ކުޅިވަރު

އުރީދޫ ދިވެހި ޕްރިމިއަރ ލީގު ތާވަލްގެ ތިން ވަނައަށް މާޒިޔާ


ފަހަތުން އަރާ ވިކްޓްރީ ސްޕޯޓްސް ކްލަބްގެ މައްޗަށް
ކުރި ހޯދާ، އުރީދޫ ދިވެހި ޕްރިމިއަރ
ލީގު ތާވަލްގެ ތިންވަނަ މަޤާމަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން
ޖެހިލައިފިއެވެ.



މިއަދު ހަވީރު ވިކްޓްރީގެ މައްޗަށް މާޒިޔާއިން ކުރި
ހޯދީ ތިން ލަނޑު އެއް ލަނޑުންނެވެ. މެޗްގައި މާޒިޔާގެ ލަނޑުތައް ކާމިޔާބުކޮށްދިނީ
އަހުމަދު ނާޝިދުއާއި، އަސަދުﷲ އަބުދުﷲ އެވެ. އަސަދުﷲ
ކާމިޔާބުކުރި ދެ ލަނޑުގެ ތެރެއިން ފުރަތަމަ ލަނޑަކީ ލިބުނު ޕެނަލްޓީއަކުން
ކާމިޔާބުކޮށްދިން ލަނޑެކެވެ. ވިކްޓްރީގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ މުޙައްމަދު
ތަޝްމީންއެވެ. 

މި މެޗުން މޮޅުވެ މާޒިޔާ ތާވަލްގެ ތިންވަނައަށް
ޖެހިލާފައިވަނީ ފަނަރަ ޕޮއިންޓާއެކު އެވެ. މި މެޗުން ބަލިވި ވިކްޓްރީ އޮތީ ތާވަލްގެ
ފަސްވަނާގައެވެ. އެއީ ތޭރަ ޕޮއިންޓާއެކުއެވެ.

 މެޗަށްފަހު މާޒިޔާގެ ކޯޗް އަލީ ސުޒޭން ބުނީ
ގިނަ ދުވަސްތަކަކަށްފަހު ތިން ޕޮއިންޓް ލިބުމުން ވަރަށް ހިތްހަމަ ޖެހިއްޖެ ކަމަށާ
މިއީ ލީގުގައި އިތުރަށް ކުރިއަށް ދިއުމަށް ލިބިގެންދިޔަ ރަނގަޅު ފުރުޞަތެއް
ކަމަށެވެ. 

" ހަތަރު މަސްވަރު ފަހުން ތިން ޕޮއިންޓް ލިބުމަކީ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް. ހާއްސަކޮށް ވިކްޓްރީ ވަރަށް ފޯމުގައި އޮތް ދަނޑިވަޅެއްގައި އެ ޓީމުގެ މައްޗަށް މިކަހަލަ މޮޅެއް ލިބުމަކީވެސް ބޮޑު ކާމިޔާބީއެއް." ސުޒޭން ބުންޏެވެ. 

ވިކްޓްރީގެ ކޯޗް އަހުމަދު ނާޝިދު ބުނީ ޓީމުގެ
ފަރާތުން މެޗްގައި މޮޅު ކުޅުމެއް ފެނުނު ކަމަށާ ހަމައެކަނި މައްސަލައަކީ ލިބުނު
ފުރުޞަތު ތަކުގެ ބޭނުން ނުކުރެވުމުގެ މައްސަލަ ކަމަށެވެ. 

" މިއަދުގެ މެޗްގައި ޓީމުގެ ކުޅުންތެރިންގެ ފަރާތުން ފެނުނު ކުޅުމާމެދު ވަރަށް ހިތްހަމަ ޖެހޭ. ޓީމުން ރަނގަޅަށް ކުޅުނު އެކަމަކު ލިބުނު ފުރުޞަތުތަކުގެ ބޭނުން ނުކުރެވުމަކީ މިހާރު ޓީމަށް ދިމާވެފައިވާ ވަރަށް ބޮޑު މައްސަލައެއް." ނާޝިދު ބުންޏެވެ. 

އުރީދޫ
ދިވެހި ޕްރިމިއަރ ލީގުގައި މިރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ ބީޖީ ސްޕޯޓްސްއާ
ކްލަބް އީގަލްސްއެވެ.