ޚަބަރު

ޕާކިސްތާން ފުރަބަންދަކަށް، އިންޑިޔާއާއި ބަންގްލަދޭޝް ގުޅޭ ސަރަޙައްދީ ރޮނގު ބަންދު


ފިޠުރު ޢީދާ ދިމާކޮށް ޕާކިސްތާން ފުރަބަންދުކޮށްފިއެވެ. އެއީ ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް މިދިޔަ އަހަރުގެ އޭޕުރިލް މަހުގެ ތެރޭގައި ޕާކިސްތާން އެއް މަސް ދުވަހުގެ މުއްދަތަށް ފުރަބަންދު ކުރިފަހުން އެ ޤައުމުގައި އަޅައި އެފަދަ އެންމެ ހަރުކަށި ފިޔަވަޅެވެ.

ކޯވިޑް-19ގެ ސަބަބުން އެންމެ ޙާލަތު ގޯސްވެފައިވާ އިންޑިޔާއާއެކު ސަރަޙައްދީ ރޮނގެއް ޙިއްޞާކުރާ ޕާކިސްތާނުން ދަނީ ކޯވިޑް-19ގެ ތިންވަނަ ރާޅަކާ ކުރިމަތިލަމުންނެވެ. އެ ޤައުމުގައި މިހާތަނަށް 854،240 މީހުންނަށް ބަލިޖެހި 18،797 މީހުންވަނީ މަރުވެފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ޤައުމުގައި 4،298 މީހުންނަށް ބަލިޖެހި 140 މީހުންވަނީ މަރުވެފައެވެ. އެ ޙާލަތުގައި އެ ޤައުމުގެ ޞިއްޙީ ނިޒާމަށްވަނީ ވަރަށް ބޮޑަށް ބާރުބޮޑުވެފައެވެ. ޕާކިސްތާން އޮތީ ނުރައްކާތެރި ޙާލަތެއްގައިކަމަށާއި އަވަށްޓެރި އިންޑިޔާ އޮތްފަދަ ޙާލަތަށް ޤައުމު ވެއްޓިއްޖެނަމަ ޞިއްޙީ ފަރުވާ ނުދެވޭނެކަމަށް އެ ޤައުމުގެ ސަރުކާރުންވަނީ ބުނެފައެވެ.

ޢީދާ ދިމާކޮށް ޕާކިސްތާނުގެ ގިނަ ޢަދަދެއްގެ ރައްޔިތުން އެ ޤައުމުގެ އެއް ސަރަޙައްދުން އަނެއް ސަރަޙައްދަށް ދަތުރުކުރެއެވެ. ފަތުރުވެރިންގެ މެދުގައި މަޤްބޫލު މަންޒިލުތަކަށްވެސް ޢީދު ޗުއްޓީގައި ޢާންމުކޮށް ބާރު ބޮޑުވެއެވެ. މިދިޔަ އަހަރުވެސް ޢީދާ ދިމާކޮށް އެ ޤައުމުގައި ބަލިފެތުރުނު މިންވަރުވަނީ އިތުރުވެފައެވެ. އެހެންކަމުން މި އަހަރުގެ ފިޠުރު ޢީދާ ދިމާކޮށް ބަލިފެތުރޭ މިންވަރު ދަށްކުރުމަށް ޕާކިސްތާނުންވަނީ މެއި މަހުގެ 8ވަނަ ދުވަހުން ފެށިގެން 11 ދުވަހުގެ މުއްދަތަށް އެ ޤައުމު ފުރަބަންދުކޮށްފައެވެ. އެ މުއްދަތުގައި އެ ޤައުމުގެ ހުރިހާ ވިޔަފާރިތަކާއި ފިހާރަތަކާއި ހޮޓާތަކާއި ކެފޭތަކާއި ޕާކުތައް ހުންނާނީ ބަންދުކޮށްފައެވެ. އަދި ޢާންމު ދަތުރުފަތުރުގެ ނިޒާމުވަނީ މެދުކަނޑާލައިފައެވެ. ނަމަވެސް މިސްކިތްތައް ބަންދުކޮށްފައެއް ނުވެއެވެ.

ބަންގުލަދޭޝުންވަނީ އިންޑިޔާއާއެކު ޙިއްޞާކުރާ އެއްގަމު ސަރަޙައްދީ ރޮނގު ބަންދުކޮށްފައެވެ. ބަންގުލަދޭޝުން ސަރަޙައްދީ ރޮނގު ބަންދުކުރީ އޭޕުރިލް މަހުގެ 26ވަނަ ދުވަހުއެވެ. ނަމަވެސް ބަންގުލަދޭޝުން އިންޑިޔާގައި ފެތުރޭ ކޯވިޑް-19ގެ އައު ވައްތަރު ފެނުމުން އިތުރު 14 ދުވަހަށް ސަރަޙައްދީ ރޮނގު ބަންދުކުރުމަށްވަނީ ނިންމައިފައެވެ. ޢާންމު ދަތުރުފަތުރަށް ސަރަޙައްދީ ރޮނގު ބަންދުކުރި ނަމަވެސް ދެ ޤައުމުގެ ދެމެދުގައި މުދާ އުފުލޭނެކަމަށް އެ ޤައުމުން ބުނެއެވެ.