ޚަބަރު

ނަތަންޔާހޫއަށް ގުޅުއްވައި ބައިޑަން ހިތްވަރުދެއްވައިފި


އިސްރާޢީލުގެ ދިފާޢަށާއި ސަލާމަތަށް ކުރަންޖެހުނު ކޮންމެ ކަމެއް އެ ޤައުމުން ކުރަންޖެހޭކަމަށާއި އެއީ އެ ޤައުމަށް ލިބިފައިވާ ޙައްޤެއްކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެއެވެ. އޭނާ އެ މޭރުމުން ވާހަކަދެއްކެވީ ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުގެ އަނިޔާވެރިކަން ފާއިތުވި ދުވަސްތަކުގެ ތެރޭގައި އިތުރުވެފައިވަނިކޮށެވެ.

އިސްރާއީލުގެ ޙައްދުފަހަނައަޅާފައިވާ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫއަށް ފޯނުން ގުޅުއްވައި ބައިޑަންވަނީ ހަމަނުޖެހުން ވަރަށް އަވަހަށް ނިމޭނެކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވެފައެވެ. ނަތަންޔާހޫއާ ދެއްކެވި ވާހަކަފުޅަށްފަހު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ހަމަނުޖެހުން އަވަހަށް ނިމޭނެކަމަށް ބައިޑަން އުންމީދުކުރައްވާ ސަބަބެއް ވިދާޅުވެފައެއް ނުވެއެވެ. ނަމަވެސް އޭނާ ވިދާޅުވީ ހަމަނުޖެހުން ހުއްޓުވުމަށް އެމެރިކާގެ ސަރުކާރުން އިސްރާއީލާއި ސަޢުދީ ޢަރަބިއްޔާއާއި މިޞްރާއި ޔޫއޭއީއާ މަޝްވަރާ ކުރަމުންދާކަމަށެވެ. އިސްރާއީލާ ގުޅުން ބަދަހިކޮށްފައިވާ ޢަރަބި 6 ޤައުމުގެ ތެރޭގައި ސަޢުދީ ޢަރަބިއްޔާއާއި މިޞްރާއި ޔޫއޭއީ ހިމެނެއެވެ. އަދި މިޞްރަކީ މީގެ ކުރިން ހިނގާފައިވާ އިސްރާއީލާއި ފަލަސްޠީނުގެ ކުރިމަތިލުންތައް ހުއްޓުވުމަށް މެދުވެރިއެއްގެ ދަޢުރު އެންމެ ގިނަ ފަހަރު ޢަދާކޮށްފައިވާ ޤައުމެވެ. ގިނަ ބަޔަކު ޤަބޫލުކުރާ ގޮތުގައި އެމެރިކާގެ ތާޢީދެއް ނެތި އިސްރާއީލުން ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ޢުދުވާންތަކެއް ނުހިންގާނެއެވެ. މީގެ ކުރިން އެމެރިކާއިން އެންގުމުން އިސްރާއީލުން ހިންގަމުންދިޔަ ޖަރީމާތައް ހުއްޓާލާފައިވެއެވެ.

ފިޠުރު ޢީދު ދުވަހުގެ ހެނދުނު އިސްރާއީލުން ދިން ވައިގެ ޙަމަލާތަކުގައި ޣައްޒާއަށް ލިބިފައިވާ ގެއްލުން: ފޮޓޯ: ކިޔުއެންއެން

އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓު ހައުސުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ނަތަންޔާހޫއަށް ފޯނުން ގުޅުއްވައި ފަލަސްޠީނުގެ ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުން އިސްރާއީލަށް ދެމުންދާ ރޮކެޓު ޙަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައިވާކަމަށެވެ. އަދި އެމެރިކާގެ ތާޢީދު އަބަދުވެސް އިސްރާއީލަށް އޮންނާނެކަމަށާއި އިސްރާއީލުގެ ދިފާޢަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރުމުގެ ޙައްޤު އެ ޤައުމަށް އޮންނާނެކަމަށް އޭނާވަނީ ވިދާޅުވެފައެވެ. ފާޅުގައި ޒަޔަނިސްޓެއްކަމަށް ވިދާޅުވާ ބައިޑަންވަނީ ޞުލްޙަ ޤާއިމުވަންދެން ނަތަންުޔާހޫ މަޝްވަރާކުރައްވަމުންދާނެކަމަށް ވިދާޅުވެފައިވާކަމަށްވެސް ވައިޓު ހައުސުން ބުނެފައެވެ.

އޭގެ އިތުރުން އެމެރިކާގެ ޚާރިޖީ ވަޒީރު އެންތޮނީ ބުލިންކެންވަނީ ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާހަށް ގުޅުއްވައި ފަލަސްތީނުގެ ހަނގުރާމަވެރިން އިސްރާއީލަށް ދެމުންދާ ޙަމަލާތައް ވަރަށް ބޮޑަށް ކުށްވެރިކުރައްވައިފައެވެ. އަދި އިސްރާއީލާއި ފަލަސްޠީނާ ދެމެދު އުފެދިފައިވާ ހަމަނުޖެހުން ޙައްލުކުރުމަށް އޭނާވަނީ ޚާއްޞަ މަންދޫބެއް އެ ސަރަޙައްދަށް ފޮނުއްވައިފައެވެ،

އިސްރާއީލަށް ބޮޑު ސިހުމެއް އަންނަވަރުގެ ޙަމަލާތަކެއް ޙަމާސުން ދޭން ފެށީ މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް މިސްކިތްކަމަށްވާ މަސްޖިދުލް އަޤްޞާގައި އިސްރާއީލުގެ އިސްތިޢުމާރީ ފައުޖުތަކުން ހިންގަމުންދާ ހަނގުރާމައިގެ ޖަރީމާތައް ހުއްޓާލައި ފަހަތައް ޖެހުމަށް ދިން މުޙުލަތަށް އިސްރާއީލުން އިޖާބަނުދިނުމުންނެވެ. އިސްރާއީލުގެ އިސްތިޢުމާރީ ފަުޖުތަކުން ދިން ޙަމަލާތަކުގައި އަޤްޞާގައި އަޅުކަންކުރަން ތިބި 700އަށްވުރެ ގިނަ މީހުން ޒަޚަމުވެފައިވެއެވެ. އަދި ރައްދުގައި ޙަމާސުން އިސްރާއީލަށް ވަރުގަދަ ރޮކެޓު ޙަމަލާތަކެއް ދިނުމުން އިސްރާއީލުން ޣައްޒާއަށް ދެމުންދާ ޙަމަލާތަކުގައި 69 މީހުންވަނީ މަރުވެފައެވެ. އޭގެ ތެރޭގައި 17 ކުޑަކުދިންނާއި 6 އަންހެނުންނާއި މުސްކުޅިއެއް ހިމެނެއެވެ. ޙަމާސުން އިސްރާއީލަށް ދެމުންދާ ޙަމަލާތަކުގައި މަރުވެފައިވަނީ އެ ޤައުމުގެ 6 މީހުންނެވެ.