ޚަބަރު

ސަޢުދީ ޢަރަބިއްޔާއާ މަޝްވަރާކުރާކަމަށް އީރާނުން ފުރަތަމަ ފަހަރަށް އެއްބަސްވެއްޖެ


އުފެދިފައިވާ ދެބަސްވުންތައް ޙައްލުކުރުމަށް ސަޢުދީ ޢަރަބިއްޔާއާއެކު މަޝްވަރާކުރާކަމަށް އީރާނުން ފުރަތަމަ ފަހަރަށް އެއްބަސްވެއްޖެއެވެ.

އީރާނާއި ސަޢުދީ ޢަރަބިއްޔާއާ ދެމެދު މަޝްވަރާކުރާކަމަން ސަޢުދީ ޢަރަބިއްޔާއިން މިދިޔަ ހަފުތާގެ ތެރޭގައި ބުނެފައިވެއެވެ. އެގޮތުން ސަޢުދީ ޢަރަބިއްޔާގެ ޚާރިޖީ ވުޒާރާއިން ބުނީ އީރާނާއެކު ކުރާ މަޝްވަރާތަކުގެ މައިގަނޑު ބޭނުމަކީ ސަރަޙައްދީ ހަމަޖެހުން ގެނައުންކަމަށެވެ. އެ މަޝްވަރާތަކުގެ ނަތީޖާ ނުކުންނާނެ ގޮތެއް ބުނެދޭން ނޭނގޭކަމަށް އެ ވުޒާރާއިން ބުނެއެވެ.

މަޝްވަރާކުރާކަން ފުރަތަމަ ފަހަރަށް ކަށަވަރުކޮށްދެމުން އީރާނުގެ ޚާރިޖީ ވުޒާރާއިން ބުނީ ޕަރސިޔަން ގަލްފު ސަރަޙައްދުގައި އޮތް ނުތަނަސްކަން ނައްތައިލުމަށް މަޝްވަރާކުރަމުންދާކަމަށެވެ. އެއީ ދެ ޤައުމާއި ސަރަޙައްދީ މަސްލަޙަތަށް އެންމެ ފައިދާ ހުރި ގޮތްކަމަށް އެ ވުޒާރާއިން ބުނެއެވެ. އެ މަޝްވަރާތަކުގެ ނަތީޖާއަށް އީރާނުން އިންތިޒާރުކުރަމުންދާކަމަށާއި މައްސަލަތައް ޙައްލުކުރުމަށް އީރާނުގެ ފަރާތުން ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރާނެކަމުގެ ޔަޤީންކަންވެސް އެ ޤައުމުން ދެއެވެ.

ސަޢުދީ ޢަރަބިއްޔާއާއި އީރާނާ ދެމެދު އުފެދިފައިވާ މައްސަލަތަކުގެ ސަބަބުން ޔަމަނާއި ސޫރިޔާއާއި ޢިރާޤުފަދަ ޤައުމުތަކުގައި ކުރަމުންދާ ހަނގުރާމަތަކަށްވަނީ އެކަމުގެ އަސަރުކޮށްފައެވެ. އެ ދެ ޤައުމުން 2016ވަނަ އަހަރުގެ ތެރޭގައި ޚާރިޖީ ގުޅުން ކަނޑާލައިފައިވެއެވެ. މިދިޔަ މަހުގެ ތެރޭގައި އީރާނާއި ސަޢުދީ ޢަރަބިއްޔާއާ ދެމެދު ދެ ފަހަރެއްގެ މަތިން ސިއްރު މަޝްވަރާތަކެއް ބާއްވާފައިވާކަމަށް ބައެއް މަސްދަރުތަކުންވަނީ ބުނެފައެވެ. އޭގެ ތެރެއިން ބައެއް މަޝްވަރާތައްކުރީ ޢިރާޤުގައިކަމަށް އެ ޤައުމުންވަނީ ކަށަވަރުކޮށްދީފައެވެ.

ސަޢުދީ ޢަރަބިއްޔާއާއި އީރާނާ ދެމެދު މަޝްވަރާތައް ކުރަނީ އެމެރިކާގެ ރައީސްގެ މަޤާމާ ޖޯ ބައިޑަން ޙަވާލުވެވަޑައިގަންނަވައި މެދުއިރުމަތީގެ ޚާރިޖީ މަސްލަހަތަށް ބަދަލުތަކެއް ގެންނަވަމުންދާ ދަނޑިވަޅެއްގައެވެ. 2015ވަނަ އަހަރު ދުނިޔޭގެ ބާރުތަކާއެކު އީރާނުން ސޮއިކޮށްފައިވާ ނިޔުކްލިޔަރ އެއްބަސްވުމާ އެއްގޮތަށް އެ ޤައުމުން ޢަމަލުކުރާކަން ޔަޤީންކުރުމަށް އެމެރިކާއިން ދަނީ މަސައްކަތްކުރަމުންނެވެ. އަދި ޔަމަނުގައި ޙަރަކާތްތެރިވާ އީރާނުން ވާގިވެރިވާ ހޫޘީންނާ ދެކޮޅަށް ސަޢުދީ ޢަރަބިއްޔާއިން ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެމެރިކާއިންވަނީ ގޮވައިލައިފައެވެ.

އެނގިފައިވާ ގޮތުގައި ހޫޘީންގެ މައްޗަށް އީރާނުގެ ފަތާރުން އޮންނަ ނުފޫޒުގެ ބޭނުން ހިފައި ސަޢުދީ ޢަރަބިއްޔާއާ ދެކޮޅަށް އެ ޖަމާޢަތުން ދެމުންދާ ޙަމަލާތައް ހުއްޓުމަކަށް ގެނައުމަށް އެހީތެރިވެދޭނެކަމަށް އީރާނުންވަނީ ވަޢުދުވެފައެވެ. އޭގެ ބަދަލެއްގެ ގޮތުގައި ނިޔުކްލިޔަރ އެއްބަސްވުމާބެހޭ މަޝްވަރާތަކުގައި ސަޢުދީ ޢަރަބިއްޔާއިން އީރާނަށް ވާގިވެރިވުމަށް އީރާނުންވަނީ ޝަރުތުކޮށްފައެވެ. އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑު ޓްރަންޕުގެ ވެރިކަމުގައި އެ އެއްބަސްވުމުން އެމެރިކާއިން ވަކިވެ އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އެޅުމުން އީރާނުންވަނީ އެއްބަސްވުމާ ޚިލާފަށް ބައެއް ކަންތައްތައް ކުރަން ފަށައިފައެވެ. ސަޢުދީ ޢަރަބިއްޔާއިންވަނީ އެ އެއްބަސްވުމުން އެމެރިކާއިން ވަކިވުމުން އެކަމަށް ތާއީދުކޮށްފައެވެ.