ޚަބަރު

8 ހަފުތާއަށް އިންޑިޔާ ފުރަބަންދުކުރަން ޖެހޭކަމަށް ބުނެފި


އިންޑިޔާގައި ކޯވިޑް-19 އެންމެ ހަލުވިކޮށް ފެތުރޭ ސަރަޙައްދުތައް 6 ހަފުތާއާއި 8 ހަފުތާއާ ދެމެދުގެ މުއްދަތަކަށް ފުރަބަންދުކުރުން މުހިންމުކަމަށް އެ ޤައުމުގެ މައި ޞިއްޙީ އިދާރާގެ އިސްވެރިޔާ ވިދާޅުވެއްޖެއެވެ. މިއީ އިންޑިޔާ ފުރަބަންދުކުރަންޖެހޭ މުއްދަތާ ގުޅޭގޮތުން އެ ޤައުމުގެ ރަސްމީ ފަރާތެއް ވާހަކަދެއްކެވި ފުރަތަމަ ފަހަރެވެ.

އެމެރިކާއަށްފަހު ދެވަނައަށް އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ކޯވިޑް-19 ޖެހިފައިވަނީ އިންޑިޔާގައެވެ. ދުނިޔޭގެ އާބާދީގެ 18 އިންސައްތަ މީހުން ދިރިއުޅޭ އިންޑިޔާގައި މިހާތަނަށް 23.6 މިލިޔަނަށްވުރެ ގިނަ މީހުންނަށް ބަލިޖެހި 258،280 މީހުން މަރުވެފައިވާކަމަށް ރަސްމީ ޢަދަދުތަކުން ދައްކައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ޤައުމުގައި 356،749 މީހުންނަށް ބަލިޖެހި 4،055 މީހުންވަނީ މަރުވެފައެވެ. އެ ޤައުމުގައި ބަލިޖެހިފައިވާ މީހުންނާއި މަރުވި މީހުންގެ އަސްލު ޢަދަދު ރަސްމީ ޢަދަދުތަކަށްވުރެ އެތައް ގުނައެއް އިތުރުވާނެކަމަށް ޞިއްޙީ މާހިރުން ބުނެއެވެ.

ޤައުމުގެ ޙާލަތު ވަރަށް ބޮޑަށް ގޯސްވި ނަމަވެސް ފުރަބަންދެއްގެ ސަބަބުން ކުރިމަތިވާނެ އިޤްތިޞާދީ ނޭދެވޭ އަސަރުތަކުގެ ސަބަބުން މުޅި ޤައުމު ފުރަބަންދުކުރުމަށް އެ ޤައުމުގެ ސަރުކާރުން ފަސްޖެހެއެވެ. ނަމަވެސް ވަކިވަކި ސްޓޭޓުތައް ފުރަބަންދުކުރުމުގެ ބާރު ސަރަޙައްދީ ސަރުކާރުތަކަށް ދިނުމުން ވަރަށް ގިނަ ސްޓޭޓުތައްވަނީ ފުރަބަންދުކޮށްފައެވެ.

އިންޑިއަން ކައުންސިލް އޮފް މެޑިކަލް ރިސާޗު، އައިސީއެމުއާރުގެ އިސްވެރިޔާ ޑރ. ބަލްރަމު ބަރުގަވާ ވިދާޅުވީ ކޯވިޑް-19އަށް ތަހުލީލުކުރާ މީހުންގެ 10 އިންސައްތައަށްވުރެ ގިނަ މީހުންނަށް ބަލިޖެހެމުންދާ ސަރަޙައްދުތައް ފުރަބަންދުކުރަންޖެހޭކަމަށެވެ. އިންޑިޔާގެ 718 ޑިސްޓުރިކްޓުގެ ތެރެއިން ހަތަރުބައިކުޅަ ތިންބައިގައި ބަލިޖެހޭ މީހުންގެ ޢަދަދު ބައްޔަށް ތަހުލީލުކުރާ މީހުންގެ 10 އިންސައްތައަށްވުރެ އިތުރެވެ. އޭގެ ތެރޭގައި ނިޔު ދިއްލީއާއި މުންބާއީއާއި ބެންގަލޫރުފަދަ ބޮޑެތި ސިޓީތައްވެސް ހިމެނެއެވެ. އިންޑިޔާގެ ސްޓޭޓުތަކުގެ ތެރެއިން ފުރަބަންދުކޮށްފައިވާ ސްޓޭޓުތަކުގެ ތެރޭގައި ޓަމިލް ނާޑޫއާއި ކަރުނާޓަކާއާއި ކެރެލާއާއި ރާޖަސްތާނާއި ބިހާރާއި ނިޔު ދިއްލީ ހިމެނެއެވެ.

ކޯވިޑް-19 ޖެހޭ މީހުންގެ ނިސްބަތް 10 އިންސައްތައިން 5 އިންސައްތައަށް ދަށްކުރެވިއްޖެނަމަ ފުރަބަންދުކުރާ ސަރަޙައްދުތައް އަލުން ހުޅުވިދާނެކަމަށް ބަލްރަމު ވިދާޅުވިއެވެ. ނަމަވެސް އެ ޢަދަދަށް އެ ނިޞްބަތް ދަށްކުރުމަށް 6 ހަފުތާ ނުވަތަ 8 ހަފުތާއަށްވުރެ ގިނަ ދުވަސް ނަގާނެކަމަށް އޭނާ ވިދާޅުވިއެވެ. އިންޑިޔާގެ ވެރިރަށް ނިޔު ދިއްލީ މިސާލަކަށް ނަންގަވަމުން އޭނާ ވިދާޅުވީ އެ ސިޓީ ފުރަބަންދުކުރުމުން ބަލިޖެހޭ މީހުންގެ ނިޞްބަތް 35 އިންސައްތައިން 17 އިންސައްތައަށް ދަށަށްގޮސްފައިވާކަމަށެވެ. ނަމަވެސް މިހާރު އޮތް ޙާލަތުގައި އެ ސިޓީ ހުޅުވައިލުންވާނީ ބޮޑު ކާރިޘާއަކަށްކަމަށް އޭނާ ވިދާޅުވިއެވެ.