ޚަބަރު

ބޮމުގެ ހަމަލާގެ ތަހުގީގަށް ޢާންމުން ދިން މަޢުލޫމާތު ބޮޑު ދައުރެއް އަދާކުރޭ: ޢިމްރާން


ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ ބުރާސްފަތިދުވަހު ދިން ބޮމުގެ ހަމަލާގެ ތަހުގީގަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާކަމަށާއި، އެކަމުގައި ރައްޔިތުން ފޯރުކޮށްދިން މަޢުލޫމާތު ބޮޑު ދައުރެއް އަދާކޮށްފައިވާކަމަށް ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާގައި ބައިވެރިވިކަމަށް ތުހުމަތުކުރާ 3 މީހަކު ފުލުހުން މިހާރު ވަނީ ހައްޔަރުކޮށްފައެވެ. އޭގެތެރޭގައި ބޮން ގޮއްވާލިކަމަށް ތުހުމަތުކުރާ މީހާވެސް ހިމެނެއެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މިއަދު ހެނދުނު ހުޅުމާލެއިންނެވެ.

ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވީ، ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާގެ ތަހުގީގް ކުރިއަށް ދާގޮތާއި، ތަހުގީގްގަށް މިހާތަނަށް ހޯދިފައިވާ ކުރިއެރުންތައް ރަނގަޅުކަމަށެވެ. އަދި މިހާތަނަށް ލިބުނު ކުރިއެރުމުގައި ގިނަ ފުލުހުންގެ ހުނަރުވެރި މަސައްކަތުގެ އިތުރަށް ރައްޔިތުން ފޯރުކޮށްދިން މަޢުލޫމާތު ބޮޑު ދައުރެއް އަދާކޮށްފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅޭ އެއްވެސް މަޢުލޫމާތެއް އޮތްނަމަ ފުލުހުންނާއި ހިއްސާކުރުމަށް ފުލުހުން ވަނީ ޚާއްޞަ ޕޯޓަލެއް އަދި މޯބައިލް ނަންބަރެއް ޢާންމުކޮށްފައެވެ. ފުލުހުން ވިދާޅުވީ، ހަމަލާއާއި ގުޅޭގޮތުން ގިނަ މަޢުލޫމާތުތަކެއް ޢާންމުންގެ ފަރާތުންވެސް ލިބެމުން އަންނަކަމަށެވެ.

މިދިޔަ ބުރާސްފަތި ދުވަހު ރައީސް ނަޝީދަށް އަމާޒުކޮށްދިން ހަމަލާގައި އެމަނިކުފާނުގެ ހަށިކޮޅަށް ވަނީ ބޮޑެތި ޒަޚަމްތަކެއް ލިބިފައެވެ. އަދި ޒަހަމްތަކާއި ގުޅިގެން ގިނަ ސާޖަރީތަކެއް ހަދާފައިވާއިރު، އެމަނިކުފާނު އޮންނެވީ އައިސީޔޫގައެވެ.