ޚަބަރު

އިސްރާއީލުގެ އަނިޔާވެރިކަން އެއްބަޔަކު ކުށްވެރިކުރަނީ، އަނެއްބަޔަކަށް އެއްވެސް ކަމެއްނޫން


އިސްރާއީލުގެ ޙައްދުފަހަނައަޅާފައިވާ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫގެ އަމުރުފުޅަށް އެ ޤައުމުގެ އިސްތިޢުމާރީ ފައުޖުތަކުން ފަލަސްޠީނުގެ ޣައްޒާއާއި ހުޅަނގު އައްސޭރިއާއި ޤުދުސްގައި ހިންގަމުންދާ ހަނގުރާމައިގެ ޖަރީމާތައް ދުނިޔޭގެ އިންސާނީ ޙައްޤުތަކަށް ވަކާލާތުކުރާ ޖަމްޢިއްޔާތަކާއި މުސްލިމު ޖަމާޢަތްތަކާއި ޤައުމުތަކުގެ ސަރުކާރުން ކުށްވެރިކުރަން ފަށައިފިއެވެ. ތުރުކީވިލާތް އިސްވެ އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް ދުނިޔޭގެ ޤައުމުތައް އެއްބައިވަންތަކުރުމަށް މަސައްކަތްތަކެއް ކުރަމުންދާ ދަނޑިވަޅެއްގައި އެމެރިކާއާއި ވިލާތުގެ އިއްތިޙާދުން ދަނީ އިސްރާއީލުގެ ޢަމަލުތައް ދިފާޢުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އިސްރާއީލުގެ އިސްތިޢުމާރީ ފައުޖުތައް ފަލަސްޠީނުގެ ޣައްޒާއަށް ދިން ވަރުގަދަ ވައިގެ ޙަމަލާތަކުގައި 28 މީހުން މަރުވެ، 150 މީހުންވަނީ ޒަޚަމުވެފައެވެ. މަރުވި މީހުންގެ ތެރޭގައި 10 ކުޑަކުދިންނާއި އިސްލާމިކް ޖިހާދުގެ 2 އަސްކަރީވެރިން ހިމެނެއެވެ. އިސްރާއީލުން ޣައްޒާއަށް ވަރުގަދަ ވައިގެ ޙަމަލާތަކެއް ދެނީ ފަލަސްޠީނުގެ ހުޅަނގު އައްސޭރިއާއި ޤުދުސްގައިވެސް ބޮޑެތި ޖަރީމާތަކެއް ހިންގަމުންދާ ދަނޑިވަޅެއްގައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ސަރަޙައްދުތަކުގައި އިސްރާއީލުން ހިންގި ޖަރީމާތަކުގައި 700 މީހުންވަނީ ޒަޚަމުވެފައެވެ. އިސްރާއީލުގެ އިސްތިޢުމަރީ ސިފައިން ދަނީ ރަބަރު އުންޑައާ ސްޓަން ގުރެނޭޑާއި ކަރުނަ ގޭސް ބޭނުންކޮށްގެން އެއްވެސް ހަތިޔާރެއް ނެތް ޢާންމު ރައްޔިތުންނާ ދެކޮޅަށް އެއްވެސް ބެލުމެއް ނެތި ޙަމަލާދެމުންނެވެ.

22 ޤައުމު ހިމެނޭ ޢަރަބި ލީގުން ބުނެފައިވަނީ މައްސަލަ ގޯސްވެފައިވަނީ ރަމަޟާން މަހުގެ ތެރޭގައި އިސްރާއީލުން ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ އަނިޔާވެރިކަމުގެ ޢަމަލުތަކުގެ ސަބަބުންކަމަށެވެ. އެ ޖަމާޢަތުންވަނީ އިސްރާއީލުގެ ހައްދުފަހަނައަޅާފައިވާ ޢަމަލުތައް ހުއްޓުވުމަށް ބާރުއެޅުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް ގޮވާލައިފައެވެ.

މެއި މަހުގެ 7ވަނަ ދުވަހު ރަމަޟާން މަހުގެ އެންމެ ފަހު ހުކުރު ނަމާދުގެ ޖަމާޢަތުގައި ބައިވެރިވުމަށް 70،000އަށްވުރެ ގިނަ މުސްލިމުން އަޤްޞާއަށް ގޮސް، އިސްރާއީލުން އިސްތިޢުމާރުކޮށްފައިވާ ފަލަސްޠީނުގެ ބިންތަކުގައި ދިރިއުޅޭ ފަލަސްޠީނުގެ ރައްޔިތުން އެ ސަރަޙައްދުތަކުން ބޭރުކުރުމަށް އިސްރާއީލުން ކުރަމުންދާ މަސައްކަތްތަކާ ދެކޮޅަށް ނުރުހުން ފައުޅުކޮށް އަޑުއުފުލައިފައިވެއެވެ. އިސްރާއީލުގެ ފައުޖުތަކުން އެ ދުވަހު ދިން ޙަމަލާތަކުގައި 205 މީހުން ޒަޚަމްވިއެވެ. އޭގެ ތެރެއިން 88 މީހުންވާނީ އިތުރު ފަރުވާއަށް ހަސްފަތާލުތަކަށް ގެންގޮސްފައެވެ. އޭގެ ފަހުން އިސްރާއީލުގެ އަނިޔާވެރިކަން އެންމެ ބޮޑުވެފައިވަނީ މެއި މަހުގެ 10ވަނަ ދުވަހުއެވެ. އެ ދުވަހު ރަބަރު އުންޑައާއި ސްޓަން ގުރެނޭޑާއި ކަރުނަ ގޭސް ބޭނުންކޮށްގެން އިސްރާއީލުގެ ސިފައިން ދިން ޙަމަލާތަކުގައި 300 މީހުން ޒަޚަމްވިއެވެ. އެ ހަމަނުޖެހުންތައް ހިނގާފައިވަނީ އިރުމަތީ ޤުދުސްގައި ދިރިއުޅޭ ފަލަސްޠީނުގެ ރައްޔިތުން އެ މީހުންގެ ގެދޮރުތަކުން ބޭރުކުރުމާމެދު އިސްރާއީލުގެ ސުޕުރީމު ކޯޓުން ބަލަމުންދާ މައްސަލައިގެ ޝަރީޢަތް ފަސްކޮށްފައިވަނިކޮށެވެ.

