މުނިފޫހިފިލުވުން

ފިލްމު އިންޑަސްޓްރީގެ ދުވާލު މުސާރަވެރިންނަށް އަދިތްޔާ ޗޯޕްރާގެ އެހީ


ކޯވިޑްގެ ބަލިމަޑުކަން އިންޑިއާގައި ހަލުއިކަމާއެކު ފެތުރެމުންދާ މިދަނޑިވަޅުގައި ފިލްމު އިންޑްސްޓްރީގައި ދުވަހު މުސާރައަށް މަސައްކަތްކުރާ ފަރާތްތަކަށް އެހީވުމުގެ ގޮތުން 'ޔާޝް ޗޯޕްރާ ސާތީ އިނީޝިއޭޓިވް" ގެ ނަމުގައި ޑައިރެކްޓަރ އަދި މަޝްހޫރު ޔާޝް ރާޖް ފިލްމްސްގެ ޗެއަރމަން އަދިތްޔާ ޗޯޕްރާ އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.

ޔާޝްރާޖް ފިލްމްސް އިން މަޢުލޫމަތު ބުނީ މި ބަލިމަޑުކަމާއި ހެދި އިންޑަސްޓްރީގެ ގިނަ މަސައްކަތްތައް ހުއްޓިފައިވާތީ ދުވަހު މުސާރަވެރިންނަށްވަނީ ވަރަށް ބޮޑު ތަކުލީފަކަށް މިކަންވެފައިވާކަމަށެވެ. އެމީހުންނާއި އެމީހުންގެ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ މި އިނީޝިއޭޓިވްގެ މަޤްޞަދުކަމުގައިވެސް ޔާޝް ރާޖް ފިލްމްސްއިން ބުނެއެވެ.

މި އިނީޝިއޭޓިވްގެ ދަށުން ދުވަސްވީ މީހުންނަށާއި އަންހެނުންނަށް 5000 ރުޕީސް ލިބޭނެއެވެ. އަދި އެންޖީއޯ އެއްކަމަށްވާ 'ޔޫތް ފީޑް އިންޑިއާ' އާއި ގުޅިގެން ހަތަރު މީހުންނަށްވުރެ ގިނަމީހުން ތިބި އާއިލާތަކަށް މުޅިމަހަށް ވާގޮތަށް ރޭޝިއޯ ކިޓް ތަކެއް ބެހުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ދާދިފަހުން އަދިތްޔާވަނީ ޔާޝް ރާޖް ފިލްމްސްގެ 30000 ދުވަހު މުސާރަވެރިންނަށް ވެކްސިންޖެހޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް އެދި މަހާރަޝްތްރާގެ ޗީފް މިނިސްޓަރުގެ އަރިހުންވެސް އެދިފައެވެ.

ކުރީގެ ޕްރޮޑިއުސަރ އަދި ޑައިރެކްޓަރ ޔާޝް ޗޯޕްރާގެ ދަރި އަދިތްޔާ ޗޯޕްރާ ޑައިރެކްޓްކޮށްފައިވާ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި "ދިލްވާލޭ ދުލްހަނިޔާ ލޭޖައޭގޭ" ، "މުހައްބަތޭން" ، "ރަބްނޭބަނާދީ ޖޯޑީ" އަދި "ބޭފިކްރޭ" ފަދަ ފިލްމުތައް ހިމެނެއެވެ.