ކުޅިވަރު

ސުޕަރ ލީގުގައި ބައިވެރިވި ކްލަބުތަކާ ދެކޮޅަށް އެޅި ފިޔަވަޅުތަކަށް ކްލަބްތަކުން އެއްބަސްވެއްޖެ


ޔޫރަޕިއަން ސުޕަރ ލީގުގައި ބައިވެރިވުމަށްފަހު އެމުބާރާތުން ވަކިވި 9 ކްލަބާއި ދެކޮޅަށް ޔުއޭފާއިން އެޅި ފިޔަވަޅުތައް އެކްލަބްތަކުން ބަލައިގެންފިއެވެ. މިގޮތުން ޔުއޭފާއިންވަނީ އެކްލަބްތަކާއި ދެކޮޅަށް މާލީގޮތުން ފިޔަވަޅު އެޅުމަށް ނިންމާފައެވެ.

ޔުއޭފާގެ ފިޔަވަޅުތަށް ގަބޫލްކުރި ނުވަ ކްލަބަކީ އާސެނަލް، ޗެލްސީ، ލިވަޕޫލް، މެންޗެސްޓަރ ސިޓީ، މެންޗެސްޓަރ ޔުނައިޓެޑް، ޓޮޓްނަމް ހޮޓްސްޕަރ، އޭސީ މިލާން، އިންޓަރ މިލާން އަދި އެޓްލެޓިކޯ މެޑްރިޑެވެ. މި ނުވަ ކްލަބަކީ މުބާރާތުގައި ބައިވެރިވުމަށް ނިންމާ ނަމަވެސް ކްލަބްތަކުގެ ސްޕޯޓަރުންނާއި އެ ކްލަބުތަށް ނިސްބަތްވާ ޤައުމުތަކުގެ ސަރުކާރުތަކުގެ ޕްރެޝަރާއެކު ވަކިވެފައިވާ ނުވަ ކްލަބެވެ. ޔުއޭފާ އާއި ބައިވެރިވުމެއް ނެތި ޔޫރަޕިއަން ސުޕަރ ލީގު ބާއްވާނެކަން އިޢުލާން ކޮށްފައިވަނީ މިދިޔަ އޭޕްރީލްމަހުގެ 18 ވަނަ ދުވަހުއެވެ. ނަމަވެސް 48 ގަޑިއިރު ނުވެ އިންގްލިޝް ޕްރިމިއަރ ލީގަށް ނިސްބަތްވާ ހަ ކްލަބުން ވަކިވުމާއެކު އެމުބާރާތް ފެށުމުގެ ކުރިން ނާކާމިޔާބުވެގެންދިޔައެވެ. އީއެސްއެލް އުފެއްދުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރި ރެއާލް މެޑްރިޑާއި އެފްސީ ބާސެލޯނާ އަދި ޔުވެންޓަސް ވަނީ މިމުބާރާތުން ވަކިވާން ދެކޮޅު ހަދާފައެވެ. އަދި މުބާރާތް އަދިވެސް ނުބާއްވާނެކަމަކަށް އެތިން ކްލަބުން ހާމައެއް ނުކުރެއެވެ. އީއެސްއެލްއިން ހާމަކުރާގޮތުގައި މިވަގުތަށް މުބާރާތް ބޭއްވުން މަޑު ޖައްސާލީކަމުގައެވެ. ޔުއޭފާއިންވަނީ މިތިން ކްލަބާމެދު ޑިސިޕްލިނަރީ ކޮމެޓީއިން ހަރުކަށި ފިޔަވަޅު އަޅާނެކަން ހާމަކޮށްފައެވެ.

