ކުޅިވަރު

ބުންޑަސްލީގާގެ ޗެމްޕިއަންކަން ޖެހިޖެހިގެން 9 ވަނަ ފަހަރަށް ބަޔާން މިޔުނިކަށް


ޖަރުމަނު ބުންޑަސްލީގާގެ ޗެމްޕިއަންކަން ޖެހިޖެހިގެން 9 ވަނަ ފަހަރަށް ބަޔާން މިޔުނިކް ކާމިޔާބުކޮށްފިއެވެ. މިލީގު ބަޔޭން އަށް ކާމިޔާބުވީ ބޮރޫޝިއާ މޮންޗެންގްލަޑްބެކް އާއި ރޭ ބައްދަލުކުރިމެޗް ފެށުމުގެވެސް ކުރިންނެވެ.

މިގޮތުން ބަޔާންއަށް ލީގު ކާމިޔާބުވީ އެޓީމާއި ލީގަށް އެންމެ ގާތުން ވާދަކުރަމުންދާ އާރް ބީ ލިޕްޒިގް ރޭ ބޮރޫޝިއާ ޑޯޓްމުންޑާއި ބައްދަލުކުރިމެޗުން 3 ލަނޑު 2 ލަނޑުން ބަލިވުމުންނެވެ. އެހެންކަމުން ރޭ ބަޔާން އާއި ބޮރޫޝިއާ މޮންޗެންގްލަޑްބެކް ބައްދަލުކުރިމެޗަށް އެޓީމް ނިކުތީ ލީގު ކާމިޔާބު ކުރެވުމުގެ ހިތްހަމަޖެހުމާއެކުއެވެ. ބަޔާންގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމު ކާމިޔާބުކުރީ ފަސޭހަ ކަމާއެކު 6 ލަނޑު ސުންލަނޑުންނެވެ.

މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 2 ވަނަ މިނެޓްގައި ޖަހައިދިނީ ރޮބަޓް ލެވަންޑޯސްކީއެވެ. އަދި އެޓީމްގެ ދެވަނަ ލަނޑު މެޗްގެ 23 ވަނަ މިނެޓްގައި ތޯމަސް މުލަރ ކާމިޔާބުކޮށްދިންއިރު ތިންވަނަ ލަނޑު މެޗްގެ 34 ވަނަ މިނެޓްގައި ޖަހާދިނީ ލެވަންޑޯސްކީއެވެ. އަދި ފުރަތަމަ ހާފް ނިމުމުގެ ކުރިން ކިންގްސްލީ ކޯމަންވަނީ ލަނޑެއް ޖަހާ ބަޔާންގެ ލީޑު އިތުރަށް ފުޅާކޮށްދީފައެވެ. މިމެޗްގެ ދެވަނަ ހާފްގައި ބަޔޭންގެ ފަސްވަނަ ލަނޑު ލިބުނު ޕެނަލްޓީއަކުން މެޗްގެ 65 ވަނަ މިނެޓްގައި ކާމިޔާބުކޮށް ލެވަންޑޯސްކީވަނީ ހެޓްރިކް ހަދާފައެވެ. އަދި ބަޔޭންގެ ފަހު ލަނޑު ކާމިޔާބުކޮށްދިނީ ލިރޯއި ސާނޭއެވެ.

މިކާމިޔާބީއާއެކު ބަޔޭންއަށް ވަނީ ކުޅުނު 32 މެޗުން 74 ޕޮއިންޓް ލިބިފައެވެ. އެންމެ ގާތުން ވާދަކުރި ލިޕްޒިގަށް ލިބިފައިވަނީ 32 މެޗުން 64 ޕޮއިންޓެވެ. މިހާރު ލީގުގައި ކޮންމެ ޓީމަކަށް ދެމެޗް ބާކީ އޮތްއިރު ބަޔޭން އާއި ލިޕްޒިގްގެ މެދުގައި 10 ޕޮއިންޓްގެ ފަރަގު އެބަހުއްޓެވެ. ރޭގެ މެޗުން މޮޅުވުމުން ޑޯޓްމުންޑް ވަނީ ޕޮއިންޓް ތާވަލްގެ ހަތަރުވަނަައަށް ކުރިއަށް ޖެހިލާ މިއަންނަ ސީޒަންގައި ޗެމްޕިއަންސް ލީގަށް ކޮލިފައިވުމަށް ކުރަމުންދާ އުންމީދު އާކޮށްފައެވެ.