ޚަބަރު

މިޔަންމާގެ ބަޣާވާތަށް 100 ދުވަސް، ޢާންމުން އަދިވެސް މުޒާހަރާކުރަނީ


މިޔަންމާގެ އަސްކަރިއްޔާއިން އެ ޤައުމުގެ ސަރުކާރާ ދެކޮޅަށް ބަޣާވާތްކޮށް ސަރުކާރު ވައްޓާލިފަހުން 100 ދުވަސް ފުރުނު ދުވަހާ ދިމާކޮށް އެ ޤައުމުގެ ޢާންމުން ވަރުގަދަ މުޒާހަރާކޮށްފިއެވެ.

މިޔަންމާގެ އިސްވެރިޔާ އަން ސަން ސޫ ކީގެ ސަރުކާރާ ދެކޮޅަށް އެ ޤައުމުގެ އަސްކަރިއްޔާއިން ބަޣާވާތް ކުރުމަށްފަހު ސޫ ކީއާއި އެނާގެ ސަރުކާރަށް ނިޞްބަތްވާ އިސްވެރިން ހައްޔަރު ކުރީ ފެބުރުއަރީ މަހުގެ 1ވަނަ ދުވަހުއެވެ. އެއަށްފަހު އަސްކަރިއްޔާއިންވަނީ އެ ޤައުމުގައި އެއް އަހަރު ދުވަހުގެ މުއްދަތަށް ކުއްލި ޙާލަތު އިޢުލާނުކޮށްފައެވެ. އަސްކަރިއްޔާއިން ކުރި ބަޣާވާތް ނިމުމަކަށް ގެނެސް ސޫ ކީ މިނިވަންކުރުމަށް ގޮވާލައި މިޔަންމާގެ ގިނަ ޢަދަދެއްގެ ރައްޔިތުން މަގުތަކަށް ނުކުމެ މުޒާހަރާކުރިއެވެ. މުޒާހަރާތަކުގައި ގިނަ ޢަދަދެއްގެ މީހުންވަނީ މަރުވެފައެވެ. މަރުވި 781 މީހުންގެ ތެރޭގައި 52 ކުޑަކުދިންވެސް ހިމެނެއެވެ. އަދި މުޒާހަރާތަކުން ބަންދުކޮށްފައިވާ މީހުންގެ ޢަދަދު 3،800އަށްވުރެ އިތުރެވެ.

ބަޣާވާތަށް 100 ދުވަސް ފުރުން ފާހަގަކުރުމަށް ޢާންމުން ކުރި މުޒާހަރާތަކުގައި އަސްކަރިއްޔާއާ ދެކޮޅަށްވަނީ އަޑުއުފުލައިފައެވެ. ޟިގެ ކުރިން ކޮށްފައިވާ މުޒާހަރާތަކުގައި ޢާންމުންގެ އެތައް ސަތޭކަ މީހުން މަރާލާފައިވާ އަސްކަރިއްޔާއިން ޤައުމުގެ ހިންގުމުން އެއް ފަރާތްވުމަށް މުޒާހަރާގެ ބައިވެރިން ގޮވައިލިއެވެ. އަދި މިޔަންމާގައި ދީމިޤްރާޠީ ހަމަތައް ޤާއިމުކުރުމަށް ވަކާލާތުކުރާ ސިޔާސީވެރިންނާއި ޤާނޫނުހަދާ މަޖިލީހުގެ ކުރީގެ މެންބަރުން އުފެއްދި ގުޅިފައިވާ ސަރުކާރު، ނޭޝަނަލް ޔުނައިޓެޑު ގަވަމަންޓު، އެންޔޫޖީއަށް ތާޢީދުކުރާކަމަށް އެ މީހުން ދިޔައީ ބުނަމުންނެވެ.

އެންޔޫޖީން ނެރުނު ބަޔާނެއްގައި ބުނީ މިޔަންމާގައި ބައިނަލްއަޤްވާމީ ޤަނޫނުތަކާ ޚިލާފަށް ޖަރީމާތައް ހިންގުމުގެ ޒިންމާ އަސްކަރިއްޔާއިން ނަގަންޖެހޭކަމަށެވެ.