ޚަބަރު

ބޭނުންވަނީ މުޅި ޤުދުސް: ނަތަންޔާހޫ


އިސްރާއީލުން ބޭނުންވަނީ މުޅި ޤުދުސްކަމަށާއި އެ މަޤްޞަދު ޙާޞިލުނުވަނީސް ފަހަތަށް ނުޖެހޭނެކަމަށް އެ ޤައުމުގެ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ ވިދާޅުވެއްޖެއެވެ.

އިސްރާއީލުގެ ބޮޑުވަޒީރުގެ ރަސްމީ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ޤައުމުން ބޭނުންވަނީ ޤުދުސްގެ ހުރިހާ ސަރަޙައްދެއް އެ ޤައުމުގެ ބާރުގެ ދަށުގައި އޮންނަންކަމަށާއި އެ ޤައުމުގެ ވެރިރަށުގެ ގޮތުގައި ތަރައްޤީކުރުމަށްކަމަށެވެ. އަދި ޤުދުސަކީ ޤަދީމީގޮތުން އިސްރާއީލުގެ މިލްކެއްކަމަށްވެސް އެ ބަޔާނުގައިވެއެވެ.

އިސްރާއީލުގެ ބޮޑުވަޒީރުގެ ރަސްމީ އިދާރާއިން އެ ބަޔާން ނެރެފައިވަނީ ފަލަސްޠީނުގެ ޢައްޒާއަށް ދިން ޙަމަލާތަކުގައި 20 މީހުން މަރުވެފައިވަނިކޮށެވެ. އޭގެ ތެރޭގައި 9 ކުޑަކުދިންވެސް ހިމެނެއެވެ. އިސްރާއީލުގެ ޢުދުވާނުތަކާ ގުޅިގެން އެމެރިކާއާއި އިނގިރޭސިވިލާތާއި ވިލާތުގެ އިއްތިޙާދުންވަނީ ބަޔާންތައް ނެރެފައެވެ. އެ ބަޔާންތަކުގައި ގޮވާލައިފައިވަނީ އިސްރާއީލާއި ފަލަސްޠީނުން ބަދަލުކުރަމުންދާ ޙަމަލާތައް ހުއްޓާލުމަށެވެ.

އިސްރާއީލުގެ އިސްތިޢުމާރީ ސިފައިން މަސްޖިދުލް ޤުދުސަށް ޙަމަލާ ދެނީ / ވީޑިޔޯ: ކިޔުއެންއެން

ފަލަސްޠީނުގެ ޢައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުންވަނީ ޤުދުސްގައި ހުންނަ މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް މިސްކިތްކަމަށްވާ މަސްޖިދުލް އަޤްޞާގައި އިސްރާއީލުން ހިންގަމުންދާ ހަނގުރާމައިގެ ޖަރީމާތައް ހުއްޓާލައި ފަހަތައް ޖެހުމަށް ގޮވާލައިފައެވެ. އަދި ޙަމާސުން ދިން މުޙުލަތު ފާއިތުވުމުން އެ ޖަމާޢަތުންވަނީ ޤުދުސާއި ދިމާލަށް ރޮކެޓު ޙަމަލާތަކެއް ދީފައެވެ. އިސްރާއީލުން ބުނާގޮތުގައި ޙަމާސުންވަނީ 150 ރޮކެޓު ފޮނުވާލައިފައެވެ. ނަމަވެސް އިސްރާއީލުގައި ދިރިއުޅޭ އެއްވެސް ޔަހޫދީއަކަށް އެއްވެސް ގެއްލުމެއް ލިބުނުކަމަކަށް ނުބުނެއެވެ. ރައްދުގައި އިސްރާއީލުންވަނީ ޣައްޒާއަށް ވަރުގަދަ ވައިގެ ޙަމަލާތަކެއް ދީފައެވެ. ފަލަސްޠީނުގެ 20 މީހުން މަރުވެފައިވަނީ އެ ޙަމަލާތަކުގައެވެ.

