ޚަބަރު

މަރުވެފައިވާ ގިނަ ޢަދަދެއްގެ މީހުން ގަންގާ ކޯރުން ފެންނަނީ


އިންޑިޔާގެ ގަންގާ ކޯރުން މަރުވެފައިވާ ގިނަ ޢަދަދެއްގެ މީހުން ފެންނަން ފަށައިފިއެވެ.

ބިހާރުގެ ގަންގާ ކޯރުގެ ސަރަޙައްދުން މިހާތަނަށް މަރުވެފައިވާ 70އަށްވުރެ ގިނަ މީހުންވަނީ ފެނިފައެވެ. ބިހާރާ ޖެހިގެން އޮންނަ އުއްތަރު ޕުރަދޭޝުންވެސް މަރުވެފައިވާ 12 މީހުން ފެންމަތީގައި އޮއްވާ ފެނިފައިވެއެވެ. ބެލެވޭ ގޮތުގައި އެ މީހުން މަރުވެފައިވަނީ ކޯވިޑް-19 ޖެހިގެންނެވެ.

ބިހާރުގެ ބުކްސަރު ޑިސްޓުރިކްޓުން ބުނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި މަރުވެފައިވާ 71 މީހުންގެ ހަށިގަނޑު ކޯރުން ނަގާފައިވާކަމަށެވެ. އޭގެ ކުރީ ދުވަހު ހަމަ އެ ސަރަޙައްދުން މަރުވެފައިވާ 30 މީހުންވަނީ ފެނިފައެވެ. އެ މީހުން މަރުވެފައިވާ ސަބަބު ދެނެގަތުމަށް އޮޓޮޕްސީ ހެދުމަށް ހުށަހެޅި ނަމަވެސް ހަށިގަނޑުތައް ވަރަށް ބޮޑަށް ކުނިވެފައިވުމުން އެ މަސައްކަތްކުރުމަށް ޑޮކްޓަރުންވަނީ ދެކޮޅުހަދާފައެވެ. އުއްތަރު ޕުރަދޭޝުގެ ގަޒިޕޫރު ޑިސްޓުރިކްޓުންވެސް އެ ސަރަޙައްދަށް ޖަމާވަމުންދާ ހަށިގަނޑުތަކުގެ އަސްލު ދެނެގަތުމަށް ދަނީ މަސައްކަތްކުރަމުންނެވެ. މަރުވެފައިވާ މީހުން ކޯރުގައި އޮންނަތާ މަދުވެގެން 6 ދުވަސްވެދާނެކަމަށް ބެލެވެއެވެ.

ކޯވިޑް-19 ޖެހިގެން މަރުވި ބައެއްކަމަށް ޝައްކުކުރެވޭ ބައެއްގެ ހަނިގަނޑުތައް ފެންނަން ފެށުމުން ގަންގާ ކޯރުގެ ފެނުގެ ރައްކާތެރިކަމާމެދު ބިހާރާއި އުއްތަރު ޕުރަދޭޝްގެ ރައްޔިތުންވަނީ ސުވާލު އުފައްދައިފައެވެ. ކިތަންމެ ނަޖިސް ނަމަވެސް އެ ކޯރުގެ ފެނަކީ ބުއިމަށާއި އެހެނިހެން ބޭނުންތަކަށް ބޭނުންކުރާ ފެނެކެވެ.