މިދިޔަ ބުރާސްފަތި ދުވަހުގެރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާގައި ބޮން ގޮއްވާލިކަމަށް ތުހުމަތުކުރެވޭ މީހާ ހައްޔަރުކޮށްފިއެވެ.
މި މިހާ ހައްޔަރުކޮށްފައިވަނީ ހުޅުމާލެއިން ނެވެ. އެހެންނަމަވެސް މިކަމާއި ބެހޭ އެއްވެސް ތަފްސީލެއް އަދި ފުލުހުން ހާމައެއް ނުކުރައްވައެވެ. މި މީހާ ހައްޔަރުކޮށްފައި މިވަނީ މީ މި މައްސަލައިގެ އެންމެ މުހިއްމު މީހާކަމަށް ހާމަކޮށް އެމީހާ ހޯދަމުންދާކަން އިއުލާންކުރިތާ ގާތްގަޑަކަށް 15 ގަޑިއިރުގެ ފަހުންނެވެ.
ރައީސް ނަޝީދަށް ހަމަލާދީން މައްސަލާގައި ޝައްކުކުރެވޭ 4 މީހުން ތިބިކަން ފުލުހުންވަނީ ވިދާޅުވެފައެވެ. މީގެތެރއިން 3 މީހުން މިހާރު މިވަނީ ހައްޔަރުކޮށްފައެވެ.
މި މައްސަލައާއި ގުޅިގެން ފުރަތަމަ ފަހަރަށް ބަޔަކު ހައްޔަރުކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. އިއްޔެ ހައްޔަރުކޮށްފައިވާ ދެމީހުންނަކީ މއ.ފޭރުގެ ޢުމުރުން 21 އަހަރުގެ މުޖާޒް އަޙްމަދާއި ގއ.ކޮނޑޭ ފޮޅޭމާގޭ ޢުމުރުން 32 އަހަރުގެ ތަހްމީނު އަޙްމަދެވެ. ކުށުގެ ރެކޯޑްތައް އޮންނަ މީ ދެމީހުންގެ ތެރެއިން ތަހްމީން އަޙްމަދަކީ މި ހާދިސާގައި ބޮން ހަރުކޮށް ގޮއްވި ސައިކަލްގެ ވެރިފަރާތެވެ.
މި މީހުންވަނީ ސައިކަލްގެ ނަންބަރު ޕްލޭޓް ބަދަލުކޮށް ސައިކަލްގެ އިންޖީނުގެ ނަމްބަރުވެސް ވަނީ ކަހާލާ ފޮރުވުމަށް މަސައްކަތް ކޮށްފަކަމަށް ފުލުހުން ވިދާޅުވިއެވެ.
ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށްދިން ޓެރަރިސްޓް ޙަމަލާގައި ގޮއްވާލި އައިއީޑީން ބުރައިގެންދިޔަ ތޫނު ދަގަނޑު އެތިކޮޅުތަކުގެ ތެރެއިން އެތިކޮޅެއް، އެމަނިކުފާނުގެ ސީދާ ހިތަށް ނުވަދެ ހުރީ އެންމެ ސެންޓިމީޓަރެއްގެ ދުރުމިންކަމަށް އޭޑީކޭގެ ޑޮކްޓަރުންގެ ޓީމުން ވަނީ ހާމަކޮށްފައެވެ. މި އެތިކޮޅު ރައީސް ނަޝީދުގެ ހިތަށް ނުވަދެ ސަލާމަތްވީ އެމަނިކުފާނުގެ މޭކަށިގަނޑުގައި ޖެހި ކަށިގަނޑު ފުނޑުފުނޑުވުމުގެ ސަބަބުން އެ އެތިކޮޅު އެތެރެއަށް ދިޔުން މަތަވެގެންކަމަށްވެސް ޑޮކްޓަރުން ވަނީ ވިދާޅުވެފައެވެ.
މި ހަމަލާގައި ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި ޒަހްމަތަކަށް ފަރުވާދިނުމަށް ގިނަ އޮޕރޭޝަންތަކެއް ކޮށްފައިވާކަން ޑޮކްޓަރުން ވަނީ ހާމަކޮށްފައެވެ. އަދި މިވަގުތުވެސް ރައީސް ނަޝީދު އޮންނެވީ އޭޑީކޭ ހޮސްޕިޓަލުގައިކަމަށާއި ޑޮކްޓަރުން ވަރަށް ކައިރިން ބައްލަވަމުން ގެންދަވާކަންވެސް ޑޮކްޓަރުންގެ ޓީމުން ވަނީ ބުނެފައެވެ.