ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސެކިއުރިޓީ ބްރީޗްވި ގޮތުގެ ތަހުޤީގެއް ރައްޔިތުން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ (241) ކޮމެޓީން ފަށައިފިއެވެ.
މިދިޔަ ބުރާސްފަތިދުވަހުގެ އެއްޗެއް ގޮއްވާލާ ރައީސް ނަޝީދަށް ދިން ނުރައްކާތެރި ޓްރެރަރިސްޓް ހަމަލާގައި އެމަނިކުފާނުވަނީ ވަރަށް ބޮޑަށް ޒަހަމްވެވަޑައިގެންފައެވެ. އަދި މި ޒަހްމަތަކަށް ފަރުވާދިނުމަށް ގިނަ އޮޕރޭޝަންތަކެއް ކޮށްފައިވާކަން އެޑީކޭ ހޮސްޕިޓަލްގެ ޑޮކްޓަރުންގެ ޓީމުން ވަނީ ހާމަކޮށްފައެވެ. އަދި އެ އޮޕރޭޝަންތަކުގެ ތަފްސީލުތައް އެޓީމުން އިއްޔެ ވަނީ އާއްމުވެސް ކޮށްފައެވެ.
241 ކޮމެޓީން ރޭ ބޭއްވި ސިއްރު ބައްދަލުވުމަށްފަހު އެ ކޮމެޓީން ނެރުނު ބަޔާނެއްގައި ވަނީ ރައްޔިތުން މަޖލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ސަލާމަތީ ހިދުމަތްތަކުން ސަލާމަތީ ރައްކާތެރިކަން ފޯރުކޮށްދެމުންދަނިކޮށް ބުރާސްފަތިދުވަހުގެރޭ އެ ރައްކާތެރިކަން ބްރީޗްވީ ގޮތުގެ އިންކުއަރީއެއް ހެދުމަށް އެ ކޮމެޓީން ނިންމާފައިވާކަމަށެވެ.
މީގެއިތުރުން ކޮމެޓީން ވަނީ ރައީސް ނަޝީދަށް ހަމަލާދިން މައްސަލަ ސީރިއަސް އަވަސް މައްސަލައެއްގެ ގޮތުގައި ތަހުޤީގުކޮށްދިނުމަށް އެދިފައެވެ. މި މައްސަލާގައި ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެ ތަކތި ނައްތާލުމުގެ ކުރިން ހެކި ހޯދުމަށްވެސް އެ ކޮމޓީން ވަނީ ގޮވާލާފައެވެ. އަދި މި މައްސަލާގައި ބޭރުގެ މާހިރުނެގ އެހީ ހޯދުމަށް ސަލާމަތީ ހިދުމަތްތަކަށް އެކޮމެޓީން ވަނީ ލާފާދީފައެވެ.
ރައީސް ނަޝީދަށް ހަމަލާދީން މައްސަލާގައި ތަހުޤީގުތައް ފަށާ މި މައްސަލާގައި ތުހުމަތުކުރެވޭ 3 މީހަކު މިހާރު ވަނީ ހައްޔަރުކޮށްފައެވެ. އޭގެތެރޭގައި މި ބޮން ގޮއްވާލިކަމަށް ތުހުމަތުކުރެވޭ މީހާއާއި ބޮން ހަރުކޮށްފައި އޮތް ސައިކަލްގެ ވެރިފަރާތްވެސް ހިމެނެއެވެ.
މި މައްސަލައިގެ ތަހުޤީގުގައި އޮސްޓްރޭލިއަން ފެޑަރަލް ޕޮލިސްގެ ދެ މާހިރުން މިހާރުވަނީ ގުޅިފައެވެ. އަދި އިނގިރޭސިވިލާތުގެ މެޓްރޮޕޮލިޓަން ފުލުހުންގެ ކައުންޓަރ ޓެރަރިޒަމްއާއި ގުޅޭ އިސް އޮފިސަރެއް މިއަދު ރާއްޖެ އައިސް މި ޓީމާއި ގުޅޭނެކަން ސިޕީ ހަމީދު އިއްޔެ ވަނީ ވިދާޅުވެފައެވެ.