ކުޅިވަރު

ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދުމުގެ އުންމީދު ލިވަޕޫލުން އާކޮށްފި


އިންގްލިޝް ޕްރިމިއަރ ލީގުގައި އެންމެފަހުގެ ޗެމްޕިއަން ލިވަޕޫލާއި ސައުތެމްޓަން ބައްދަލުކުރިމެޗް ލިވަޕޫލް ކާމިޔާބުކޮށް މިއަންނަ ސީޒަންގައި ޗެމްޕިއަންސް ލިގުގެ ޖާގައެއް ހޯދުމަށް ކުރަމުންދާ އުންމީދު އާކޮށްފިއެވެ. ލިވަޕޫލްގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ 2 ލަނޑު ސުންލަނޑުންނެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ލިވަޕޫލެވެ. މިމެޗްގައި ލިވަޕޫލުން އެޓީމްގެ ފުރަތަމަ ލަނޑު މެޗްގެ 31 ވަނަ މިނެޓްގައި ޖަހައިދިނީ ސާޑިއޯ މާނޭއެވެ. މިމެޗްގެ ފުރަތަމަ ހާފްގައި އިތުރު ލަނޑެއް ފެނިގެން ނުދިޔަ ނަމަވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ލިވަޕޫލަށް ލިބިގެންދިޔަކަން ފާހަގަކޮށްލެވެއެވެ. އަދި ސައުތެމްޓަނުންވެސް ދޭތެރެ ދޭތެރެއިން ލިވަޕޫލްގެ ގޯލަށް ނުރައްކާ ކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ. މިމެޗްގައި ލިވަޕޫލުން ޖެހި ދެވަނަ ލަނޑު މެޗްގެ ފަހު މިނެޓްގައި ޖަހައިދިނީ ތިއާގޯ އަލްކަންޓާރާއެވެ. މިއީ އޭނާ ލިވަޕޫލަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ. މިމެޗުގައި މީގެއިތުރުންވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ދެޓީމަށް ލިބިގެންދިޔައެވެ.

މިކާމިޔާބީއާއެކު ލިވަޕޫލް މިހާރުވަނީ ކުޅުނު 34 މެޗުން ލިބިފައިވާ 57 ޕޮއިންޓާއެކު ތާވަލްގެ ހަވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި ހަތަރު ވަނައިގާ އުޅޭ ލެސްޓަރ ސިޓީ އާއި ހަ ޕޮއިންޓަށް ގާތްކޮށްފައެވެ. އަދި ލިވަޕޫލް އެއް މެޗު މަދުން ކުޅެފައިވުމުގެ އިތުރުން ލެސްޓަރ އާއި ބައްދަލުކުރަން ޖެހޭތީ ގަދަ ހަތަރަކަށް ކުރާ އުންމީދު މިވަނީ އަލުން އާވެފައެވެ. މިމެޗުން ބަލިވުމުން ސައުތެމްޓަން އުޅެނީ ކުޅުނު 34 މެޗުން ލިބިފައިވާ 37 ޕޮއިންޓާއެކު ތާވަލްގެ 16 ވަނައިގައެވެ.