ޚަބަރު

ޢީދާ ދިމާކޮށް މެލޭޝިޔާ ފުރަބަންދުކުރަނީ


ކޯވިޑް-19 ފެތުރޭ މިންވަރު އިތުރުވުމުން ކުރިޔަށްއޮތް އަޟްޙާ ޢީދާ ދިމާކޮށް މެލޭޝިޔާ ފުރަބަންދުކުރަން ނިންމައިފިއެވެ.

މެލޭޝިޔާގައި މިހާތަނަށް 444،484 މީހުންނަށް ކޯވިޑް-19 ޖެހި 1،700 މީހުންވަނީ މަރުވެފައެވެ. ފާއިތުވި ހަފުތާތަކުގައި އެ ޤައުމުގައި ބަލިޖެހޭ މީހުންގެ ޢަދަދުވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ޤައުމުގައި 3،807 މީހުންނަށް ބަލިޖެހި 17 މީހުންވަނީ މަރުވެފައެވެ.

ބަލި ފެތުރޭ މިންވަރު އިތުރުވުމުގެ ސަބަބުން އެ ޤައުމުގެ ޞިއްޙީ ނިޒާމަށް ބާރުބޮޑުވެފައިވާކަމަށް އެ ޤައުމުގެ ސަރުކާރުން ބުނެއެވެ. މެލޭޝިޔާގެ ބޮޑުވަޒީރު މުޙްޔިއްދީން ޔާސީން ވިދާޅުވީ އެ ޤައުމުގައި ފެތުރެނީ ބަލީގެ ތިންވަނަ ރާޅެއްކަމަށެވެ. އޭގެ ސަބަބުން ޤައުމީ ކާރިޘާއެއް ކުރިމަތިވުން އެކަށީގެންވާކަމަށް އޭނާ ވިދާޅުވިއެވެ. މެލޭޝިޔާގައި ކޯވިޑް-19ގެ އައު ވައްތަރުތައް ފެތުރެމުންދާކަމަށާއި އެ ވައްތަރުތަކުގެ ވާރުތަވުމުގެ ބާރު ވަރުގަދަކަމަށް އޭނާ ވިދާޅުވިއެވެ. އެފަދަ ޙާލަތެއްގައި ޤައުމު ފުރަބަންދުކުރުމަކީ ކޮންމެހެން މުހިންމު ކަމެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މެއި މަހުގެ 12ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ 7ވަނަ ދުވަހާ ހަމައަށް މެލޭޝިޔާގައި ފުރަބަންދުގެ އުޞޫލުތައް ދަމަހައްޓާނެއެވެ. އެ މުއްދަތުގައި މެލޭޝިޔާގެ އެއް ސްޓޭޓުން އަނެއް ސްޓޭޓަށް ދަތުރުކުރުމާއި އެއް ޑިސްޓުރިކްޓުން އަނެއް ޑިސްޓުރިކްޓަށް ދަތުރުކުރުން މަނާވާނެއެވެ. އަދި އިޖުތިމާޢީ އެއްވުންތައް ބޭއްވުންވެސް މަނާވާނެއެވެ. ފުރަބަންދުގެ މުއްދަތުގައި މަދަރުސާތައް ބަންދުކުރުމަށްވެސްވަނީ ނިންމައިފައެވެ. އަދި އިޤްތިޞާދީ މަސައްކަތްތައް ކުރިޔަށްދާނެކަމަށް ސަރުކާރުން ބުނި ނަމަވެސް އޭގެ ތަފްޞީލެއް ދީފައެއް ނުވެއެވެ.

ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް މިދިޔަ ޖަނަވަރީ މަހުން ފެށިގެން މެލޭޝިޔާގައި އޮތީ ކުއްލި ޙާލަތު އިޢުލާނުކޮށްފައެވެ.