ކުޅިވަރު

ސްޕެނިޝް ގްރޯން ޕްރީ ހެމިލްޓަން ކާމިޔާބުކޮށްފި


ފޯމިއުލަރ ވަން ކާރު ރޭސް ސީޒަންގައި ހިމެނޭ ސްޕެނިޝް ގްރޯން ޕްރީ މަރސިޑީޒްގެ ލުއިސް ހެމިލްޓަން ކާމިޔާބުކޮށްފިއެވެ. މިރޭސް އޭނާ ކާމިޔާބުކުރީ ވާދަވެރި މެކްސް ވަރސްޓަޕެން އެންމެ ފަހު ވަގުތު ފަހަތަށް ޖައްސާލުމަށްފަހުއެވެ.

ވަރަށް ފޯރިގަދަ ކުރިމަތިލުންތަކެއް ފެނިގެންދިޔަ މިރޭސް ހެމިލްޓަން އެއްވަނައިގާ އޮވެގެން ފެށި ނަމަވެސް ފުރަތަމަ ކޯނަރުން ވަރސްޓަޕެންވަނީ މިރޭހުގައި ކުރިއަށް އަރާފައެވެ. އަދި 66 ބުރު ހިމެނޭ މިރޭހުގެ 60 ވަނަ ބުރާ ހަމައަށް ކުރީގައި އޮތީ ވަރސްޓަޕެންއެވެ. ނަމަވެސް 60 ވަނަ ބުރުގައި ހެމިލްޓަންވަނީ އަލުން އެއްވަނަ މަގާމް އަތުލާ އެގޮތުގައި އޮވެ ރޭސް ނިންމާލާފައެވެ. ގިނަ ބަޔަކު ގަބޫލް ކުރި ގޮތުގައި މިރޭސް ހެމިލްޓަންއަށް ކާމިޔާބު ކުރެވުނީ މަރސިޑީޒް ޓީމުން މިރޭހުގައި ބޭނުންކުރި ރޭވުންތެރިކަން މޮޅުވުމުންނެވެ. މިގޮތުން މަރސިޑީޒްއިންވަނީ ދެފަހަރަށް ހެމިލްޓަން ޕިޓްސްޓޮޕް ހަދާފައެވެ. އޭގެ ބަދަލުގައި ވަރސްޓަޕެން ހެދީ އެންމެ ޕިޓް ސްޓޮޕެކެވެ. އެހެން ވުމުގެ ސަބަބުން ކާރުގެ ޓަޔަރުގެ ފެންވަރާއި ދުވެލި ހެމިލްޓަންގެ ކާރުގައި ފަހު ބުރުތަކަށް ދިޔައިރު ރެޑްބުލްގެ ކާރު ދުއްވަމުންދިޔަ ވަރސްޓަޕެންއަށް ވުރެ މާރަނގަޅު ކަމަށް ފާހަގަވެގެންދިޔަވެ. އަދި ފަހުން ވަރސްޓަޕެންވެސް ހާމަކުރިގޮތުގައި ރޭހުގެ ފަހު ކޮޅަށް ދިޔައިރު ހެމިލްޓަން ހިފަހައްޓާލެވޭވަރަށް ވުރެ އޭނާ ދުވެލި ރަނގަޅެވެ. މިރޭގުން ތިންވަނައަށް ދިޔައީ މަރސިޑީޒްގެ ދެވަނަ ޑްރައިވަރ ވެލްޓަރީ ބޮޓާސްއެވެ.

މިއީ މިސީޒަންގައި މިހާތަނަށް ބޭއްވި ހަތަރު ރޭހުގެ ތެރެއިން ހެމިލްޓަން ކާމިޔާބުކުރި ތިންވަނަ ރޭހެވެ. އަދި އޭނާގެ ކެރިއަރުގެ 98 ވަނަ ކާމިޔާބީއެވެ. އަދި މިކާމިޔާބީއާއެކު ހެމިލްޓަންއަށް މިހާރުވަނީ ޕޮއިންޓް ތާވަލްގައި 14 ޕޮއިންޓްގެ ލީޑެއް ލިބިގެން ގޮސްފައެވެ. އެއީ ހެމިލްޓަންއަށް 94 ޕޮއިންޓް ލިބިފައިވާއިރު ވަރސްޓަޕެންއަށް ލިބިފައިވަނީ 80 ޕޮއިންޓެވެ. ކޮންސްޓްރަކްޓަރސް ބައިން އެއްވަނައިގައި 141 ޕޮއިންޓާއެކު އުޅެނީ މަރސިޑީޒްއެވެ. އަދި ރެޑްބުލްއަށް ލިބިފައިވަނީ 112 ޕޮއިންޓެވެ.