ޚަބަރު

ޖީ7ގެ ބައްދަލުވުމުގައި އިންޑިޔާގެ ބޮޑުވަޒީރު ބައިވެރިވެވަޑައިނުގަންނަވާނެ


އަންނަ ޖޫން މަހުގެ ތެރޭގައި އިނގިރޭސިވިލާތުގައި ބާއްވައި ޖީ7 އިސްވެރިންގެ ބައްދަލުވުމުގައި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބައިވެރިވެވަޑައިނުގަންނަވަން ނިންމަވައިފިއެވެ.

ޖީ7ގައި ހިމެނެނީ އިނގިރޭސިވިލާއި ފަރަންސޭސިވިލާތާއި ޖަރުމަނުވިލާތާއި އިޓަލީވިލާތާއި ޖަޕާނާއި އެމެރިކާއާއި ކެނެޑާއެވެ. އެއީ ދުނިޔޭގެ އެންމެ ބާރުގަދަ އަދި ނުފޫޒުގަދަ ޤައުމުތަކެވެ. 2019ވަނަ އަހަރުގެ ފަހުން އެ ޤައުމުތަކުގެ އިސްވެރިންގެ މެދުގައި ބާއްވައި ފުރަތަމަ ޖީ7ގެ ބައްދަލުވުން އަންނަ މަހުގެ ތެރޭގައި އިނގިރޭސިވިލާތުގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. އެ ބައްދަލުވުމުގައި އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިން ޖޮންސަންގެ ދަޢުވަތަކަށް ޚާއްޞަ މެހުމާނެއްގެ ގޮތުގައި މޯދީ ބައިވެރިވެވަޑައިގަތުމަށް އޮތީ ހަމަޖެހިފައެވެ.

އިންޑިޔާގެ ޚާރިޖީ ވުޒާރާއިން ބުނީ ޖީ7 ބައްދަލުވުމުގައި މޯދީ ބައިވެރިވެވަޑައިގަތުމަށް ކުރިން ހަމަޖެހިފައިވީ ނަމަވެސް އިންޑިޔާގެ ކޯވިޑް-19ގެ ޙާލަތު ވަރަށް ބޮޑަށް ގޯސްވުމުން އެ ބައްދަލުވުމުގައި މޯދީ ބައިވެރިވެވަޑައިނުގަތުމަށް ނިންމަވާފައިވާކަމަށެވެ. މެއި މަހުގެ 8ވަނަ ދުވަހު ޕޯޗުގަލުގައި ބޭއްވި އީޔޫ-އިންޑިޔާ ލީޑަރސް ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް އެ ޤައުމަށް ކުރައްވަން އޮތް ދަތުރުފުޅުގައިވެސް މޯދީ ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ.

ޖީ7ގެ ބައްދަލުވުމުގައި މޯދީ ބައިވެރިވެވަޑައިނުގަންނަވާނެކަން އިޢުލާނުކޮށްފައިވަނީ މެއި މަހުގެ 4ވަނަ ދުވަހާއި 5ވަނަ ދުވަހު އިނގިރޭސިވިލާތުގައި ބޭއްވި ޖީ7ގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި ބައިވެރިވުމަށް ދަތުރުކުރި އިންޑިޔާގެ ވަފުދުގެ ފަރާތުން ކޯވިޑް-19ގެ ހިޔަނި އެ ބައްދަލުވުމަށް އެޅިފައިވަނިކޮށެވެ. އެ ވަފުދުގައި ހިމެނޭ ބައެއް މުވައްޒަފުންނަށް ކޯވިޑް-19 ޖެހިފައިވާކަން އެނގުމުން އެ ބައްދަލުވުންތަކުގައި އިންޑިޔާގެ ޚަރިޖީ ވަޒީރު ސުބުރަމާންޔަމު ޖައިޝަންކަރު ބައިވެރިވެވަޑައިގެންނެވީ އިންޓަނެޓު މެދުވެރިކޮށެވެ.

އެމެރިކާއަށްފަހު ދެވަނައަށް އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ކޯވިޑް-19 ޖެހިފައިވަނީ އިންޑިޔާގައެވެ. ދުނިޔޭގެ އާބާދީގެ 18 އިންސައްތަ މީހުން ދިރިއުޅޭ އިންޑިޔާގައި މިހާތަނަށް 23.5 މިލިޔަނަށްވުރެ ގިނަ މީހުންނަށް ބަލިޖެހި 256،940 މީހުން މަރުވެފައިވާކަމަށް ރަސްމީ ޢަދަދުތަކުން ދައްކައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ޤައުމުގައި 348،499 މީހުންނަށް ބަލިޖެހި 4،200 މީހުންވަނީ މަރުވެފައެވެ. އެ ޤައުމުގައި ބަލިޖެހިފައިވާ މީހުންނާއި މަރުވި މީހުންގެ އަސްލު ޢަދަދު ރަސްމީ ޢަދަދުތަކަށްވުރެ އެތައް ގުނައެއް އިތުރުވާނެކަމަށް ޞިއްޙީ މާހިރުން ބުނެއެވެ.