ޚަބަރު

އިންޑިޔާގައި ފެތުރޭ ކޯވިޑް-19ގެ ވައްތަރަކީ މުޅި ދުނިޔެއަށް އޮތް ނުރައްކަލެއް


އިންޑިޔާގައި ފެތުރެމުންދާ ކޯވިޑް-19ގެ އައު ވައްތަރަކީ މުޅި ދުނިޔެއަށްއޮތް ނުރައްކަލެއްކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ ޑަބްލިޔުއެޗުއޯއިން ބުނެފިއެވެ.

އެމެރިކާއަށްފަހު ދެވަނައަށް އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ކޯވިޑް-19 ޖެހިފައިވަނީ އިންޑިޔާގައެވެ. ދުނިޔޭގެ އާބާދީގެ 18 އިންސައްތަ މީހުން ދިރިއުޅޭ އިންޑިޔާގައި މިހާތަނަށް 22.6 މިލިޔަނަށްވުރެ ގިނަ މީހުންނަށް ބަލިޖެހި 246،047 މީހުން މަރުވެފައިވާކަމަށް ރަސްމީ ޢަދަދުތަކުން ދައްކައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ޤައުމުގައި 409،300 މީހުންނަށް ބަލިޖެހި 4،133 މީހުންވަނީ މަރުވެފައެވެ. އެ ޤައުމުގައި ބަލިޖެހިފައިވާ މީހުންނާއި މަރުވި މީހުންގެ އަސްލު ޢަދަދު ރަސްމީ ޢަދަދުތަކަށްވުރެ އެތައް ގުނައެއް އިތުރުވާނެކަމަށް ޞިއްޙީ މާހިރުން ބުނެއެވެ.

ޑަބްލިޔުއެޗުއޯގެ އެންމެ އިސް ސައިންސްވެރިޔާ ސޫމުޔާ ސުވަމިނަތަން ވިދާޅުވީ އިންޑިޔާގައި ފެތުރެމުންދާ ކޯވިޑް-19ގެ ވައްތަރުގައި ވާރުތަވުމުގެ ބާރުގަދަކަމަށެވެ. އިންޑިޔާގައި ބަލިފެތުރޭ މިންވަރު އެހާ ބޮޑަށް އިތުރުވި މައިގަނޑު އެއް ސަބަބަކީ އެ ޤައުމުގައި މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައި ބަލީގެ އައު ވައްތަރެއް ފެނުނު ނަމަވެސް އިތުރު ފިޔަވަޅުތަކެއް ނޭޅުމާއި ފަރުވާކުޑަކުރުންކަމަށް އޭނާ ވިދާޅުވިއެވެ. އަދި ފާއިތުވި ދުވަސްތަކުގައި އިންޑިޔާގައި ބޮޑެތި އެއްވުންތައް ބޭއްވުމަކީ ބަލިފެތުރޭ މިންވަރު އިތުރުވުމުގައި ބޮޑު ދަޢުރެއް ޢަދާކޮށްފައިވާކަމެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޑަބްލިޔުއެޗުއޯއިންވަނީ އިންޑިޔާގައި ފެތުރެމުންދާ ބަލީގެ ވައްތަރާމެދު ކަންބޮޑުވުން ފައުޅުކޮށްފައެވެ. ނަމަވެސް އެއީ އެހެން ވައްތަރުތަކަށްވުރެ ނުރައްކާތެރި ވައްތަރެއްކަން މިހާތަނަށް ކަނޑައަޅާފައެއް ނުވެއެވެ. ނަމަވެސް އެމެރިކާއާއި އިނގިރޭސިވިލާތް ހިމެނޭގޮތަށް ގިނަ ޤައުމުތަކަކުންވަނީ އިންޑިޔާގައި ފެތުރޭ ބަލީގެ ވައްތަރަކީ ނުރައްކާތެރި ވައްތަރެއްކަމަށް ކަނޑައަޅައިފައެވެ.

އިންޑިޔާގައި ފެތުރޭ ކޯވިޑް-19ގެ ވައްތަރާ ގުޅޭގޮތުން ސުވަމިނަތަން ވިދާޅުވީ އިންޑިޔާގައި ފެތުރޭ ވައްތަރުގެ ނުރައްކާތެރިކަން އިތުރުކަމަށް ޑަބްލިޔުއެޗުއޯއިން ވަރަށް އަވަހަށް ކަނޑައަޅާނެކަމަށް ޤަބޫލުކުރައްވާކަމަށެވެ. ވެކްސިނުން ލިބޭ ރައްކާތެރިކަމާއި ބަލިޖެހި ރަނގަޅުވުމުން ބައްޔާ ދެކޮޅަށް ހަށިގަނޑުގައި އުފެދޭ މާއްދާތައް ބަލީގެ ވައްތަރަށް ނުގުޑުމުގެ ފުރުޞަތު އޮތްކަމަށާއި ބަލިފެތުރޭ މިންވަރު އިތުރުވާފަދަ ބަދަލުތަކެއް ފާހަގަވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ކޯވިޑް-19ގެ އައު ވައްތަރެއް އިންޑިޔާފަދަ ބޮޑު ޤައުމެއްގައި ފުރަތަމަ ފެތުރެމުން ދިޔަކަން ފާހަގަނުވި ނަމަވެސް މިހާރު ބަލިފެތުރިފައިވާ މިންވަރުން ބަލި ފެތުރުން ހުއްޓުވުމަށް ވަރަށް ބޮޑަށް އުނދަގޫވެފައިވާކަމަށް ސުވަމިނަތަން ވިދާޅުވިއެވެ. އެފަދަ ޙާލަތެއްގައި ބަލިފެތުރުން ހުއްޓުވުމަށް ހަމައެކަނި ވެކްސިން ދިނުމުގެ މައްޗަށް ބަރޯސާވެވެން ނެތްކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި އިންޑިޔާގައި ބަލީގެ އައު އަދި ނުރައްކާތެރި ވައްތަރެއް އުފެދެމުން ދިޔުމަކީ ބޮޑު ބިރެއްކަމަށް އޭނާ ވިދާޅުވިއެވެ. ކޯވިޑް-19އަށް ބަދަލުވެ ވަކި ހިސާބަކުން ވެކްސިނަށް ނުގުޑަން ފެށުމަކީ މުޅި ދުނިޔެއަށް ކުރިމަތިވާނެ ބޮޑު ގޮންޖެހުމަކަށްވާނެކަމަށް އޭނާ ވިދާޅުވިއެވެ.