ޚަބަރު

ރައީސް ނަޝީދުގެ ބޭސްފަރުވާގެ ހުރިހާ ޚަރަދެއް ޖަރުމަންވިލާތުގެ ސަރުކާރުން


ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ބޮމުގެ ހަމަލާއިން ލިބިވަޑައިގަތް ޒަޚަމްތަކަށް އިތުރު ފަރުވާ ހޯއްދެވުމަށް ޖަރުމަންވިލާތަށް ކުރައްވާ ދަތުރުފުޅުގެ ހުރިހާ ޚަރަދެއް ހަމަޖައްސަވަނީ ޖަރުމަންވިލާތުގެ ސަރުކާރުންކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ހާމަކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވިދާޅުވީ ރައީސް ނަޝީދަށް ލިބިވަޑައިގަތް ޒަޚަމްތަކަށް ޖަރުމަންވިލާތަށް މިއަދު ހެނދުނު ފުރާވަޑައިގަތީ އެއަރ އެމްބިއުލާންސެއްގައިކަމަށެވެ. އަދި ދަތުރުކުރެއްވި އެއަރ އެމްބިއުލާންސްގެ ޚަރަދާއި ޖަރުމަންވިލާތުގައި ބޭސްފަރުވާ ކުރެއްވުމުގެ ޚަރަދު ހަމަޖައްސަވާފައިވަނީ ޖަރުމަންވިލާތުގައި ހުންނަވާ ރާއްޖޭގެ އޮނަރަރީ ކޮންސޫލް މިސްޓަރ ކްރިސްޓިއަން ވޮން ސްޓެޓެން މެދުވެރިކޮށްކަމަށް މަޖިލީހުގެ އިދާރާއިން ވިދާޅުވިއެވެ. އަދި މި ދަތުރުފުޅުގެ އެންމެހާ އިންތިޒާމުތައް ހަމަޖައްސަވާފައި ވަނީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއާއި ޖަރުމަންވިލާތުގައި ހުންނަ ރާއްޖޭގެ އެމްބަސީ މެދުވެރިކޮށް ޖަރުމަން ސަރުކާރުންކަމަށްވެސް މަޖިލީހުގެ އިދާރާއިން ވިދާޅުވެއެވެ.

ރައީސް ނަޝީދު އިތުރު ފަރުވާއަށް ވަޑައިގަތީ އޭޑީކޭ ހޮސްޕިޓަލުން ގިނަ ސާޖަރީތަކެއް ހައްދަވައި ފަރުވާ ހޯއްދެވުމަށްފަހުއެވެ. މިހާރު އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅުވަމުން އަންނަކަމަށް އާއިލާއިން ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދު އޭޑީކޭ ހޮސްޕިޓަލުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ވަޑައިގަތީ ވަރަށް މަތީ ފަންތީގެ ސެކިއުރިޓީއަކާއެކުއެވެ. އެގޮތުން އެމަނިކުފާނު ފުރާވަޑައިގަތުމުގެ މާކުރިން އޭޑީކޭ ހޮސްޕިޓަލުން ފެށިގެން މާލޭގެ ބައެއް މަގުތަކާއި ބްރިޖާއި، އެއަރޕޯޓް ސަރަހައްދުގައި ސަލާމަތީ ޚިދުމަތްތަކުން ގެންދިޔައީ ފޯރިމަރަމުންނެވެ. އެގޮތުން ސެކިއުރިޓީ އުޅަނދުތަކާއި، ހަތިޔާރާއެކު ގިނަ އަދަދެއްގެ ސިފައިންނާއި ފުލުހުން ހަރަކާތްތެރިވިއެވެ.

ފަހަކަށް އައިސް މަތީ ފަންތީގެ ބޭފުޅަކަށް މިހާ ވަރުގަދަ ސެކިއުރިޓީއެއް ފޯރުކޮށްދޭ މަންޒަރު ފެނިފައެއްނުވެއެވެ. ރައީސް ނަޝީދުގެ އާއިލާއިން ވަނީ އެމަނިކުފާނަށް އޭޑީކޭ ހޮސްޕިޓަލުން ދެއްވި ފަރުވާއާމެދު ހިތްހަމަޖެހޭކަމަށް ވިދާޅުވެފައެވެ. އަދި އޭޑީކޭ ޑޮކްޓަރުންގެ ޓީމަށް އާއިލާއިން ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއަށްފަހު ފުރަތަމަފަހަރަށް ރޭ ކުރެއްވި ޓްވީޓެއްގައިވެސް ރައީސް ނަޝީދު ވަނީ ސިއްޙީ ދާއިރާއަށާއި، ސިއްޙީ ޚިދުމަތްތެރިނަށް ޝުކުރު އަދާކުރައްވާފައެވެ.

ރައީސް ނަޝީދުގެ ހާލަުކޮޅު މިހާރު ރަނގަޅުވަމުން އަންނައިރު، ހަމަލާއާއި ގުޅިގެން އެމަނިކުފާނު ހޮސްޕިޓަލަށް ގެންދެވުނިއިރު ހާލަުކޮޅު ވަރަށް ސީރިއަސްކަމަށާއި، އެމަނިކުފާނުގެ ފުރާނަ ސަލާމަތްވީ ކިރިޔާކަމަށް، ރައީސް ނަޝީދަސް ފަރުވާދެއްވި ޑޮކްޓަރުންގެ ޓީމުން ވިދާޅުވެފައިވެއެވެ.

ރައީސް ނަޝީދަށްް ހަމަލާދިން މައްސަލާގައި މިހާތަނަށް 3 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. މި އެންމެންގެ ބަންދުގެ މުއްދަތަށް ކޯޓުން 15 ދުވަސް ވަނީ ޖަހާދީފައެވެ. ހައްޔަރުކުރި މީހުންގެ ތެރޭ ގައި ރައީސް ނަޝީދަށް ފަރާލާ މި ބޮން ގޮއްވާލުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވި މީހާއާއި ބޮން ހަރުކޮށްފައި ހުރި ސައިކަލްގެ ވެރިފަރާތްވެސް ހިމެނެއެވެ.