ޚަބަރު

ފަލަސްޠީނުގެ ރައްޔިތުން ގެދޮރުން ބޭރުކުރުމުގެ ޝަރީޢަތް ފަސްކޮށްފި


އިރުމަތީ ޤުދުސްގައި ދިރިއުޅޭ ފަލަސްޠީނުގެ ރައްޔިތުން އެ މީހުންގެ ގެދޮރުތަކުން ބޭރުކުރުމާމެދު އިސްރާއީލުގެ ސުޕުރީމު ކޯޓުން ބަލަމުންދާ މައްސަލައިގެ ޝަރީޢަތް ފަސްކޮށްފިއެވެ.

އިރުމަތީ ޤުދުސްގައި އޮންނަ ޝައިޚު ޖައްރާޙު އަވަށުގައި ދިރިއުޅޭ ފަލަސްޠީނުގެ ރައްޔިތުން އެ ސަރަޙައްދުން ބޭރުކުރުމަށް އިސްރާއީލުގެ ދަށު ކޯޓަކުންވަނީ ޙުކުމުކޮށްފައެވެ. އެ މައްސަލައިގެ އިސްތިޢުނާފު ޝަރީޢަތް އިސްރާއީލުގެ ސުޕުރީމު ކޯޓުގައި މެއި މަހުގެ 10ވަނަ ދުވަހު ފެށުމަށް އޮތީ ހަމަޖެހިފައެވެ. ނަމަވެސް އެންމެ ފަހު ވަގުތު އިސްތިޢުނާފު ހުށަހެޅި ފަރާތުންވަނީ އެ މައްސަލައިގައި އިސްރާއީލުގެ ބަންޑާރަ ނައިބުގެ ޤަނޫނީ ލަފާ ހޯދުމަށް ކޯޓުގައި އެދިފައެވެ. އެއާއެކު މެއި މަހުގެ 10ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައި އޮތް ޝަރީޢަތް ފަސްކުރުމުގެ ފުރުޞަތުވަނީ ފަހިވެފައެވެ.

އިސްރާއީލުގެ ބަންޑާރަ ނައިބުގެ ފަރާތުން ވާހަކަދެއްކި ތަރުޖަމާނަކު ބުނީ ބަންޑާރަ ނައިބުގެ ހުށަހެޅުންތައް ބަލައިގަތުމަށް ކޯޓުން އެއްބަސްވެފައިވާކަމަށެވެ. އަދި 30 ދުވަހުގެ ތެރޭގައި އައު އަޑުއެހުމެއް ތާވަލުކުރާނެކަމަށެވެ އޭނާވަނީ ބުނެފައެވެ.

އިރުމަތީ ޤުދުސްގެ ޝައިޚު ޖައްރާޙުގައި ދިރިއުޅޭ ފަލަސްޠީނުގެ ރައްޔިތުން އެ ސަރަޙައްދުތަކުން ބޭރުކުރުމާމެދު ގޮތެއް ނިންމުން ފަސްކޮށްވަނީ އިސްރާއީލާއި ފަލަސްޠީނާ ދެމެދު ނުތަނަވަސްކަން އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. ޤުދުސްގެ މައްސަލައިގައި އިސްރާއީލާއި ފަލަސްޠީނާމެދު ހަމަނުޖެހުންތައް ހިނގާތާ ހަފުތާތަކެއްވަނީ ވެފައެވެ. ރަމަޟާން މަސް ފެށުނު ފަހުން އެ ހަމަނުޖެހުންތައްވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެ ހަމަނުޖެހުންތަކުގައި ފަލަސްޠީނުގެ އެތައް ސަތޭކަ ރައްޔިތުންނެއްވަނީ ޒަޚަމުވެފައެވެ. އޭގެ ތެރެއިން ގިނަ މީހުންނަށް ދަނީ ހަސްފަތާލުތަކުގައި ފަރުވާދެމުންނެވެ.

1967ވަނަ އަހަރު ކުރި ހަނގުރާމައިގައި އިސްރާއީލުންވަނީ ހުޅަނގު އައްސޭރި އިސްތިޢުމާރުކޮށްފައެވެ. އެއީ އިސްރާއީލުގެ ބައެއްކަމަށް ބައިނަލްއަޤްވާމީ ދުނިޔެއިން ބަލައިއެއްނުގަނެއެވެ. ހުޅަނގު އައްސޭރީގައި ވަޒަންވެރިވެފައިވާ އިސްރާއީލުގެ ރައްޔިތުންނަކީ ޤަވާއިދާ ޚިލާފަށް އެ ސަރަޙައްދުގައި ދިރިއުޅޭ ބައެއްކަމަށާއި އެއީ ޞުލްޙައަށް ހުރަސްއެޅޭކަމެއްކަމަށް ފަލަސްޠީނުގެ ރައްޔިތުން ޤަބޫލުކުރެއެވެ. ފަލަސްޠީނުގެ މިނިވަން ދަޢުލަތެއް ޤާއިމުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ހުޅަނގު އައްސޭރިއަކީ އެ ދަޢުލަތުގެ ބަޔަކަށް ހެދުމަށް ފަލަސްޠީނުން ބޭނުންވެއެވެ.