ޚަބަރު

ޣައްޒާއަށް ދިން ޙަމަލާތަކުގައި މަރުވި 28 މީހުންގެ ތެރޭގައި 10 ކުޑަކުދިން


އިސްރާއީލުގެ އިސްތިޢުމާރީ ފައުޖުތައް ފަލަސްޠީނުގެ ޣައްޒާއަށް ދިން ވަރުގަދަ ވައިގެ ޙަމަލާތަކުގައި 28 މީހުން މަރުވެ، 150 މީހުން ޒަޚަމުވެއްޖެއެވެ. މަރުވި މީހުންގެ ތެރޭގައި 10 ކުޑަކުދިންނާއި އިސްލާމިކް ޖިހާދުގެ 2 އަސްކަރީވެރިން ހިމެނެއެވެ.

އިސްރާއީލުން ޣައްޒާއަށް ވަރުގަދަ ވައިގެ ޙަމަލާތަކެއް ދެނީ ފަލަސްޠީނުގެ ހުޅަނގު އައްސޭރިއާއި ޤުދުސްގައިވެސް ބޮޑެތި ޖަރީމާތަކެއް ހިންގަމުންދާ ދަނޑިވަޅެއްގައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ސަރަޙައްދުތަކުގައި އިސްރާއީލުން ހިންގި ޖަރީމާތަކުގައި 700 މީހުންވަނީ ޒަޚަމުވެފައެވެ. އިސްރާއީލުގެ އިސްތިޢުމަރީ ސިފައިން ދަނީ ރަބަރު އުންޑައާ ސްޓަން ގުރެނޭޑާއި ކަރުނަ ގޭސް ބޭނުންކޮށްގެން އެއްވެސް ހަތިޔާރެއް ނެތް ޢާންމު ރައްޔިތުންނާ ދެކޮޅަށް އެއްވެސް ބެލުމެއް ނެތި ޙަމަލާދެމުންނެވެ.

ޢައްޒާއަކީ ފަލަސްޠީނުގެ އެހެން ބިންތަކާ ވަކިން އޮންނަ ސަރަޙައްދެކެވެ. 2 މިލިޔަން މީހުން ދިރިއުޅޭ ޢައްޒާއަކީ ދުނިޔޭގައި އެންމެ ބޮޑަށް ތޮށްޖެހިފައިވާ ސަރަޙައްދެވެ. ޣައްޒާއަށް ކާބޯތަކެއްޗާއި ބޭހާއި އެނޫންވެސް ޒަރޫރީ ސާމާނު އެތެރެކުރެވެނީ އިސްރާއީލުން ޙުއްދަދިނުމުން އެކަންޏެވެ. ނަމަވެސް ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުންވަނީ އިސްރާއީލާ ދެކޮޅަށް ވަރުގަދަ ޙަމަލާތަކެއް ދީފައެވެ. އެ ޖަމާޢަތުންވަނީ އެތައް ސަތޭކަ ރޮކެޓު އިސްރާއީލާ ދެކޮޅަށް ފޮނުވާލައިފައެވެ. އޭގެ ތެރެއިން ބައެއް ރޮކެޓުތައްވަނީ އިސްރާއީލުން ބޮޑު ޚަރަދުގެން ޤާއިމުކޮށްފައިވާ ވައިގެ ދިފާޢީ ނިޒާމު ފޫއަޅުވާލައި ޔަހޫދީން ދިރިއުޅޭ ސަރަޙައްދުތަކަށް ފޯރާފައިވެއެވެ. އެ ރޮކެޓުތަކުގެ ސަބަބުން އިސްރާއީލުގެ 2 މީހުން މަރުވެ، ބައެއް ޢާންމުން ޒަޚަމުވެ، ބައެއް ގެދޮރާއި އުޅަނދުތަކަށް ގެއްލުންވެފައިވެއެވެ. އިސްރާއީލަށް ބޮޑު ސިހުމެއް އަންނަވަރުގެ ޙަމަލާތަކެއް ޙަމާސުން ދޭން ފެށީ މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް މިސްކިތްކަމަށްވާ މަސްޖިދުލް އަޤްޞާގައި އިސްރާއީލުގެ އިސްތިޢުމާރީ ފައުޖުތަކުން ހިންގަމުންދާ ހަނގުރާމައިގެ ޖަރީމާތައް ހުއްޓާލައި ފަހަތައް ޖެހުމަށް ދިން މުޙުލަތަށް އިސްރާއީލުން އިޖާބަނުދިނުމުންނެވެ. ޙަމާސުން ފޮނުވާލި ރޮކެޓުތައް އަމާޒުވެފައިވަނީ އިސްރާއީލުގެ ދެކުނުގެ ސަރަޙައްދުތަކަށާއި ޤުދުސް ހިމެނޭ ސަރަޙައްދުތަކަށެވެ.

އިސްރާއީލުގެ ޙައްދުފަހަނައަޅާފައިވާ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫވަނީ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ދެމުންދާ ޙަމަލާތައް އިތުރުކޮށް، ވަރުގަދަކުރުމަށް އަމުރުކުރައްވައިފައެވެ. އަދި ޙަމަލާތައް ދިނުން ހުއްޓާލުމަށް މިޞްރުން ހުށަހެޅުމުން އެކަމަށް އިސްރާއީލުންވަނީ ބީރުކަންފަތެއް ދީފައެވެ.