ޚަބަރު

އަޤްޞާ ޙިޞާރުކުރުމުން އިސްތިޢުމާރުކޮށްފައިވާ ބިންތަކުގައި ބޮޑެތި ހަމަނުޖެހުންތަކެއް


މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް މިސްކިތްކަމަށްވާ މަސްޖިދުލް އަޤްޞާ އިސްރާއީލުގެ ފައުޖުތަކުން ޙިޞާރުކުރުމުން އިސްރާއީލުން އިސްތިޢުމާރުކޮށްފައިވާ ބިންތަކުގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިނގައިފިއެވެ.

އިސްރާއީލުގެ އިސްތިޢުމާރީ ސިފައިންވަނީ އަޤްޞާއިން އެއްވެސް މީހަކަށް ނުނިކުމެވެވޭނެހެން މިސްކިތުގެ އެތެރޭގައި އެތައް ސަތޭކަ ބަޔަކު ބަންދުކޮށްފައެވެ. އަދި އިސްރާއީލުގެ ފައުޖުތަކުން ދަނީ މިސްކިތާއި އެތަނުގެ ވަށައިގެންވާ ޢިމާރާތްތަކުގައި ތިބި ފަލަސްޠީނުގެ ޢާންމުންނަށް ޙަމަލާ ދެމުންނެވެ. ރަބަރު ވަޒަނާއި ސްޓަން ގުރެނޭޑާއި ކަރުނަ ގޭސް ބޭނުންކޮށްގެން ދެމުންދާ ޙަމަލާތަކުގައި 300އަށްވުރެ ގިނަ މީހުންވަނީ ޒަޚަމުވެފައެވެ.

ފަލަސްޠީނުގެ ޢައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުންވަނީ އަޤްޞާގައި އިސްރާއީލުން ހިންގަމުންދާ ހަނގުރާމައިގެ ޖަރީމާތައް ހުއްޓާލައި ފަހަތައް ޖެހުމަށް ގޮވާލައިފައެވެ. އަދި ޙަމާސުން ދިން މުޙުލަތު ފާއިތުވުމުން އެ ޖަމާޢަތުންވަނީ ޤުދުސާއި ދިމާލަށް ރޮކެޓު ޙަމަލާތަކެއް ދީފައެވެ. އިސްރާއީލުން ބުނާގޮތުގައި ޙަމާސުންވަނީ 150 ރޮކެޓު ފޮނުވާލައިފައެވެ. ނަމަވެސް އިސްރާއީލުގައި ދިރިއުޅޭ އެއްވެސް ޔަހޫދީއަކަށް އެއްވެސް ގެއްލުމެއް ލިބުނުކަމަކަށް ނުބުނެއެވެ. ރައްދުގައި އިސްރާއީލުންވަނީ ޣައްޒާއަށް ވަރުގަދަ ވައިގެ ޙަމަލާތަކެއް ދީފައެވެ. އެ ޙަމަލާތަކުގައި ފަލަސްޠީނުގެ 20 މީހުންވަނީ މަރުވެފައެވެ. އޭގެ ތެރޭގައި 9 ކުޑަކުދިންވެސް ހިމެނެއެވެ.

އޭގެ އިތުރުން ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ޙަރަކާތްތެރިވާ އިސްލާމިކް ޖިހާދުންވެސްވަނީ އިސްރާއީލާ ދެކޮޅަށް ރޮކެޓު ޙަމަލާތަކެއް ދީފައެވެ. އެ ޙަމަލާތަކުގައި އިސްރާއީލުގެ ބައެއް އުޅަނދުތަކަށް ގެއްލުން ލިބުނުކަމަށް އެ ޖަމާޢަތުން ބުނެއެވެ. ހުޅަނގު އައްސޭރީގައި ޙަރަކާތްތެރިވާ އިތުރު ޖަމާޢަތެއްކަމަށްވާ އަލްޤައްސާމު ބްރިގޭޑުންވެސްވަނީ އިސްރާއީލާ ދެކޮޅަށް ރޮކެޓު ޙަމަލާތަކެއް ދީފައެވެ. އެ ޙަމަލާތައް ދީފައިވަނީ އިސްތިޢުމާރުކޮށްފައިވާ ޤުދުސްގެ ސަރަޙައްދުތަކަށްށެވެ.

