ޚަބަރު

ކާމިޔާބުކަމާއެކު ރައްޔިތުންނަށް ވެކްސިން ދިން ވިލާތުގެ ޤައުމުތައް އަލުން ހުޅުވަނީ


ވިލާތުގެ ޤައުމުތަކުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ލުއިތަކެއް ދިނުމަށްފަހު އެ ޤައުމުތައް އަލުން ހުޅުވަން ފަށައިފިއެވެ. ގިނަ ޢަދަދެއްގެ މީހުންނަށް ވެކްސިން ދިނުމުގެ ސަބަބުން ކުރީގެ ދިރިއުޅުމަށް ވަރަށް އަވަހަށް ރުޖޫޢަވެވޭވެނެކަމުގެ އުންމީދު ވިލާތުގެ ރައްޔިތުންނަށްވަނީ އައުވެފައެވެ. ވިލާތުގެ އާބާދީގެ 18 އަހަރުން މަތީގެ މީހުންގެ ތިންބައިކުޅަ އެއްބަޔަށްވަނީ ކޯވިޑް-19ގެ ވެކްސިން ދީފައެވެ. ވިލާތުގެ އިއްތިޙާދަށް ނިޞްބަތްވާ ޤައުމުތަކުން ވެކްސިންގެ 200 މިލިޔަނަށްވުރެ ގިނަ ޑޯޒުވަނީ ޢާންމުންނަށް ދީފައެވެ. ކުރިއަށްއޮތް ޙޫނު މޫސުމުގެ ކުރިން އާބާދީގެ 18 އަހަރުން މަތީގެ އާބާދީގެ 70 އިންސައްތައަށް ވެކްސިން ދެވޭނެކަމަށް އެ އިއްތިޙާދުން އުންމީދުކުރެއެވެ.

ފިޔަވަޅުތަކަށް ލުއިތަކެއް ދިނުމުގެ ގޮތުން ސްޕެއިނުގައި އިޢުލާނުކޮށްފައިވާ ކާފިޔު މިދިޔަ ހަފުތާ ބަންދުގެ ތެރޭގައި އުވައިލިއެވެ. އެއާއެކު އެ ޤައުމުގެ ރައްޔިތުންވަނީ މަގުތަކަށް ނުކުމެ އުފާފައުޅުކޮށްފައެވެ. ގުރީސުންވެސްވަނީ އެ ޤައުމުގެ ގޮނޑުދޮށްތައް ޢާންމުންނަށް ހުޅުވާލައިފައެވެ. ޖަރުމަނުވިލާތުންވަނީ އެ ޤައުމުން ކުރިމަތިލަމުންދިޔަ ބަލީގެ ތިންވަނަ ރާޅުގެ މައްޗަށް ކާމިޔާބު ހޯދިފައިވާކަން އިޢުލާނުކޮށްފައެވެ. ނަމަވެސް ވެކްސިން ދިނުމުގެ ދުވެލި މަޑުވިޔަ ނުދީ އެއް މިނެއްގައި ހިފަހެއްޓުމުގެ މުހިންމުކަން އެ ޤައުމުންވަނީ ފާހަގަކޮށްފައެވެ.

މެއި މަހުގެ ނިޔަލަށް ވެކްސިންގެ 20 މިލިޔަން ޑޯޒު އަދި ޖޫން މަހުގެ ނިޔަލަށް ވެކްސިނުގެ 30 މިލިޔަން ޑޯޒު ދިނުމަށް ފަރަންސޭސިވިލާތުން އުންމީދު ކުރެއެވެ. އެ ޤައުމުގައި ބަލިޖެހޭ ނިޞްބަތްވަނީ ދަށަށް ދާން ފަށައިފައެވެ. އަދި ހަސްފަތާލުތަކުގެ އައިސީޔޫތަކުގައި ފަރުވާދޭންޖެހޭ މީހުންގެ ޢަދަދުވަނީ ދަށަށްގޮސްފައެވެ. މެއި މަހުގެ 19ވަނަ ދުވަހުން ފެށިގެން ކާފިޔުއަށް ލުއިތަކެއް ދިނުމަށްފަހު ރެސްޓޯރަންޓުތަކާއި ކެފޭތަކުން އަލުން ޚިދުމަތް ދޭން ފެށުމުގެ ޙުއްދަ ދިނުމަށް އެ ޤައުމުންވަނީ ނިންމައިފައެވެ.

އިނގިރޭސިވިލާތުންވެސްވަނީ އެ ޤައުމުގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތަކެއް ދިނުމަށް ނިންމައިފައެވެ. ވެކްސިން ދިނުމުގެ މަސައްކަތް އެންމެ ފުރަތަމަ ފެށި އިނގިރޭސިވިލާތުގައި ބަލިފެތުރޭ މިންވަރުވަނީ ވިލާތުގެ އެހެން ޤައުމުތަކަށްވުރެ ވަރަށް ބޮޑަށް ދަށަށްގޮސްފައެވެ. އެ ޤައުމުގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތަކެއް ދިނުމުގެ ހަތަރު މަރުޚަލާގެ ތެރެއިން ތިންވަނަ މަރުޚަލާ ހޫނު މޫސުމުގެ ކުރިން ފެށުމަށް އެ ޤައުމުން އުންމީދުކުރެއެވެ. އެގޮތުން މެއި މަހުގެ 17ވަނަ ދުވަހުން ފެށިގެން އެތެރޭގެ މާޙައުލުތަކުގައި މީހުން ބައްދަލުކުރުމުގެ ޙުއްދަ ދިނުމަށާއި ރެސްޓޯރަންޓުތަކާއި ކެފޭތަކުގައި ތިބެގެން ޚިދުމަތް ހޯދުމުގެ ޙުއްދަ ދިނުމަށްވަނީ ނިންމައިފައެވެ. އަދި ސިނަމާތަކާއި ކުޅިވަރު މައިދާންތައް ހުޅުވުމަށްވެސްވަނީ ނިންމައިފައެވެ. ފިޔަވަޅުތަކަށް ލުއި ދިނުމުގެ އެންމެ ފަހު މަރުޚަލާ ފެށުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ 21ވަނަ ދުވަހެވެ.