ދައުލަތުގެ 3 ބާރުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ރައީސަށާއި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރަށް، ދައުލަތުން ދެމުން ގެންދާ ފުރިހަމަ ރައްކާތެރިކަމާއި ސަލާމަތްތެރިކަން އިތުރަށް ޔަޤީން ކުރެއްވުމަށް އެޓަރނީ ޖެނެރަލްއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު އަންގަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާވަނީ މަޖިލީހުގެ ރައީސަށާއި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރަށް ދެއްވަމުން ގެންދަވާ ފުރިހަމަ ރައްކާތެރިކަމާއި ސަލާމަތްތެރިކަން އިތުރަށް ޔަޤީން ކުރެއްވުމަށްޓަކައި ޤާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް އަވަހަށް ގެންނެވުމަށްވެސް އަންގާވަފައެވެ. އަދި މިހާރު އޮތް ޤާނޫނީ އޮނިގަނޑުގެ ތެރެއިން މިކަން ފުރިހަމަ ކުރެއްވެން ނެތްނަމަ، އާ ޤާނޫނެއްގެ ބިލެއް އެކުލަވައިލައްވައިގެން ނަމަވެސް މިކަންކަަން ކަށަވަރު ކުރެއްވުމަށް ކުރައްވަންޖެހޭ ކަންކަން ކުރެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ އެޓަރނީ ޖެނެރަލްއަށް އަންގަވާފައެވެ.
މިއަދު އޮންލައިންކޮށް ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ މިކަން މަޖިލީހުގެ މެންބަރުންނާވެސް ހިއްސާ ކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ މިގޮތަށް އަންގަވާފައި މިވަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ޓެރަރިސްޓް ހަމަލާއެއްދީފައިވަނިކޮށެވެ. މިހަމަލާގައި ލިބުނު އަނިޔާތަކަށް ރައީސް ނަޝީދު ގެންދަވަނީ އޭޑީކޭގައި ފަރުވާ ހޯއްދަވަމުންނެވެ. އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅުވަމުން އަންނަކަމަށާއި އެހެންނަމަވެސް އިތުރު ފަރުވާއަށް ޖަރުމަނަށް ގެންދެވުމަށް ނިންމަވާފައިވާ ކަމަށް އާއިލާގެ ފަރާތުންވަނީ މަޢުލޫމާތުދެއްވާފައެވެ.