އީއެސްއެލްއިން ވަކިވި ނުވަ ކްލަބުންވަނީ ޔޫރަޕްގައި ގްރާސްރޫޓާއި ކުޑަކުދިންގެ ފުޓްބޯޅަ އަށްޓަކައި އެކްލަބްތަކުން ހެޔޮނިޔަތުގައި 15 މިލިއަން ޔޫރޯ ހަދިޔާކުރާނެކަން ހާމަކޮށްފައެވެ. އަދި ޔުއޭފާއިންވަނީ މިކްލަބްތަކަށް ޔުއޭފާގެ މުބާރާތްތަކުން ލިބޭ ފައިސާގެ އިނާމުގެ ފަހެއް އިން ސައްތަ އެއް ސީޒަނަށް އުނިކުރަންވެސް ނިންމާފައެވެ. ނަމަވެސް މިފައިސާ އުނިކުރާނީ 2023 -24 ވަނަ އަހަރުގެ ސީޒަނުންނެވެ. އަދި މިކްލަބްތަކުން އުނިކުރެވޭ ފައިސާ ޔުއޭފާއިން ހަމަޖައްސާފައިވަނީ ޔުއޭފާގައި ހިމެނޭ ހުރިހާ އެސޯސިއޭޝަންތަކަކަށް ހަމަހަމައަށް ބެހުމަށެވެ. ޔުއޭފާއަށް ޔުނައިޓެޑުން ހެޔޮނިޔަތުގައި ދައްކާ ފައިސާ އެކްލަބުން ދެއްކުމުގެ ބަދަލުގައި ދައްކާނީ ޗެއާމަން ޖޮއެލް ގްލޭޒަރގެ އަމިއްލަ ފައިސާއިންނެވެ. އަދި އާސެނަލް ނިސްބަތްވާ ކްރޮއެންކަރ ސްޕޯޓްސް އެންޑް އެންޓަރޓެއިންމަންޓުން ހާމަކުރިގޮތުގައި ޔުއޭފާއަށް ދައްކަންޖެހޭ ހުރިހާ ފައިސާ އަކާއި އީއެސްއެލްއިން ވަކިވުމުން ދައްކަންޖެހޭ ފައިސާއެއްވިއްޔާ އެފަރާތުން ދައްކާނެކަމަށެވެ. އަދި ސްޕަރސްއިން ނެރުނު ބަޔާނެއްގައި ހާމަކުރިގޮތުގައި އެކްލަބުން އެއްވެސް ޖޫރިމަނާއެއް ދައްކަންޖެހޭނަމަ އެކަމުގެ ޒިންމާ ނަގަންޖެހޭނީ ކްލަބްގެ ވެރިންކަމަށެވެ.

މީގެއިތުރުން މިނުވަ ކްލަބުން ކުރިއަށް އޮތް ތާންގާ ޔުއޭފާއިން ބަލައި ނުގަންނަ މުބާރާތެއްގައި ބައިވެރިވެއްޖެނަމަ ކޮންމެ ކްލަބެއް 100 މިލިއަން ޔޫރޯއިން ޖޫރިނަމާ ކުރެވޭނެކަމަށްވެސް ޔުއޭފާއިން ހާމަކޮށްފައިވެއެވެ. ޔުއޭފާގެ ރައީސް އެލެގްޒެންޑަރ ސެފެރިން ހާމަކުރިގޮތުގައި މިޒަމާނުގައި ގޯހެއް ހެދިއްޖެކަން އަމިއްލައަށް ޤަބޫލްކުރުމަކީ ވަރަށް މަދުން ނޫނީ މީހުން ކުރާކަމެއް ނޫން ކަމަށާއި އަދި މި ނުވަކްލަބުން އެކްލަބްތަކަށް ގޯހެއް ހެދުނުކަން ޤަބޫލް ކުރުމަކީ ވަރަށް ބޮޑު ކަމެއް ކަމަށެވެ. މި ނުވަކްލަބުން މިހާރުވަނީ ޔޫރަޕިއަން ކްލަބް އެސޯސިއޭޝަންގައިވެސް އަލުން ބައިވެރުވާނެކަން ހާމަކޮށްފައެވެ.