ނޭފަތް ބެދުމާއި ބޮލުގެ އެއް ފަޅީގައި ރިއްސުމާއި ދުޅަވުމާއި އައްސިވުމާއި ދަތުގައި ރިއްސުމާއި ދަތް ހެލުން ހިމެނެއެވެ.

ބުލެކު ފަންގަސަކީ ހަކުރު ބައްޔާ ވަރަށް ބޮޑު ގުޅުމެއް އޮންނަ ބައްޔެކެވެ. ކޯވިޑް-19 ޖެހިގެން ޙާލުބޮޑުވާ މީހުންނަށް ފަރުވާދިނުމަށް ބޭނުންކުރާ ޑެކްސަމެތަސޮން ކިޔާ ބޭހެއްގެ ސަބަބުން ހަކުރު ބަލިޖެހިފައިވާ މީހުންގެ ބަލީގެ ޙާލަތު ބޮޑުވުމަށް މަގުފަހިވެއެވެ. އެހެންކަމުން ކޯވިޑް-19 ޖެހިފައިވާ މީހުންނާއި ހަކުރުބަލި ހުންނަ މީހުންނާއި ދިފާޢީ ނިޒާމު ރަނގަޅަށް މަސައްކަތް ނުކުރާ މީހުންނަށް ފަރުވާދިނުމުގައި އެ މީހުންގެ ކިބައިން ބުލެކު ފަންގަސްގެ ޢަލާމާތްތަކަށް ޑޮކްޓަރުން ސަމާލުވުން މުހިންމުކަމަށް އިންޑިޔަން ކައުންސިލް އޮފް މެޑިކަލް ރިސަރޗުން ބުނެއެވެ.

އިންޑިޔާގައި ބުލެކު ފަންގަސްގެ އަސަރުކުރާ މީހުންގެ ޢަދަދު އެހެން ޤައުމުތަކަށްވުރެ އިތުރުކަމަށް ބައެއް ޞިއްހީ މާހިރުން ބުނެއެވެ. އޭގެ މައިގަނޑު އެއް ސަބަބަކީ އެ ޤައުމުގައި ހަކުރުބަލި ޖެހިފައިވާ މީހުންގެ ޢަދަދު ގިނަވުމެވެ. އަދި ހަކުރުބަލި ހުންނަ މީހުން އެންމެ އެދެވޭ ފަރުވާ ނުހޯދުމެވެ.

ކޯވިޑް-19 ފެތުރެން ފެށުމުގެ ކުރިންވެސް ބުލެކު ފަންގަސްގެ އަސަރުކުރާ މީހުންގެ ޢަދަދު އެހެން ޤައުމުތަކަށްވުރެ އިންޑިޔާގައި ގިނައެވެ. ނަމަވެސް ކޯވިޑް-19 ފެތުރެން ފެށިފަހުން އެ ޢަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށް ޞިއްޙީ މާހިރުން ބުނެއެވެ. ބައެއް ހަސްފަތާލުތަކުން ބުނާ ގޮތުގައި ބުލެކު ފަންގަސް ޖެހިފައިވާ މީހަކަށް މީގެ ކުރިން ފަރުވާ ދޭންޖެހެނީ އަހަރަކު އެއް ފަހަރުކަމަށާއި މިހާރު ހަފުތާއަކު އެކަކަށް ފަރުވާދޭންޖެހޭކަމަށެވެ، ކޯވިޑް-19ގެ ސަބަބުން އިންޑިޔާގެ ޞިއްޙީ ނިޒާމަށް ބާރުބޮޑުވެފައިވަނިކޮށް ބުލެކު ފަންގަސަށް ފަރުވާ ހޯދަންޖެހޭ މީހުންގެ ޢަދަދު އިތުރުވުމަކީ ޞިއްޙީ ނިޒާމަށް އިތުރަށް ބާރުބޮޑުވާނެކަމެއްކަމަށް ޞިއްޙީ އިދާރާތަކުން ފާހަގަކުރެއެވެ.