ޚަބަރު

ބަލިމަޑުކަމާއި ހަމަނުޖެހުންތަކުގެ ތެރޭގައި މުސްލިމުން ޢީދު ފާހަގަކޮށްފި


ބޮޑު ބަލިމަޑުކަމަކާއި ހަމަނުޖެހުންތަކުގެ ތެރޭގައި ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި ދިރިއުޅޭ މުސްލިމުން އަނެއްކާވެސް ޢީދު ފާހަގަކޮށްފިއެވެ.

ކޮންމެ އަހަރަކުވެސް ޢީދާ ދިމާކޮށް އެތައް މިލިޔަން މުސްލިމުންނެއް އަމިއްލަ ވަޒަނަށް ދަތުރުކުރެއެވެ. ޢީދާ ދިމާކޮށް ބާޒާރުތަކަށް ބާރުބޮޑުވެ އިޖުތިމާޢީ އެކި ޙަރަކާތްތަކަށް ޢާންމުން ހާޒިރުވެއެވެ.

މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރުވެސް ކޯވިޑް-19 ހަލުވިކަމާއެކު ފެތުރެމުންދާ ބައެއް ޤައުމުތަކުގައި ބައްޔާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިވެއެވެ. ޕާކިސްތާނާއި އިންޑިޔާއާއި މެލޭޝިޔާއާއި އިންޑޮނޭޝިޔާފަދަ ޤައުމުތަކުގައި ވިޔަފާރިތައް ބަންދުކޮށް ބައެއް މިސްކިތްތައްވެސްވަނީ ބަންދުކޮށްފައެވެ. ނަމަވެސް މިދިޔަ ޢީދުގައި ގިނަ ޤައުމުތައް ފުރަބަންދުގެ ޙާލަތުގައި އޮތް އިރަށްވުރެ މި އަހަރުގެ ޢީދު ނަމާދުގައި ބައިވެރިވުމުގެ ފުރުޞަތު ލިބުނު މީހުންގެ ޢަދަދު އިތުރެވެ. މުސްލިމުން ޢީދު ފާހަގަކޮށްފައިވަނީ ބަލިން ރައްކާތެރިވުމަށް މާސްކު އަޅައިގެން ގައިދުރުކަން ބަހައްޓައިގެންނެވެ.

ގިނަ ޢަދަދެއްގެ މުސްލިމުން ޢީދު ފާހަގަކުރަމުން ދަނީ އިސްލާމީ ދުނިޔެއަށް ކުރިމަތިވެފައިވާ ބޮޑެތި ހަމަނުޖެހުންތަކުގެ ތެރޭގައެވެ. އިސްރާއީލުން ދަނީ ފަލަސްޠީނަށް ދެމުންދާ ޙަމަލާތައް އިތުރުކޮށް އެ ޤައުމުގެ ރައްޔިތުންނާ ދެކޮޅަށް އެތައް ޖަރީމާއެއް ހިންގަމުންނެވެ. މި ހަފުތާގެ ތެރޭގައި އިސްރާއީލުން ދިން ޙަމަލާތަކުގައި ފަލަސްޠީނުގެ 87 މީހުން މަރައިލައި އެތައް ސަތޭކަ މީހުންނެއްވަނީ ޒަޚަމުކޮށްލައިފައެވެ. ނަމަވެސް މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް މިސްކިތްކަމަށްވާ ޤުދުސްގައި 100،000 މީހުންވަނީ ހިތްވަރާއެކު ޢީދު ނަމާދުކޮށްފައެވެ.

އަފްޣާނިސްތާނުގައި ޙަރަކާތްތެރިވާ ހަނގުރާމަވެރި ޠާލިބާން ޖަމާޢަތުންވަނީ ޢީދާ ގުޅުވައިގެން އެ ޤައުމުގައި ތިން ދުވަހުގެ މުއްދަތަށް ޙަމަލާ ބަދަލުކުރުން ހުއްޓާލައިފައެވެ. ޠާލިބާނުން އެގޮތަށް ނިންމީ މީގެ ކުޑަ ދުވަސްކޮޅެއް ކުރިން އެ ޖަމާޢަތުން ދިން ބޮމުގެ ޙަމަލާއެއްގައި އަފްޣާނިސްތާނުގެ 80 ދަރިވަރުން މަރުވެފައިވަނިކޮށެވެ.

ހަނގުރާމައިގެ ސަބަބުން ވީރާނާވެފައިވާ ޢިރާޤުގެ މޫޞަލްގައި ހުންނަ 7ވަނަ ޤަރުނުގައި ބިނާކޮށްފައިވާ އަލްމަސްފީ މިސްކިތުގައި މި އަހަރުވަނީ ޢީދު ނަމާދުކޮށްފައެވެ. އެއީ ހަނގުރާމައިގައި އެ މިސްކިތް ބިމާހަމަވިފަހުން އެތަނުގައި ޢީދު ނަމާދުކުރި ފުރަތަމަ ފަހަރެވެ. މިސްކިތުގައި ނަމާދުގެ ޖަމާޢަތް އިންތިޒާމުކޮށްފައިވަނީ ވީރާނާވެފައިވާ މޫޞަލް އަލުން ބިނާކުރުމަށް ގޮވާލުމުގައި ޙަރަކާތްތެރިވާ ދަރުމަވެރިންނެވެ.