ޚަބަރު

އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު އިސްތިއުފާދެއްވައިފި


އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.

އޮޑިޓަރ ޖެނެރަލް އިސްތިއުފާދެއްވާފައިވާއިރު މަޖިލީހުން ޢާއްމުކޮށްފައިވާ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާލިބުނުކަމަށް ތުހުމަތުވާ ފަރާތްތަކުގެ ލިސްޓުގައި ޒިޔަތުގެ ނަންވެސް އެބައޮތެވެ.

އިސްތިއުފާ ދެއްވިކަން ހާމާކުރައްވައި، ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ފޮނުއްވި ސިޓީފުޅުގައި ޒިޔަތު ވިދާޅުވީ ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީއިން، އެމް.އެމް.ޕީ.އާރ.ސީ ގެ މައްސަލާއި ގުޅިގެން ރައްޔިތުންގެ މަޖްލިހަށް ހިއްސާކޮފައިވާ އެމް.އެމް.ޕީ.އާރ.ސީ މެދުވެރިކޮށް ހިންގާފައިވާ ވައްކަމާއި ޚިޔާނާތުގެ މައްސަލައިގައި ބައިވެރިވިކަމަށް ނުވަތަ މަންފާ ލިބުނުކަމަށް ތުހުމަތުކުރެވޭ ދައުލަތުގެ މަޤާމެއް އަދާކޮށްފައިވާ ނުވަތަ އަދާކުރަމުންދާ 119 މީހުން ހިމެނޭ ލިސްޓްގައި އޭނާގެ ނަން ހިމެނޭކަމަށެވެ.

ޒިޔަތު ވިދާޅުވީ ދިވެހި ދައުލަތުގެ އޮޑިޓަރ ޖެނެރަލްގެ މަގާމުގައި އޭނާ މިވަގުތު ދެމިހުރުމަކީ، ދައުލަތާއި އޮޑިޓަރ ޖެނެރަލް އޮފީހުގެ ކަރާމަތާއި ގަދަރަށް އުނިކަން އަންނާނެ ކަމެއްކަމުގައި ދެކޭކަމަށާއި، އެހެންކަމުން ތަހުޒީބު މުޖުތަމައު ތަކުގައި އަމަލު ކުރާ އުސޫލުން، ދިވެހި ދައުލަތުގެ އޮޑިޓަރ ޖެނެރަލް ގެ މަގާމުން އިސްތިއުފާދެއްވާފައިވާކަމަށް ޒިޔަތު ވިދާޅުވިއެވެ.

ޒިޔަތު ވިދާޅުވީ ދައުލަތުގެ އޮޑިޓަރ ޖެނެރަލްގެ ހައިސިއްޔަތުން، މަސައްކަތް ކުރުމުގައި އަދި މަސްއޫލިއްޔަތު އަދާކުރުމުގައި، އެއްވެސް ހިޔާނާތެއް އަދި ރިޝްވަތެއް، ނުވަތަ އަޅުގަނޑުގެ ނަޒާހަތްތެރިކަމާ މެދު ސުވާލު އުފެދޭނެ އެއްވެސް ކަމެއްގައި ބައިވެރިވެފައި ނުވާނެކަމުގެ ޔަގީންކަން އަރުވާކަމަށެވެ.

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ލިބުނުކަމަށް ތުހުމަތުވާ ފަރާތްތަކުގެ ލިސްޓެއް މަޖިލީހުން އާއްމުކޮށްފައިވާއިރު، އެ ލިސްޓުގައި ދައުލަތުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.