ޚަބަރު

ޖޮންސަންގެ ދަރަންޏެއް ނުދައްކަވާކަމަށް ރަސްމީ ލިޔެކިޔުންތަކުން ދައްކައިފި


އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޮންސަން ދައްކަވަންޖެހޭ 535 ޕައުންޑު ނުވަތަ 756 ޑޮލަރުގެ ދަރަންޏެއް ނުދައްކަވާ އޮތްކަމަށް އެ ޤައުމުގެ ކޯޓެއްގެ ރަސްމީ ލިޔެކިޔުންތަކުން ދައްކައިފިއެވެ.

2020ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 26ވަނަ ދުވަހުގެ ތާރީޚު އޮތް އެ ލިޔުމުގައި ޖޮންސަން ފިޔަވައި އެހެން މީހެއްގެ ނަމެއް ފާހަގަކޮށްފައެއް ނުވެއެވެ. އެ ލިޔުމުގައި އޮތީ ޖޮންސަން ދައްކަވަންޖެހޭކަމަށް ކޯޓުން ނިންމާފައިވާ ފައިސާ ނުދައްކަވާކަމަށެވެ.
އެކަމާ ގުޅޭގޮތުން ޖޮންސަންގެ ފަރާތުން ވާހަކަދެއްކި ތަރުޖަމާނެއް ބުނީ ކޯޓުގެ ނިންމުން ބަދަލުކުރުމަށް ކޯޓަށް ހުށަހަޅާނެކަމަށާއި ޖޮންސަންގެ ރެކޯޑުން އެ ދަރަނި ފުހެލުމަށް އެދޭނެކަމަށެވެ. އަދި ޖޮންސަން އެ ފައިސާ ދައްކަވަންޖެހޭ އެއްވެސް ޤާނޫނީ ސަބަބެއް ނެތްކަމަށް ބުނާ ލިޔުމެއްވެސް ހޯދާނެކަމަށް އޭނާ ބުނެފައިވެއެވެ.

ފާއިތުވި ހަފުތާތަކުގައި ބޮރިސް ޖޮންސަންގެ މާލީ ޚަރަދުތަކަށް އޮތް ސަމާލުކަންވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އޭނާ ޤައުމުން ބޭރަށް ކުރައްވާފައިވާ އަމިއްލަ ދަތުރުފުޅުތަކުގެ މަޢުލޫމާތު ޙިއްޞާކުރައްވާފައިވާ ގޮތް އެ ޤައުމުގެ ޤަނޫނުހަދާ މަޖިލީހުގެ ސްޓޭންޑާޑުސް ކޮމިޝަނުންވަނީ ތަހުޤީޤުކުރަން ފަށައިފައެވެ. އަދި އެ ޤައުމުގެ އިންތިޚާބާބެހޭ ކޮމިޝުންވަނީ ބޮޑުވަޒީރު ދިރިއުޅުއްވާ ގެކޮޅު މަރާމާތުކުރުމުގައި ޚަރަދުކުރައްވާފައިވާ ގޮތްވެސް ތަޙްޤީޤުކުރަން ފަށައިފައެވެ. އިދިކޮޅު ސިޔާސީ ފަރާތްތަކުންވަނީ ސަރުކާރަށް ޚިޔާނާތުގެ ތުހުމުތުކޮށް ޤަވާއިދާ ޚިލާފަށް ސަރުކާރުން ޢަމަލުކުރަމުންދާކަމަށް ބުނެފައެވެ.