ކުޅިވަރު

އެޓްލެޓިކޯ މެޑްރިޑާއި ސޮސިއެޑާޑް ބައްދަލުކުރިމެޗް އެޓްލެޓިކޯ ކާމިޔާބުކޮށްފި


ސްޕެނިޝް ލަލީގާގައި އެޓްލެޓިކޯ މެޑްރިޑާއި ރެއާލް ސޮސިއެޑާޑް ބައްދަލުކުރިމެޗް އެޓްލެޓިކޯ ކާމިޔާބުކޮށް ލީގު ކާމިޔާބު ކުރުމާއި ގާތަށް ޖެހިލައިފިއެވެ. އެޓްލެޓިކޯގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ 2 ލަނޑު އެއްލަނޑުންނެވެ.

މި މެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ސޮސިއެޑާޑުންނެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 16 ވަނަ މިނެޓްގައި ޖަހައި ލީޑު ނެގީ އެޓްލެޓިކޯއެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޔަނިކް ކަރެސްކޯއެވެ. އަދި އެޓީމްގެ ދެވަނަ ލަނޑު މެޗްގެ 28 ވަނަ މިނެޓްގައި ޖަހައިފައިވަނީ އެންގެލް ކޮރެއާއެވެ. މިމެޗްގައި ސޮސިއެޑާޑުން ޖެހި ހަމައެކަނި ލަނޑު މެޗްގެ 83 ވަނަ މިނެޓްގައި ޖަހައިދިނި އީގޯ ޒުބެލްޑިއާއެވެ. މިމެޗްގައި މީގެއިތުރުންވެސް ލަނޑު ޖަހާނެ ފުރުސަތު ދެޓީމަށް ލިބިގެންދިޔަ ނަމަވެސް އެއިން އެއްވެސް ހަމަލާއެއް ކާމިޔާބު ވާގޮތެއް ނުވިއެވެ.

މިކާމިޔާބީއާއެކު އެޓްލެޓިކޯއަށް މިހާރުވަނީ ކުޅުނު 36 މެޗުން 80 ޕޮއިންޓް ލިބިފައެވެ. އަދި ބާކީ އޮތް ދެމެޗުން މޮޅުވެއްޖެ ނަމަ މިފަހަރުގެ ލަލީގާގެ ޗެމްޕިއަންކަން އެޓީމަށް ލިބިގެންދާނެއެވެ. އެޓްލެޓިކޯގެ ފަހު ދެމެޗްގައި ބައްދަލު ކުރާނީ އޮސަސޫނާ އާއި ރެއާލް ވަޔަޑޮލިޑްއާއެވެ. މިވަގުތު ދެވަނައިގައި އުޅޭ ބާސެލޯނާ އާއި އެޓްލެޓިކޯ އާއި ދެމެދު މިހާރު 4 ޕޮއިންޓްގެ ތަފާތު ހުރި ނަމަވެސް އެޓްލެޓިކޯއަށް އެންމެ ބޮޑު ވާދަވެރި ކަމެއް މިވަގުތު އޮތީ އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑްގެ ފަރާތުންނެވެ. ރެއާލް މިވަގުތު ޕޮއިންޓް ތާވަލްގެ ތިންވަނައިގައި 75 ޕޮއިންޓާއެކު އޮތް ނަމަވެސް އެޓީމް ނުކުޅެ އޮތް މެޗް ކާމިޔާބުކޮށްފި ނަމަ އެޓްލެޓިކޯ އާއި ދެމެދުގައިވާ ފަރަގު ދެ ޕޮއިންޓަށް ކުޑަވެގެންދާނެއެވެ. އެހެން ކަމުން ބާކީ އޮތް ދެމެޗްގެ ތެރެއިން އެއްވެސް މެޗަކުން ޕޮއިންޓެއް ގެއްލުނު ނަމަވެސް ލީގު ގެއްލުމުގެ ފުރުސަތު އެޓްލެޓިކޯއަށް އޮންނާނެއެވެ. މިމެޗުން ބަލިވި ސޮސިއެޑާޑް އުޅެނީ ކުޅުނު 36 މެޗުން ލިބިފައިވާ 56 ޕޮއިންޓާއެކު ތާވަލްގެ ފަސްވަނައިގައެވެ.