ކުޅިވަރު

އާސެނަލް އާއި ޗެލްސީ ބައްދަލުކުރިމެޗް އާސެނަލް ކާމިޔާބުކޮށްފި


އިންގްލިޝް ޕްރިމިއަރ ލީގުގައި އާސެނަލް އާއި ޗެލްސީ ބައްދަލުކުރިމެޗް އާސެނަލް ކާމިޔާބުކޮށްފިއެވެ. ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗް އާސެނަލް ކާމިޔާބުކުރީ އެއްލަނޑު ސުންލަނޑުންނެވެ.

ވާދަވަރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޗެލްސީއިންނެވެ. މިމެޗަށް ޗެލްސީއިންވަނީ އެޓީމްގެ ފުރަތަމަ އެގާރައަށް ހަތް ބަދަލެއް ގެނެސްފައެވެ. މީގެ އެންމެ ބޮޑު އެއް ސަބަބަކަށް ވެފައިވި އަންނަ ހޮނިހިރު ދުވަހު އެފް އޭ ކަޕްގެ ފައިނަލް މެޗަށް ޗެލްސީއިން މުހިންމު ކުންތެރިންނަށް ރެސްޓް ދިނުމެވެ. މިމެޗްގެ ހަމައެކަނި ލަނޑު މެޗްގެ 16 ވަނަ މިނެޓްގައި ޗެލްސީގެ ޖޯޖީނިއޯއަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ ޖަހާފައިވަނީ އެމީލް ސްމިތު ރޯއެވެ. މިމެޗްގައި ޗެލްސީ އިން ގިނަ ހަމަލާ ތަކެއް އުފެއްދި ނަމަވެސް އެއިން އެއްވެސް ހަމަލާއެއް އެޓީމަށް ކާމިޔާބުވާ ގޮތެއް ނުވިއެވެ. މިމެޗްގައި އާސެނަލްއިންވަނީ ޗެލްސީގެ ހަމަލާތަށް ހުއްޓުވުމަށް ވަރަށް ރަނގަޅަށް މަސައްކަތްކޮށްފައެވެ. ޗެލްސީއިން މެޗްގެ ފަހު ވަގުތު ފޮނުވާލި ދެ ހަމަލާއެއްވަނީ އާސެނަލްގެ ގޯލްގެ ދަނޑިއަށްވެސް އަމާޒުވެފައެވެ.

މިކާމިޔާބީއާއެކު އާސެނަލްއަށް މިހާރުވަނީ ކުޅުނު 36 މެޗުން ލިބިފައިވާ 55 ޕޮއިންޓާއެކު ތާވަލްގެ 8 ވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި މިއަންނަ ސީޒަންގައި ޔޫރަޕްގައި ކުޅުމުގެ ފުރުސަތު އާސެނަލްއަށް ހަނިނަމަވެސް މި ކާމިޔާބީގެ ސަބަބުން އެ އުންމީދަށް ކުޑަހިތްވަރެއް އަނެއްކާވެސް ވަނީ ލިބިގެން ގޮސްފައެވެ. މިމެޗުން ބަލިވުމުން ޕޮއިންޓް ތާވަލްގެ ތިންވަނައަށް އެރުމަށް ޗެލްސީއަށް ލިބިފައިވި ފުރުސަތު މިވަނީ ގެއްލިގެން ގޮސްފައެވެ. ޗެލްސީ މިހާރު އޮތީ ކުޅުނު 36 މެޗުން ލިބިފައިވާ 64 ޕޮއިންޓާއެކު ތާވަލްގެ 4 ވަނައިގައެވެ.