ޚަބަރު

ޣައްޒާއަށް ވަންނަން އިސްރާއީލުގެ ފައުޖުތައް ތައްޔާރުވަނީ


އެއްގަމު މަގުން ފަލަސްޠީނުގެ ޣައްޒާއަށް ވަންނަން އިސްރާއީލުގެ އަސްކަރިއްޔާއިން ތައްޔާރުވާން ފަށައިފިއެވެ. އެގޮތުން އިސްރާއީލުގެ އިސްތިޢުމާރީ ފައުޖުތައް ބަރު ހަތިޔާރާއެކު ޣައްޒާގެ ސަރަޙައްދީ ރޮނގު ކައިރިއަށް ޖަމާވާންަނީ ފަށައިފައެވެ. ބެލެވޭ ގޮތުގައި ފާއިތުވި ދުވަސްތަކުގައި ޣައްޒާއަށް ވަދެގަންނަން އިސްރާއީލުން ފަސްޖެހިފައިވަނީ އެ ޤައުމުގެ ފައުޖުތަކަށް ކުރިމަތިވާނެ ކުރިމަތިލުމެއް ވަޒަންކުރަން ނޭނގޭތީއެވެ. މީގެ ކުރިން ހިނގާފައިވާ ކުރިމަތިލުންތަކުގައިވެސް އިސްރާޢީލުގެ އިސްތިޢުމާރީ ފައުޖުތަކުންވަނީ ޣައްޒާއަށް ވަދެ ޚާއްޞަ އަސްކަރީ ޙަރަކާތްތައް ހިންގައިފައެވެ.

ޢައްޒާއަކީ ފަލަސްޠީނުގެ އެހެން ބިންތަކާ ވަކިން އޮންނަ ސަރަޙައްދެކެވެ. 2 މިލިޔަން މީހުން ދިރިއުޅޭ ޢައްޒާއަކީ ދުނިޔޭގައި އެންމެ ބޮޑަށް ތޮށްޖެހިފައިވާ ސަރަޙައްދެވެ. ޣައްޒާއަށް ކާބޯތަކެއްޗާއި ބޭހާއި އެނޫންވެސް ޒަރޫރީ ސާމާނު އެތެރެކުރެވެނީ އިސްރާއީލުން ޙުއްދަދިނުމުން އެކަންޏެވެ.

ޣައްޒާއަށް ވަންނަން އިސްރާއީލުގެ އަސްކަރިއްޔާއިން ތައްޔާރުވާން ފަށައިފައިވަނީ ޙަމަލާ ބަދަލުކުރުން ހުއްޓާލުމަށް މަޝްވަރާކުރުމަށް މިޞްރުގެ ވަފުދެއް އިސްރާއީލުގެ ވެރިރަށް ތަލް އަބީބަށް ގޮސްފައިވާ ދަނޑިވަޅެއްގައެވެ. އޭގެ ކުރިން އެ ވަފުދުވަނީ ޣައްޒާގެ ވެރިކަންކުރާ ޙަމާސް ޖަމާޢަތާ ބައްދަލުކޮށް، ޙަމަލާ ބަދަލުކުރުން ހުއްޓާލުމަށް މަޝްވަރާކޮށްފައެވެ. އެ ވަފުދު ތަލް އަބީބަށް ގޮސްފައިވަނީ އެއްގަމު މަގުންނެވެ.

ފިޠުރު ޢީދު ދުވަސްވެފައިވަނީ ޣައްޒާއަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ދުވަހަކަށެވެ. އެގޮތުން އިސްރާއީލުން ދިން ޢުދުވާނީ ޙަމަލާތަކުގައި މަރުވި މީހުންގެ ޢަދަދުވަނީ 87އަށް އިތުރުވެ، ޒަޚަމުވި މީހުންގެ ޢަދަދު 530އަށް އިތުރުވެފައެވެ. މަރުވި މީހުންގެ ތެރޭގައި 18 ކުޑަކުދިންނާ 8 އަންހެނުންނާއި މުސްކުޅިއެއް ހިމެނެއެވެ.

