ޚަބަރު

8 މަސްދުވަހަށްފަހު ސިންގަޕޫރުގައި ކޯވިޑް-19 ޖެހޭ މީހުންގެ ޢަދަދު މައްޗަށް


ސިންގަޕޫރުގައި ކޯވިޑް-19 ޖެހޭ މީހުންގެ ޢަދަދު 8 މަސްދުވަހަށްފަހު އިތުރުވެއްޖެއެވެ.

ސިންގަޕޫރުގައި މިހާތަނަށް 61،453 މީހުންނަށް ކޯވިޑް-19 ޖެހި 34 މީހުންވަނީ މަރުވެފައެވެ. މިދިޔަ އަހަރުގެ ތެރޭގައި ސިންގަޕޫރުގައި ވަޒީފާ ޢަދާކުރާ ގިނަ ޢަދަދެއްގެ ހިޖުރަވެރިންގެ މެދުގައި ކޯވިޑް-19 ފެތުރުމަށްފަހު އެ ޤައުމުގައި ބަލިފެތުރޭ މިންވަރުވަނީ ވަރަށް ބޮޑަށް ދަށަށްގޮސްފައެވެ. އޭގެ ފަހުން އެ ޤައުމުގައި ބަލިޖެހުނު ގިނަ މީހުންނަކީ ބޭރު ޤައުމުތަކުން އެ ޤައުމަށް ދަތުރުކޮށްފައިވާ މީހުންނާއި އެކަހެރިވުމުގެ މުއްދަތު ފުރިހަމަކުރަމުންދިޔަ މީހުންނެވެ. ނަމަވެސް ގިނަ ދުވަސްތަކަކަށްފަހު މުޖުތަމަޢުގެ ތެރެއިން އަނެއްކާވެސް ކޯވިޑް-19 ޖެހިފައިވާ ބަޔަކު ފެނި ބަލިޖެހޭ މީހުންގެ ޢަދަދުވަނީ އިތުރުވާން ފަށައިފައެވެ. އިންޑިޔާއިން ފެނިފައިވާ ކޯވިޑް-19ގެ ވާރުތަވުމުގެ ބާރުގަދަ ވައްތަރެއްވެސް އެ ޤައުމުގައި ދަނީ ފެތުރެމުންނެވެ.

ސިންގަޕޫރުގެ ޞިއްޙަތާބެހޭ ވުޒާރާއިން ބުނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި މުޖުތަމަޢުގެ ތެރެއިން ކޯވިޑް-19 ޖެހިފައިވާ 24 މީހުން ފެނިފައިވާކަމަށެވެ. އެއީ މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހަށްފަހު އެ ޤައުމުގައި 1 ދުވަހުގެ ތެރޭގައި ބަލިޖެހުނު މީހުންގެ ޢަދަދު އެހާ ބޮޑަށް އިތުރުވި ދުވަހެވެ. އެ މީހުންގެ ތެރެއިން 17 މީހުންނަކީ ސިންގަޕޫރުގެ މައި ވައިގެ ބަނދަރުކަމަށްވާ ޗަންގީ އެއަރޕޯޓާ ގުޅުންހުރި ބައެކެވެ.

ޗަންގީ އެއާޕޯޓުން ބަލިޖެހިފައިވާ ބަޔަކު ފެނުމުން އެތަނުގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުން ބައްޔަށް ތަޙްލީލުކުރުމުގެ މަސައްކަތް މީގެ ކުޑަ ދުވަސްކޮޅެއް ކުރިންވަނީ ފަށައިފައެވެ. އޭގެ އިތުރުން ވައިގެ ބަނދަރުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައްވެސްވަނީ ވަރުގަދަކޮށްފައެވެ. އެގޮތުން ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި ވައިގެ ބަނދަރުގެ ޓަރމިނަލުތައް ބޭނުންކުރެވޭނީ ހަމައެކަނި ޓިކެޓު އޮންނަ ދަތުރުވެރިންނަށާއި ކޮންމެހެން މަސައްކަތަށް ނުކުންނަންޖެހޭ މުވައްޒަފުންނަށް އެކަންޏެވެ.