ޚަބަރު

ނޭޕާލުގެ ބޮޑުވަޒީރުގެ އިތުބާރު ނެތްކަމަށް ފާސްކޮށްފި


ނޭޕާލުގެ ބޮޑުވަޒީރު ކޭ ޕީ ޝަރުމާ އޯލީއަށް އިތުބާރު ނެތްކަމަށް އެ ޤައުމުގެ ޤާނޫނުހަދާ މަޖިލީހުން ފާސްކޮށްފިއެވެ. ނޭޕާލުގެ ބޮޑުވަޒީރަށް އިތުބާރު ނެތްކަމަށް އެ ޤައުމުގެ ޤާނޫނުހަދާ މަޖިލީހުން ފާސްކުރީ އެ ޤައުމުގެ ކޯވިޑް-19ގެ ޙާލަތު ނުރައްކާތެރިވެފައިވާ ދަނޑިވަޅެއްގައެވެ.

ނޭޕާލުގެ ބޮޑުވަޒީރުގެ މައްޗަށް އިތުބާރު އޮތްކަން ޔަޤީންކުރެއްވުމަށް އެ މައްސަލަ ޤާނޫނުހަދާ މަޖިލީހަށް ހުށަހެޅުއްވީ އޭނާ އަމިއްލަފުޅަށެވެ. ޤާނޫނުހަދާ މަޖިލީހުގެ ރައީސް އަގްނީ ސަޕުކޮޓާ ވިދާޅުވީ ޤާނޫނުހަދާ މަޖިލީހަށް ހާޒިރުވި 232 މެންބަރުންގެ ތެރެއިން އޯލީއަށް އިތުބާރު ނެތްކަމަށް ފާސްކުރީ 124 މެންބަރުންގެ ވޯޓާއެކުކަމަށެވެ. އޭނާގެ މައްޗަށް އިތުބާރު އޮތްކަމަށް ވޯޓުދިނީ 93 މެންބަރުންނެވެ.

ވެރިކަންކުރުމުގައި ދެބަސްވުންތަކެއް އުފެދި އޯލީގެ ކޮމިއުނިސްޓު ޕާޓީންވަނީ މަޔޮއިސްޓުންނާއެކު އޮތް އިއްތިޙާދު މިދިޔަ މާރިޗު މަހުގެ ތެރޭގައި ރޫޅާލައިފައެވެ. އެއާއެކު ޤާނޫނުހަދާ މަޖިލީހުގެ އަޣުލަބިއްޔަތު އޯލާގެ ޕާޓީއަށް ގެއްލުނެވެ. ބޮޑުވަޒީރަށް އިތުބާރު ނެތްކަމަށް ފާސްކޮށްފައިވަނީ ޤާނޫނުހަދާ މަޖިލީހުގެ ތެރެއިން އައު އިއްތިޙާދެއް އެކުލަވާލުމަށް އެ ޤައުމުގެ ސިޔާސީ ޕާޓީތަކުން މަސައްކަތްކުރަމުންދާ ދަނޑިވަޅެއްގައެވެ.

މަޔޮއިސްޓުން ބުނީ އޯލީ ވެރިކަންކުރެއްވުމުގައި ސިޔާސީވެރިން އެއްފަރާތް ކުރައްވާއި ނިންމުންތައް ނިންމެވުމުގައި މަޝްވަރާކުރުމުގެ ބަދަލުގައި އަމިއްލަ ގޮތްތަކެއް ޚިޔާރުކުރައްވައި ސަރުކާރު ހިންގުމުގައި ޤާނޫނުހަދާ މަޖިލީހުގެ ދަޢުރު ހަނިކުރައްވާފައިވާކަމަށެވެ. ޤައުމުގައި ހަމަނުޖެހުން އުފެދުމުގެ އަސްލަކީ އޯލީކަމަށާއި ޤައުމަށް ކުރިމަތިވެފައިވާ ޙާލަތުގެ ޒިންމާ އުފުލަން ޖެހޭނީ އޯލީކަމަށްވެސް މާޔޮއިސްޓުން ބުނެއެވެ.

ކޯވިޑް-19ގެ ނުރައްކާތެރިކަން ބޮޑު ނޫންކަމަށް ދޭހަވާފަދަ މޭރުމަކުން އޯލީ ވާހަކަދައްކަވާފައިވާތީ ޢާންމުންނާއި އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން އޭނާއަށްވަނީ އަމާޒުވެފައެވެ. އެގޮތުން ކޯވިޑް-19ން ރައްކާތެރިވުމަށް ހޫނު ފެނަށް ފޭރުފަތާއި ރީނދޫ އަޅައިގެން ބުއިމަށް އޭނާވަނީ ގޮވާލައްވައިފައެވެ.

ނޭޕާލުގައި މިހާތަނަށް 403،794 މީހުންނަށް ކޯވިޑް-19 ޖެހި 3،859 މީހުންވަނީ މަރުވެފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ޤައުމުގައި 9،127 މީހުންނަށްވަނީ ބަލިޖެހިފައެވެ. އެއީ އެ ޤައުމުގައި އެއް ދުވަހުގެ ތެރޭގައި އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ބަލިޖެހުނު ދުވަހެވެ.