ޚަބަރު

ކަޝްމީރުގެ ސިޔާސީ ކުށްވެރިން މިނިވަންކުރުމަށް އދގެ އެހީއަށް އެދެފި


އިންޑިޔާގެ ބާރުގެ ދަށުގައި އޮންނަ ކަޝްމީރުގެ ޖަލުތަކުގައި ތިބި ސިޔާސީ ކުށްވެރިން މިނިވަންކުރުމަށް އިންޑިޔާއަށް ބާރުއެޅުމަށް ޕާކިސްތާނުން އދގައި އެދެފިއެވެ.

1989ވަނަ އަހަރުން ފެށިގެން އިންޑިޔާގެ ޢާންމު ސަލާމަތާބެހޭ ޤާނޫނުގެ ދަށުން ކަޝްމީރުގެ އެތައް ހާސް ބަޔަކުވަނީ ޙައްޔަރުކޮށްފައެވެ. އެ ޤާނޫނުގެ ދަށުން ޝަރީޢަތަކާ ނުލައި ދެ އަހަރު ދުވަހުގެ މުއްދަތަށް މީހުން ޙައްޔަރުކުރުމުގެ ބާރު އިންޑިޔާއަށް ލިބެއެވެ. އިންޑިޔާއިން އެ ޤާނޫނުގެ ބޭނުންކުރަނީ ސަރުކާރާ ދެކޮޅަށް ޝުޢޫރުފާޅުކުރުން ހުއްޓުވައި އިންސާފުގެ ނިޒާމަށް ގޮންޖެހުމަށްކަމަށް އިންސާނީ ޙައްޤުތަކަށް ވަކާލާތުކުރާ ޖަމްޢިއްޔާތަކުން ބުނެއެވެ.

މިދިޔަ ހަފުތާގެ ތެރޭގައި ކަޝްމީރުގެ މައްސަލައިގައި އިންޑިޔާއާ ދެކޮޅަށް ވަކާލާތުކުރުމުގައި ގިނަ އަހަރުތަކެއް ވަންދެން އެންމެ އިސްކޮށް ޙަރަކާތްތެރިވެފައިވާ މުޙައްމަދު އަޝްރަފު ސެހުރާއީވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި މަރުވެފައެވެ. އިންޑިޔާގެ ޢާންމު ސަލާމަތާބެހޭ ޤާނޫނުގެ ދަށުން މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ޙައްޔަރުކުރި އުމުރުން 78 އަހަރުގެ ސެހުރާއީ މަރުވީ ޖަންމުގައި ހުންނަ ޖަލެއްގައި ހުއްޓައި ކޯވިޑް-19 ޖެހި ޞިއްޙީ ޙާލު ގޯސްވެގެންނެވެ. އޭނާއަށް ބޭނުންވާ ފަރުވާ ޖަލުގައި ދީފައިނުވާކަމަށް އޭނާގެ ޢާއިލާއިން ބުނެއެވެ. ސެހުރާއީގެ ފިރިހެން ދަރިފުޅު މުޖާހިދު ސެހުރާއީ ބުނީ އޭނާގެ ބައްޕަ ޖަލުގައި ހުރެ ފޯނުން ޢާއިލާއާ ދެއްކި ވާހަކަތަކުގައި ޖަލުގެ ޙާލަތު ކިޔައިދީފައިވާކަމަށާއި އެދެވޭ ޞިއްޙީ ފަރުވާ ނުލިބޭކަމުގެ ޝަކުވާކޮށްފައިވާކަމަށެވެ.

ޕާކިސްތާނުން އދއަށް ކަނޑައަޅާފައި ހުންނަވާ ދާޢީމީ މަންދޫބު މުނީރު އަކުރަމް އދގެ ސެކެޓްރީ ޖެނެރަލް އެންތޯނިޔޯ ގުތޭޚެޝަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ހިމާލަޔަން ވާދީގައި ޤަވާއިދާ ޚިލާފަށް ބަންދުކޮށްފައި ތިބި ހުރިހާ އެންމެން މިނިވަންކުރުމަށް އިންޑިޔާއަށް ބާރުއެޅުމަށް ޕާކިސްތާނުގެ ފަރާތުން އެދޭކަމަށެވެ. ހަލުވިކަމާއެކު ކޯވިޑް-19 ފެތުރެމުންދާ ދަނޑުވަޅެއްގައި އަދި ޖަލުތަކުގެ ޙާލަތު ގޯސްވެފައިވާ ދަނޑިވަޅެއްގައި ސިޔާސީ ކުށްވެރިން ޖަލުގައި ބޭތިއްބުން ރަނގަޅު ނޫންކަމަށް އޭނާގެ ސިޓީގައި ފާހަގަކުރައްވާފައިވެއެވެ.

ފާއިތުވި އަހަރުގެ ތެރޭގައި ސިޔާސީ އަދި މަދަނީ ޖަމްޢިއްޔާތަކުންވަނީ ކަޝްމީރުގެ ތޮއްޖެހިފައިވާ ޖަލުތަކުގައި ތިބި މީހުން ދޫކޮށްލުމަށް ގޮވާލައިފައެވެ. އެ ޖަލުތަކުގައި ހަލުވިކަމާއެކު ބަލިފެތުރެމުންދާކަމަށް އެ ޖަމްޢިއްޔާތަކުން ފާހަގަކުރެއެވެ.

ކަޝްމީރުގެ މައްސަލައަކީ 1948ވަނަ އަހަރު އިންޑިޔާއާއި ޕާކިސްތާނު އުފެދުނީއްސުރެ ޙައްލުނުވެ އޮތް މައްސަލައެކެވެ. ދެ ޤައުމުންވެސް ދަޢުވާކުރާ ގޮތުގައި އެއީ އެ ޤައުމުގެ ސަރަޙައްދެކެވެ. މިހާތަނަށް އިންޑިޔާއާއި ޕާކިސްތާނުން ކުރި ތިން ހަނގުރާމައިގެ ތެރެއިން ދެ ހަނގުރާމަކުރީ ކަޝްމީރުގެ މައްސަލައިގައެވެ.