57 ޤައުމު ހިމެނޭ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން، އޯއައިސީންވަނީ އިސްރާއީލާ ދެކޮޅަށް ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ތާޢީދު ހޯދުމަށް މަސައްކަތްކުރަމުންދާކަމަށް ބުނެފައެވެ. އެގޮތުން އެ ޖަމާޢަތުގައި ހިމެނޭ ސަޢުދީ ޢަރަބިއްޔާއާއި ތުރުކީވިލާތާއި ޕާކިސްތާނުން އދގެ ޢާންމު މަޖިލީހުގެ ޚާއްޞަ ބައްދަލުވުމެއް ބޭއްވުމަށް ދަނީ މަސައްކަތްކުރަމުންނެވެ. އޯއައިސީން ބުނީ އިސްރާއީލުގެ ޢަމަލުތަކަކީ އިންސާނިއްޔަތާ ޚިލާފު އަދި އިންސާނީ ޙައްޤުތަކުގެ ޤާނޫނުތަކާ ޚިލާފު ޖަރީމާތަކެއްކަމަށެވެ.

ޣައްޒާއަށް އިސްރާއީލުން ވަރުގަދަ ވައިގެ ޙަމަލާތަކެއް ދެނީ / ވީޑިޔޯ: ކިޔުއެންއެން

193 ޤައުމު ހިމެނޭ އދންވަނީ އިސްރާއީލުގެ ޢަމަލުތަކުގެ ސަބަބުން ކަންބޮޑުވުން ފައުޅުކޮށްފައެވެ. އަދި ހަމަނުޖެހުމާއި ނަސްލީ ތަފާތުކުރުމަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަމެއް ނޫންކަމަށް އދންވަނީ ބުނެފައެވެ. އޭގެ އިތުރުން ފަލަސްޠީނުގެ ރައްޔިތުން މިނިވަންކަމާއެކު ޚިޔާލު ފައުޅުކުރުމަށާއި އެ މީހުންގެ ޙައްޤުތަކުގެ ބޭނުންކުރުމުގެ ފުރުޞަތު އިސްރާއީލުން ދޭންޖެހޭކަމަށްވެސް އެ ޖަމާޢަތުންވަނީ ބުނެފައެވެ، އަދި އިސްރާއީލުން ޙައްޔަރުކޮށްފައިވާ ކުޑަކުދިން ވަގުތުން މިނިވަންކުރުމަށްވެސް އދން ގޮވާލައިފައިވެއެވެ.

އިންސާނީ ޙައްޤުތަކަށް ވަކާލާތުކުރާ ޖަމްޢިއްޔާތައްކަމަށްވާ އެމުނެސްޓީ އިންޓަނޭޝަލާއި ހިޔުމަން ރައިޓުސް ވޮޗުންވެސްވަނީ އެ މޭރުމުން ބަޔާންތައް ނެރެފައެވެ. ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުގާ އެންމެ ގަދައަށް ބަސް ބުނާ ޤައުމުތަކުގެ ތެރޭގައި ފާހަގަވެފައިވަނީ ތުރުކީވިލާތާއި ޕާކިސްތާނާއި އީރާނާއި ސަޢުދީ ޢަރަބިއްޔާއާއި އުރުދުންނާއި މިޞްރެވެ. އޭގެ ތެރެއިން އުރުދުންނާއި މިޞްރަކީ ފަލަސްޠީނުގެ އަވަށްޓެރި ޤައުމުތަކެވެ. ނަމަވެސް އުރުދުންނާއި މިޞްރަކީ އިސްރާއީލާ ގުޅުން ބަދަހިކޮށްފައިވާ ޢަރަބި 6 ޤައުމުގެ ތެރޭގައި ހިމެނޭ 2 ޤައުމެވެ.

މުޅި ދުނިޔެ އެއް އަޑަކުން އިސްރާއީލާ ދެކޮޅަށް އަޑުއުފުލި ނަމަވެސް އެމެރިކާއާއި އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތާއި ޖަރުމަންވިލާތާއި ވިލާތުގެ އިއްތިޙާދަށް ގޯސްވެފައިވަނީ ފަލަސްޠީނުގެ ރައްޔިތުންނެވެ. އެގޮތުން އިސްރާއީލުގެ ޖަރީމާތަކަށް ކެތްނުކުރެވިގެން އެ ޤައުމާ ދެކޮޅަށް ޙަމާސް ޖަމާޢަތުން ދެމުންދާ ރޮކެޓު ޙަމަލާތައް ވަގުތުން ހުއްޓާލުމަށާއި ކުށެއްނެތް އިސްރާއީލުގެ ރައްޔިތުންނަށް ގެއްލުން ނުދިނުމަށް އެ ޤައުމުތަކުންވަނީ ގޮވައިލައިފައެވެ. އެއާއެކު ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ފާޑުކިޔުންވަނީ އެ ޤައުމުތަކަށް އަމާޒުވެފައެވެ،