ބޮމުގެ ހަމަލާއާ ގުޅިގެން ލިބިވަޑައިގެންނެވި ޒަހަމްތަކަށް އިތުރު ފަރުވާ ހޯއްދެވުމަށް ރައީސް މުޙައްމަދު ނަޝީދު މާދަމާ ޖަރުމަންވިލާތަށް ފުރާވަޑައިގަންވާގޮތަށް ހަމަޖެހިއްޖެއެވެ.
ރައީސް ނަޝީދުގެ އާއިލާއިން ބުނީ މިވަގުތު ރައީސް ނަޝީދު އެމަޖެންސީގައި ރާއްޖެއިން ބޭރަށް ގެންދަން ނުޖެހުނު ނަމަވެސް އިތުރު ފަރުވާއަށް ޖަރުމަނަށް ގެންދިއުމަށް ނިންމަންޖެހޭ ނިންމުންތައް މިހާރު ނިމި، މާދަމާ ފުރާވަޑައިގަތުމަށް ހަމަޖެހިފައިވާކަމަށެވެ.
ރައީސް ނަޝީދުގެ ބޭބޭފުޅު ޑރ.އިބްރާހީމް ނާޝިދު (ޑރ.ނާޝް) ޕީއެސްއެމް ނިއުސްއަށް ކުރިން ވިދާޅުވީ، ރައީސް ނަޝީދަށް އޭޑީކޭއިން ޑޮކްޓަރުން ދެއްވާ ފަރުވާއާމެދު އާއިލާއިން އަދި ރައީސް ނަޝީދުވެސް ހިތްޕުޅު ހަަމަޖެހިވަޑައިގަންނަވާކަމަށެވެ.
މިމަހުގެ 6 ވަނަދުވަހުގެރޭ ރައީސް ނަޝީދު އަވަހާރަކޮށްލުމަށް އެއްޗެއް ގޮއްވާލާ ދިން ހަމަލާގައި އެމަނިކުފާނަށް ސީރިއަސް ޒަހަމްތަކެއް ލިބިވަޑައިގެން ގިނަ އޮޕަރޭޝަންތަކެއް ވަނީ ކޮށްފައެވެ. ރައީސް ނަޝީދަށް ހަމަލާދިނުމަށް ބޭނުންކުރި ބޮން ހަދާފައިވަނީ އެގާއި ގިނަ އަދަދެއްގެ ރޭޒާފުކާއި އެހެނިހެން ގެއްލުންދޭ ތަކެތި ހިމަނައިގެންކަމުން މި ބޮން ގޮއްވާލުމާއި އެކު މިތަކެތިވަނީ ރައީސް ނަޝީދުގެ ހަށިކޮޅުގެ ތެރެއަށް ވަދެފައެވެ. މިތަކެތި ނެގުމަށް ޑޮކްޓަރުންގެ ޓީމުންވަނީ 16 ގަޑިރުވަންދެން ސީރިއަސް އޮޕަރޭޝަންތަކެއް ކޮށްފައެވެ.
ޑޮކްޓަރުންގެ ޓީމުން ވިދާޅުވީ، ގޮއްވާލި ބޮމުން ބުރައިގެންދިޔަ ތޫނު ދަގަނޑު އެތިކޮޅުތަކުގެ ތެރެއިން އެތިކޮޅެއް، އެމަނިކުފާނުގެ ސީދާ ހިތަށް ނުވަދެ ހުރީ އެންމެ ސެންޓިމީޓަރެއްގެ ދުރުމިންކަމަށެވެ. މި އެތިކޮޅު ރައީސް ނަޝީދުގެ ހިތަށް ނުވަދެ ސަލާމަތްވީ އެމަނިކުފާނުގެ މޭކަށިގަނޑުގައި ޖެހި ކަށިގަނޑު ފުނޑުފުނޑުވުމުގެ ސަބަބުން އެ އެތިކޮޅު އެތެރެއަށް ދިޔުން މަތަވެގެންކަމަށްވެސް ޑޮކްޓަރުން ވަނީ ވިދާޅުވެފައެވެ.
އެމަނިކުފާނަށް އަމާޒުވި ބޮމުގެ ހަމާލާއަށްފަހު ފުރަތަމަ ފަހަރަށް ރައީސް ނަޝީދު ކުރެއްވި ޓްވީޓުގައިވަނީ ޞިއްހީ ޚިދުމަތްތެރިންނަށް ޝުކުރު އަދާކުރައްވައިފިއެވެ.
ރައީސް ނަޝީދަށްް ހަމަލާދިން މައްސަލާގައި މިހާތަނަށް 3 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.