އިސްރާއީލުގެ އިސްތިޢުމާރީ ސިފައިން ޣައްޒާއަށް ޙަމަލާދެނީ / ފޮޓޯ: ކިޔުއެންއެން

އިސްރާއީލުން ދިން ޢުދުވާނީ ޙަމަލާތަކުގެ ރައްދުގައި ޙަމާސް ޖަމާޢަތުންވަނީ ވަރުގަދަ ރޮކެޓު ޙަމަލާތަކެއް ދީފައެވެ. އޭގެ ތެރެއިން ގިނަ ޙަމަލާތައް ޢަމާޒުކޮށްފައިވަނީ އިސްރާއީލުގެ ވައިގެ ދިފާޢީ ނިޒާމާ ދެކޮޅަށެވެ. ޙަމާސްގެ ތަރުޖަމާނު އަބޫ އުބައިދާ ވިދާޅުވީ އިސްރާއީލަށް ޙަމަލާދިނުމަކީ ފެންބޯލުންފަދަ ފަސޭހަކަމެއްކަމަށާއި ޤުދުސްގައި ހުންނަ މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް މިސްކިތްކަމަށްވާ އަޤްޞާގައި ޔަހޫދީން ހިންގި ޖަރީމާތަކަށްފަހު ހުރަސްކުރަން ނުޖެހޭ އެއްވެސް ރޮނގެއް ނެތްކަމަށެވެ. ގިނަ ދުވަސްތަކެއްވަންދެން އިސްރާއީލާ ދެކޮޅަށް ހަނގުރާމަ ކުރުމުގެ ޤާބިލުކަން ޙަމާސަށް ލިބިފައިވާކަމަށާއި ދުޝްމަނުންގެ ބަލިކަން ފެންނަމުންދާކަމަށް އޭނާ ވިދާޅުވިއެވެ. އަދި އަސްކަރީގޮތުން ޙަމާސަށްވުރެ އިސްރާއީލު ވަރުގަދަ ނަމަވެސް ހުއްޓުމެއްނެތި ޔަހޫދީންނާ ދެކޮޅަށް ރޮކެޓު ޙަމަލާތައް ދެމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

ޙަމާސުންވަނީ ފާއިތުވި 3 ދުވަސްމަތިން އިސްރާއީލާ ދެކޮޅަށް 2،000 ރޮކެޓު ފޮނުވާލައިފައެވެ. އެ ޙަމަލާތަކުގައި އިސްރާއީލުގެ 6 މީހުން މަރުވެ، ގިނަ ޢަދަދެއްގެ ޢިމާރާތްތަކަށާއި އުޅަނދުތަކަށްވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ޙަމަލާތަކުގައި އިސްރާއީލަށް ލިބެމުންދާ ގެއްލުންތައް އިސްރާއީލުން ވަރަށް ބޮޑަށް ސިއްރުކުރި ނަމަވެސް އެ ޤައުމުގެ މުހިންމު ސަރަޙައްދުތައް އަނދަމުންދާ ފޮޓޯތަކާއި ވީޑިޔޯތައް ޢާންމުވެފައިވެއެވެ. އެގޮތުން އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ އިސްރާއީލުގެ ސިނާޢީ ސަރަޙައްދަކަށެވެ. އެ ސަރަޙައްދުގައި ހުންނަ ހަކަތަ އުފައްދައި މަރުކަޒެއްގައި ވަރަށް ބޮޑަށް ރޯވެފައިވެއެވެ.

އިސްރާއީލަށް ބޮޑު ސިހުމެއް އަންނަވަރުގެ ޙަމަލާތަކެއް ޙަމާސުން ދޭން ފެށީ މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް މިސްކިތްކަމަށްވާ މަސްޖިދުލް އަޤްޞާގައި އިސްރާއީލުގެ އިސްތިޢުމާރީ ފައުޖުތަކުން ހިންގަމުންދާ ހަނގުރާމައިގެ ޖަރީމާތައް ހުއްޓާލައި ފަހަތައް ޖެހުމަށް ދިން މުޙުލަތަށް އިސްރާއީލުން އިޖާބަނުދިނުމުންނެވެ.