ޚަބަރު

އީރާނުންވަނީ %63 އިންސައްތައަށް ޔުރޭނިޔަމު ފައްކާކޮށްފައި: އައިއޭއީއޭ


އީރާނުން ޔުރޭނިޔަމު ސާފުކޮށް ފައްކާކުރާ މިންވަރު 63 އިންސައްތައަށް އިތުރުކޮށްފައިވާކަމަށް އދގެ ނިޔުކްލިޔަރ ހަކަތަޔާބެހޭ އިދާރާ، އިންޓަނޭޝަނަލް އެޓޮމިކު އެނަރޖީ އޭޖެންސީ، އައިއޭއީއޭއިން ބުނެފިއެވެ.

2015ވަނަ އަހަރުގެ ތެރޭގައި ދުނިޔޭގެ ބާރުތަކާއެކު އީރާނުން ވެފައިވާ ޖޮއިންޓް ކޮމްޕްރިހެންސިވް ޕްލޭން އޮފް އެކްޝަންގެ ދަށުން އީރާނުގެ ނިޔުކްލިޔަރ މަސައްކަތްތައް މަދުކުރުމުގެ ބަދަލެއްގެ ގޮތުން އެ ޤައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށްވަނީ އެއްބަސްވެފައެވެ. އެ އެއްބަސްވުމުގައި އެމެރިކާއާއި އިނގިރޭސިވިލާތާއި ރަޝިޔާއާއި ޖަރުމަނުވިލާތާއި ފަރަންސޭސިވިލާތާއި ވިލާތުގެ އިއްތިޙާދާއި ޗައިނާއިންވަނީ ބައިވެރިވެފައެވެ. ނަމަވެސް 2018ވަނަ އަހަރުގެ ތެރޭގައި އެމެރިކާގެ ވެރިކަމާ ރައީސް ޑޮނަލްޑު ޓުރަންޕު ޙަވާލުވެވަޑައިގަތުމަށްފަހު އެމެރިކާއިންވަނީ އެ އެއްބަސްވުމުން ވަކިވެ، އީރާނާއި ދެކޮޅަށް ދަތިކުރުމުގެ ގިނަ ފިޔަވަޅުތަކެއް އަޅައިފައެވެ. އޭގެ ސަބަބުން އީރާނުންވަނީ އެއްބަސްވުމާއި ޚިލާފަށް ބައެއް ކަންތައްތައް ކުރަން ފަށައިފައެވެ.

ފާއިތުވި މަސްތަކުގައި އީރާނުންވަނީ އެއްބަސްވުމާ ޚިލާފަށް އެ ޤައުމުން ކުރަމުންދާ ކަންތައްތައް އިތުރުކޮށްފައެވެ. މިދިޔަ އޭޕުރިލް މަހުގެ ތެރޭގައި އީރާނުގެ ނަޠަންޒުގައި ހުންނަ ނިޔުކްލިޔަރ މަރުކަޒުގައި ގޮވުމުގެ ހާދިޘާއެއް ހިނގުމުން އެ މަރުކަޒަށް ޙަމަލާ ދިނީ އިސްރާއީލުންކަމަށް އީރާނުންވަނީ ތުހުމަތުކޮށްފައެވެ. އަދި އެ ޙަމަލާ ދިނުމުން ނިޔުކްލިޔަރ މަރުކަޒުތަކުގައި ފައްކާކުރާ ޔުރޭމިއަމުގެ ސާފުކަން 20 އިންސައްތައިން 60 އިންސައްތައަށް އެ ޤައުމުންވަނީ އިތުރުކޮށްފައެވެ. އޭގެ ސަބަބުން ނިޔުކްލިޔަރ އެއްބަސްވުމުގައި އެމެރިކާއިން އަލުން ބައިވެރިވުމާއި އީރާނުން އެއްބަސްވުމާ އެއްގޮތަށް ޢަމަލުކުރުމަށް ކުރަމުންދިޔަ މަޝްވަރާތަކަށް ހިޔަނި އެޅުނެވެ.

ނިޔުކްލިޔަރ އެއްބަސްވުމުގެ ދަށުން އީރާނަށް ޔުރޭނިއަމު ފައްކާކުރެވޭނީ 3.67 އިންސައްތައާ ހަމައަށެވެ. އައިއޭއީއޭއިން ބުނީ ނަޠަންޒު ނިޔުކްލިޔަރ މަރުކަޒުގައި ޔުރޭނިޔަމު ފައްކާކުރާ މިންވަރަށް ބަދަލުތަކެއް ގެނެސްފައިވާކަމަށް އީރާނުން ބުނެފައިވާކަމަށެވެ. އެ އިދާރާގެ ތަހުލީލުތަކުން ދައްކާގޮތުގައި ނަޠަންޒުގައި ޔުރޭނިއަމު ފައްކާކުރި ނިސްބަތްވަނީ 63 އިންސައްތައަށް އިތުރުކޮށްފައެވެ. ނަމަވެސް އެ ބަދަލު އައިސްފައިވާ ސަބަބު އެ އިދާރާއިން ބުނެދީފައެއް ނުވެއެވެ.