ފަލަސްޠީނާ އިސްރާއީލާ ދެމެދު ހަމަނުޖެހުންތައް ހިނގާތާ ހަފުތާތަކެއްވަނީ ވެފައެވެ. ރަމަޟާން މަސް ފެށުނު ފަހުން އެ ހަމަނުޖެހުންތައްވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މެއި މަހުގެ 7ވަނަ ދުވަހު ރަމަޟާން މަހުގެ އެންމެ ފަހު ހުކުރު ނަމާދުގެ ޖަމާޢަތުގައި ބައިވެރިވުމަށް 70،000އަށްވުރެ ގިނަ މުސްލިމުންވަނީ މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް މިސްކިތަށް ޖަމާވެފައެވެ. ނަމާދުގެ ޖަމާޢަތަށްފަހު އެތައް ހާސް މީހުންނެއްވަނީ އިސްރާއީލުން އިސްތިޢުމާރުކޮށްފައިވާ ފަލަސްޠީނުގެ ބިންތަކުގައި ދިރިއުޅޭ ފަލަސްޠީނުގެ ރައްޔިތުން އެ ސަރަޙައްދުތަކުން ބޭރުކުރުމަށް އިސްރާއީލުން ކުރަމުންދާ މަސައްކަތްތަކާ ދެކޮޅަށް ނުރުހުން ފައުޅުކޮށް އަޑުއުފުލައިފައެވެ. ރައްދުގައި އިސްރާއީލުގެ އިސްތިޢުމާރީ ސިފައިންވަނީ އަޤްޞާގައި އަޅުކަންކުރަން ތިބި މުސްލިމުންނަށް ވަރުގަދަ ޙަމަލާތަކެއް ދީފައެވެ. އެ ޙަމަލާތަކުގައި 205 މީހުން ޒަޚަމްވިއެވެ. އޭގެ ތެރެއިން 88 މީހުންވާނީ އިތުރު ފަރުވާއަށް ހަސްފަތާލުތަކަށް ގެންގޮސްފައެވެ.

އޭގެ ފަހުން އިސްރާއީލުގެ އަނިޔާވެރިކަން އެންމެ ބޮޑުވެފައިވަނީ މެއި މަހުގެ 10ވަނަ ދުވަހުއެވެ. 1967ވަނަ އަހަރު އިސްރާއީލުން ޤުދުސް އަޅުވެތިކުރިތާ 54 އަހަރު ފުރުނު ދުވަހާ ގުޅުވައިގެން ގިނަ ޙަރަކާތްތަކެއް ޤުދުސްގައި ކުރިޔަށްގެންދަން ޔަހޫދީންވަނީ ނިންމައިފައެވެ. އެ ޙަރަކާތްތަކަށް މަގުފަހިކުރުމަށް އިސްރާއީލުގެ އިސްތިޢުމާރީ ސިފައިންވަނީ އަޤްޞާގައި އަޅުކަންކުރަން ތިބި މުސްލިމުންނާ އަމާޒުކޮށް ގިނަ ޢަދަދެއްގެ ޙަމަލާތަކެއް ދީފައެވެ. ރަބަރު އުންޑައާއި ސްޓަން ގުރެނޭޑާއި ކަރުނަ ގޭސް ބޭނުންކޮށްގެން ދިން ޙަމަލާތަކުގައި 300 މީހުން ޒަޚަމްވިއެވެ. އެ ހަމަނުޖެހުންތައް ހިނގާފައިވަނީ އިރުމަތީ ޤުދުސްގައި ދިރިއުޅޭ ފަލަސްޠީނުގެ ރައްޔިތުން އެ މީހުންގެ ގެދޮރުތަކުން ބޭރުކުރުމާމެދު އިސްރާއީލުގެ ސުޕުރީމު ކޯޓުން ބަލަމުންދާ މައްސަލައިގެ ޝަރީޢަތް ފަސްކޮށްފައިވަނިކޮށެވެ.

އިސްރާއީލާ ގުޅުން ޤާއިމުކޮށްފައިވާ ޢަރަބި ޤައުމުތައްކަމަށްވާ މިޞްރާއި އުރުދުންނާއި ޔޫއޭއީއާއި ބަޙުރައިންނާއި މަޢުރިބާއި ސޫދާނުންވަނީ ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ އަނިޔާވެރި ޖަރީމާތައް ކުށްވެރިކޮށްފައެވެ.

1967ވަނަ އަހަރު ޢަރަބިންނާ ދެކޮޅަށް ކުރި ހަނގުރާމައިގައި އިސްރާއީލުންވަނީ ހުޅަނގު އައްސޭރި އިސްތިޢުމާރުކޮށްފައެވެ. އެއީ އިސްރާއީލުގެ ބައެއްކަމަށް ބައިނަލްއަޤްވާމީ ދުނިޔެއިން ބަލައިއެއްނުގަނެއެވެ. ހުޅަނގު އައްސޭރީގައި ވަޒަންވެރިވެފައިވާ އިސްރާއީލުގެ ރައްޔިތުންނަކީ ޤަވާއިދާ ޚިލާފަށް އެ ސަރަޙައްދުގައި ދިރިއުޅޭ ބައެއްކަމަށާއި އެއީ ޞުލްޙައަށް ހުރަސްއެޅޭކަމެއްކަމަށް ފަލަސްޠީނުގެ ރައްޔިތުން ޤަބޫލުކުރެއެވެ. ފަލަސްޠީނުގެ މިނިވަން ދަޢުލަތެއް ޤާއިމުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ހުޅަނގު އައްސޭރިއަކީ އެ ދަޢުލަތުގެ ބަޔަކަށް ހެދުމަށް ފަލަސްޠީނުން ބޭނުންވެއެވެ.