1948ވަނަ އަހަރު ޢަރަބިންނާ ދެކޮޅަށް ކުރި ހަނގުރާމައިގައި އިސްރާއީލުން އިސްތިޢުމާރުކޮށްފައިވާ ސަރަޙައްދުތަކުގައިވެސް ހަމަނުޖެހުންތަކެއް ހިނގާފައިވެއެވެ. ބައިނަލްއަޤްވާމީ މުޖުތަމަޢުން ޤަބޫލުކުރާގޮތުގައި އެ ސަރަޙައްދުތަކަކީ އިސްރާއީލުގެ ބައެކެވެ. ނަމަވެސް އެ ސަރަޙައްދުތަކުގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުންވަނީ އިސްރާއީލުގެ ޖަރީމާތަކާ ދެކޮޅަށް އަޑުއުފުލުމަށް މަގުމައްޗަށް ނުކުމެވެފައެވެ. އަދި އެ ސަރަޙައްދުތަކުގައި ދިރިއުޅޭ ޔަހޫދީންނާއި ފަލަސްޠީނުގެ ރައްޔިތުންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގައި ބައެއް މީހުން މަރުވެ އަދި ބައެއް މުދަލަށް ގެއްލުންވެފައިވެއެވެ.

ފަލަސްޠީނާ އިސްރާއީލާ ދެމެދު ހަމަނުޖެހުންތައް ހިނގާތާ ހަފުތާތަކެއްވަނީ ވެފައެވެ. ރަމަޟާން މަސް ފެށުނު ފަހުން އެ ހަމަނުޖެހުންތައްވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މައްސަލަ އިތުރަށް ގޯސްވީ މެއި މަހުގެ 7ވަނަ ދުވަހު ރަމަޟާން މަހުގެ އެންމެ ފަހު ހުކުރު ނަމާދުގެ ޖަމާޢަތުގައި ބައިވެރިވުމަށް 70،000އަށްވުރެ ގިނަ މުސްލިމުން އަޤްޞާއަށް ގޮސް، އިސްރާއީލުން އިސްތިޢުމާރުކޮށްފައިވާ ފަލަސްޠީނުގެ ބިންތަކުގައި ދިރިއުޅޭ ފަލަސްޠީނުގެ ރައްޔިތުން އެ ސަރަޙައްދުތަކުން ބޭރުކުރުމަށް އިސްރާއީލުން ކުރަމުންދާ މަސައްކަތްތަކާ ދެކޮޅަށް ނުރުހުން ފައުޅުކޮށް އަޑުއުފުލުމުންނެވެ. އިސްރާއީލުގެ ފައުޖުތަކުން އެ ދުވަހު ދިން ޙަމަލާތަކުގައި 205 މީހުން ޒަޚަމްވިއެވެ. އޭގެ ތެރެއިން 88 މީހުންވާނީ އިތުރު ފަރުވާއަށް ހަސްފަތާލުތަކަށް ގެންގޮސްފައެވެ. އޭގެ ފަހުން އިސްރާއީލުގެ އަނިޔާވެރިކަން އެންމެ ބޮޑުވެފައިވަނީ މެއި މަހުގެ 10ވަނަ ދުވަހުއެވެ. އެ ދުވަހު ރަބަރު އުންޑައާއި ސްޓަން ގުރެނޭޑާއި ކަރުނަ ގޭސް ބޭނުންކޮށްގެން އިސްރާއީލުގެ ސިފައިން ދިން ޙަމަލާތަކުގައި 300 މީހުން ޒަޚަމްވިއެވެ. އެ ހަމަނުޖެހުންތައް ހިނގާފައިވަނީ އިރުމަތީ ޤުދުސްގައި ދިރިއުޅޭ ފަލަސްޠީނުގެ ރައްޔިތުން އެ މީހުންގެ ގެދޮރުތަކުން ބޭރުކުރުމާމެދު އިސްރާއީލުގެ ސުޕުރީމު ކޯޓުން ބަލަމުންދާ މައްސަލައިގެ ޝަރީޢަތް ފަސްކޮށްފައިވަނިކޮށެވެ.