ޚަބަރު

އަޙްމަދީނިޖާދު އަލުން ވެރިކަމަށް ކުރިމަތިލައްވަނީ


އީރާނުގެ ކުރީގެ ރައީސް މަޙްމޫދު އަޙްމަދީނިޖާދު އަނެއްކާވެސް އެ ޤައުމުގެ ރައީސްކަމަށް ވާދަކުރެއްވުމަށް ލިޔެކިޔުންތައް ހުށަހަޅުއްވައިފިއެވެ.

ހުޅަނގުގެ ޤައުމުތަކުގެ މަޤުބޫލުކަން ކުޑަ އަޙްމަދީނިޖާދު އީރާނުގެ ވެރިކަމާ ފުރަތަމަ ޙަވާލުވެވަޑައިގެންނެވީ 2005ވަނަ އަހަރުގެ ތެރޭގައެވެ. 2013ވަނަ އަހަރު ރައީސްކަމުން އޭނާ ދުރުވެވަޑައިގެންފައިވަނީ ޖެހިޖެހިގެން ވެރިކަމުގެ 2 ދަޢުރު ފުރިހަމަކުރައްވައިފައެވެ. އެއަށްފަހު އެ ޤައުމުގެ ރައީސްކަން ކުރައްވަމުން ދަނީ ޙަސަން ރޫޙާނީއެވެ. ނަމަވެސް ޖެހިޖެހިގެން ވެރިކަމުގެ 2 ދަޢުރު ފުރިހަމަ ކުރެއްވުމުން ތިންވަނަ ދަޢުރަކަށް އެމަނިކުފާނަކަށް ކުރިމައްޗެއް ނުލެއްވޭނެއެވެ.

ކުރިއަށްއޮތް ޖޫން މަހުގެ ތެރޭގައި އީރާނުގެ ރިޔާސީ އިންތިޚާބު ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. އިންތިޚާބުގައި ވާދަކުރެއްވުމަށް ލިޔެކިޔުންތައް ހުށަހެޅުއްވުމަށްފަހު އަޙްމަދީނިޖާދު ވިދާޅުވީ އީރާނުގެ ކަންކަމާ ގުޅޭގޮތުން ގޮތް ނިންމުމުގައި ޢާންމުންގެ ބައިވެރިވުން އޮންނަންޖެހޭކަމަށެވެ. އަދި އެފަދަ އިޞްލާޙެއް ގެނައުމަށް ޤައުމުގެ ހުރިހާ ރައްޔިތުން ތައްޔާރުވާންޖެހޭކަމަށެވެ.

ރައީސްކަމަށް ވާދަކުރަން އެދޭ ފަރާތްތަކުން ލިޔެކިޔުންތައް ހުށަހެޅުމަށް ކަނޑައަޅާފައިވާ އެންމެ ފަހު ތާރީޚަކީ މެއި މަހުގެ 15ވަނަ ދުވަހެވެ. އެއަށްފަހު ލިޔެކިޔުންތައް ހުށަހަޅާފައިވާ ފަރާތްތަކުގެ ސިޔާސީ އަދި ދީނީ ޝަރުތުތައް ފުރިހަމަވޭތޯ ބަލާނީ 12 މެންބަރުންގެ މައްޗަށް ހިމެނޭ ގާޑިޔަން ކައުންސިލުންނެވެ. އެ ކައުންސިލުގައި ތިއްބަވާ މެންބަރުންގެ ތެރެއިން 6 މެންބަރުންނަކީ އީރާނުގެ އެންމެ އިސްވެރިޔާ އާޔަތުﷲ ޚާމަނާއީ ޢައްޔަނުކުރައްވާފައިވާ މެންބަރުންނެވެ.

ވެރިކަމުގެ ފުރަތަމަ ދަޢުރު ފުރިހަމަ ކުރެއްވުމަށްފަހު 2009ވަނަ އަހަރު ދެވަނަ ދަޢުރަކަށް އަޙްމަދީނިޖާދު އިންތިޚާބުވެވަޑައިގަތުމުން އީރާނުގައި ވަރުގަދަ މުޒާހަރާތަކެއް ކޮށްފައިވެއެވެ. އޭރު ޚާމަނާއީގެ ތާއީދު އަޙްމަދީނިޖާދަށް ލިބިވަޑައިގެންފައިވެއެވެ. ނަމަވެސް ޚާމަނާއީއަށް ލިބިވަޑައިގެންފައިވާ ބާރުތަކާ ގުޅޭގޮތުން އަޙުމަދީނިޖާދު ސުވާލު އުފެއްދެވުން 2 ބޭފުޅުންގެ ދެމެދުގައި ނުތަނަވަސްކަން އުފެދުނެވެ. 2017ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް އަޙުމަދީނިޖާދު ލިޔެކިޔުންތައް ހުށަހެޅުއްވުމުން ގާޑިޔަން ކައުންސިލުންވަނީ އޭނާގެ ޝަރުތު ހަމަނުވާކަމަށް ނިންމައިފައެވެ. އޭގެ ފަހުންވެސް އަޙުމަދީނިޖާދުވަނީ ޤައުމުގެ ހިންގުމަށް ބަދަލުތަކެއް ގެންނަންޖެހޭކަމަށް ވިދާޅުވެ ވާހަކަދައްކަވައިފައެވެ.

އީރާނުގެ ފަޤީރުންނާއި އާދައިގެ ރައްޔިތުންގެ މެދުގައި އަޙުމަދީނިޖާދަކީ މަޤުބޫލު ބޭފުޅެއް ނަމަވެސް ކުރިއަށް އޮތް އިންތިޚާބުގައި އޭނާއަށް ތާއީދު އޮންނާނެ މިންވަރު ލަފާކުރަން ދައްޗެވެ. މިހާރުގެ ޖުޑީޝަރީ ޗީފް އިބްރާހީމު ރައީސީ އިންތިޚާބުގައި ވާދަކުރައްވާނަމަ އޭނާއަށް ގިނަ ސިޔާސީ ޕާޓީތަކުން ތާއީދުކުރާނެކަމަށް ބެލެވެއެވެ. ޚާމަނާއީގެ އަރިސް ބޭފުޅެއްކަމަށްވާ ރައީސީއަކީ ޚާމަނާއީއަށްފަހު އީރާނުގެ އެންމެ އިސްވެރިޔާގެ މަޤާމަށް ވަޑައިގަންނަވާނެ ބޭފުޅާކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ.