ޚަބަރު

އިސްރާއީލުން ހުއްޓާނުލައި ޣައްޒާއަށް ދެމުންދާ ޙަމަލާތަކުގައި 56 މީހުން މަރުވެއްޖެ


އިސްރާއީލުގެ އިސްތިޢުމާރީ ފައުޖުތަކުން ފަލަސްޠީނުގެ ޣައްޒާއަށް ދެމުންދާ ޙަމަލާތަކުގައި 56 މީހުން މަރުވެ، 335 މީހުން ޒަޚަމުވެއްޖެއެވެ. އިސްރާއީލުގެ ޢުދުވާނުތަކުގައި މަރުވި މީހުންގެ ތެރޭގައި 14 ކުޑަކުދިންނާއި ޙަމާސް ޖަމާޢަތުގެ 3 އަސްކަރީވެރިންވެސް ހިމެނެއެވެ. އިސްރާއީލުން ހުއްޓުމެއްނެތި ޣައްޒާއަށް ޙަމަލާދެނީ ފަލަސްޠީނުގެ ރައްޔިތުންނަށް ދެމުންދާ ޙަމަލާތައް އިތުރުކޮށް، ވަރުގަދަކުރުމަށް އެ ޤައުމުގެ ޙައްދުފަހަނައަޅާފައިވާ ބޮޑުވަޒީރު ބެނަޔަމިން ނަތަންޔާހޫ އަމުރުކުރެއްވުމުންނެވެ.

ޢައްޒާއަކީ ފަލަސްޠީނުގެ އެހެން ބިންތަކާ ވަކިން އޮންނަ ސަރަޙައްދެކެވެ. 2 މިލިޔަން މީހުން ދިރިއުޅޭ ޢައްޒާއަކީ ދުނިޔޭގައި އެންމެ ބޮޑަށް ތޮށްޖެހިފައިވާ ސަރަޙައްދެވެ. ޣައްޒާއަށް ކާބޯތަކެއްޗާއި ބޭހާއި އެނޫންވެސް ޒަރޫރީ ސާމާނު އެތެރެކުރެވެނީ އިސްރާއީލުން ޙުއްދަދިނުމުން އެކަންޏެވެ.

އިސްރާއީލުގެ ދިފާޢީ ވަޒީރު ބެނީ ގެންޓުސް ވިދާޅުވީ ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތް އެއްކޮށް ބަލިވަންދެން ޙަމަލާ ދެމުންދާނެކަމަށެވެ. އިސްރާއީލުގެ އިސްތިޢުމާރީ ސިފައިން ދެމުންދާ ޙަމަލާތަކުގައި ޣައްޒާގައި މީހުން ދިރިއުޅޭ 3 ޢިމާރާތެއްވަނީ ބިމާހަމަވެފައެވެ. އަދި ޢާންމުގެ މުދަލަށްވެސްވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

ޙަމާސުން ބުނެފައިވަނީ ޣައްޒާގެ ޢާންމުންނަށް އަމާޒުކޮށް އިސްރާއީލުން ދެމުންދާ ކޮންމެ ޙަމަލާއެއްގެ ބަދަލުގައި އެ ޖަމާޢަތުން ރޮކެޓު ޙަމަލާތައް ދެމުންދާނެކަމަށެވެ. އެގޮތުން މެއި މަހުގެ 12ވަނަ ދުވަހުގެ އިރުއޮއްސުމާއެކު ޙަމާސުންވަނީ ކުރު ރާސްތާގެ ރޮކެޓު ޙަމަލާތަކެއް ޣައްޒާ ވަށައިގެންވާ އިސްރާއީލުގެ ސަރަޙައްދުތަކަށް ދޭންފަށައިފައެވެ. އެގޮތުން ޙަމާސުންވަނީ 130 ރޮކެޓު އިސްރާއީލާ ދެކޮޅަށް ފޮނުވާލައިފައެވެ.

މެއި މަހުގެ 11ވަނަ ދުވަހު ޙަމާސުންވަނީ ޔަހޫދީން ސިއްސައިގެންދާފަދަ ވަރުގަދަ ރޮކެޓު ޙަމަލާތަކެއް ދީފައެވެ. އެގޮތުން އިސްރާއީލާ ދިމާލަށް 1،000 ރޮކެޓުވަނީ ޙަމާސުން ފޮނުވާލައިފައެވެ. އޭގެ ތެރެއިން ބައެއް ޙަމަލާތައްވަނީ އިސްރާއީލުގެ ވެރިރަށް ތަލް އަބީބަށްވެސް އަމާޒުކޮށްފައެވެ. އެ ޙަމަލާތަކުގައި އިސްރާއީލުގެ ބައެއް މީހުން މަރުވެ، ގިނަ ޢަދަދެއްގެ ބަޔަކު ޒަޚަމުވެ، ބައެއް ޢިމާރާތްތަކަށާއި އުޅަނދުތަކަށްވަނީ ގެއްލުން ލިބިފައެވެ. ޙަމަލާތަކުގައި އިސްރާއީލަށް ލިބެމުންދާ ގެއްލުންތައް އިސްރާއީލުން ވަރަށް ބޮޑަށް ސިއްރުކުރި ނަމަވެސް އެ ޤައުމުގެ މުހިންމު ސަރަޙައްދުތައް އަނދަމުންދާ ފޮޓޯތަކާއި ވީޑިޔޯތައް ޢާންމުވިއެވެ. އެގޮތުން އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ އިސްރާއީލުގެ ސިނާޢީ ސަރަޙައްދަކަށެވެ. އެގޮތުން އެ ސަރަޙައްދުގައި ހުންނަ ހަކަތަ އުފައްދައި މަރުކަޒެއްގައި ވަރަށް ބޮޑަށް ރޯވެފައިވެއެވެ.

އިސްރާއީލުގެ އިސްތިޢުމާރީ ފައުޖުތަކުން ޣައްޒާގައި ޢާންމުން ދިރިއުޅޭ ޢިމާރާތަކަށް ޙަމަލާ ދެނީ / ވީޑިޔޯ: ކިޔުއެންއެން

އިސްރާއީލަށް ބޮޑު ސިހުމެއް އަންނަވަރުގެ ޙަމަލާތަކެއް ޙަމާސުން ދޭން ފެށީ މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް މިސްކިތްކަމަށްވާ މަސްޖިދުލް އަޤްޞާގައި އިސްރާއީލުގެ އިސްތިޢުމާރީ ފައުޖުތަކުން ހިންގަމުންދާ ހަނގުރާމައިގެ ޖަރީމާތައް ހުއްޓާލައި ފަހަތައް ޖެހުމަށް ދިން މުޙުލަތަށް އިސްރާއީލުން އިޖާބަނުދިނުމުންނެވެ.