ޚަބަރު

''އިސްރާއީލާ ދެކޮޅަށް ތެދުވުމަކީ އިސްލާމީ ޤައުމުތަކުގެ ބޮލުގައި އެޅިފައިވާ ޒިންމާއެއް''


އިސްރާއީލާ ދެކޮޅަށް ތެދުވެ މަސައްކަތްކުރުމަކީ މުސްލިމު ޤައުމުތަކުން ޢަދާކުރަންޖެހޭ ޒިންމާއެއްކަމަށް އީރާނުގެ އެންމެ އިސްވެރިޔާ އާޔަތުﷲ ޢަލީ ޚާމަނާއީ ވިދާޅުވެއްޖެއެވެ.

ރަމަޟާން މަހުގެ ފަހު ހުކުރު ދުވަހު އިސްލާމީ ޤައުމުތަކުގައި ފާހަގަކުރާ ޤުދުސް ދުވަހުގެ މުނާސަބަތުގައި ވާހަކަދައްކަވަމުން ޚާމަނާއީ ވިދާޅުވީ އިސްރާއީލަކީ ވަކި ދަޢުލަތެއް ނޫންކަމަށާއި ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ޙަރަކާތްތެރިވާ ނިރުބަވެރި ފައުޖުތަކެއްކަމަށެވެ. އިސްލާމީ ޤައުމުތަކުން އިސްރާއީލާ ދެކޮޅަށް ހަނގުރާމަކުރުމަށް ގޮވާލައްވަމުން ޚާމަނާއީ ވިދާޅުވީ އެ ޤައުމާ ދެކޮޅަށް ކުރާ މަސައްކަތަކީ ނިރުބަވެރިކަމާއި އަނިޔާވެރިކަމާ ދެކޮޅަށް ކުރާ ހަނގުރާމައެއްކަމަށެވެ. އަދި އެ ހަނގުރާމައިގައި ބައިވެރިވުމަކީ އިސްލާމީ ޤައުމުތަކުގެ ބޮލުގައި އެޅިފައިވާ ޒިންމާއެއްކަމަށެވެ. ޤުދުސްގެ މައްސަލައިގައި މުސްލިމު ޤައުމުތަކުން ގުޅިގެން އިސްރާއީލާ ދެކޮޅަށް މަސައްކަތްކުރުމަކީ އެ ޤައުމަށް އޮތް ބިރުވެރިކަމެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޤުދުސްގެ މައްސަލައިގައި އިސްރާއީލާއި ފަލަސްޠީނާމެދު ހަމަނުޖެހުންތައް ހިނގާތާ ހަފުތާތަކެއްވަނީ ވެފައެވެ. ރަމަޟާން މަސް ފެށުނު ފަހުން އެ ހަމަނުޖެހުންތައްވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ރަމަޟާން މަހުގެ އެންމެ ފަހު ހުކުރު ނަމާދުގެ ޖަމާޢަތުގައި ބައިވެރިވުމަށް 70،000އަށްވުރެ ގިނަ މުސްލިމުންވަނީ މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް މިސްކިތަށް ޖަމާވެފައެވެ. ނަމާދުގެ ޖަމާޢަތަށްފަހު އެތައް ހާސް މީހުންނެއްވަނީ އިސްރާއީލުން އިސްތިޢުމާރުކޮށްފައިވާ ފަލަސްޠީނުގެ ބިންތަކުގައި ދިރިއުޅޭ ފަލަސްޠީނުގެ ރައްޔިތުން އެ ސަރަޙައްދުތަކުން ބޭރުކުރުމަށް އިސްރާއީލުން ކުރަމުންދާ މަސައްކަތްތަކާ ދެކޮޅަށް ނުރުހުން ފައުޅުކޮށް އަޑުއުފުލައިފައެވެ. ރައްދުގައި އިސްރާއީލުގެ އިސްތިޢުމާރީ ސިފައިންވަނީ އަޤްޞާގައި އަޅުކަންކުރަން ތިބި މުސްލިމުންނަށް ވަރުގަދަ ޙަމަލާތަކެއް ދީފައެވެ. އެ ޙަމަލާތަކުގައި 178 މީހުން ޒަޚަމްވިއެވެ. އޭގެ ތެރެއިން 88 މީހުންވާނީ އިތުރު ފަރުވާއަށް ހަސްފަތާލުތަކަށް ގެންގޮސްފައެވެ. ގިނަ މީހުން ޒަޚަމްވީ އިސްރާއީލުގެ ސިފައިން ބޭނުންކުރި ރަބަރު ވަޒަނާއި ސްޓަން ގުރެނޭޑުގެ ސަބަބުން ބޮލަށާއި ލޮލަށް އަނިޔާވެގެންނެވެ.

1967ވަނަ އަހަރު ކުރި ހަނގުރާމައިގައި އިސްރާއީލުންވަނީ ހުޅަނގު އައްސޭރި އިސްތިޢުމާރުކޮށްފައެވެ. އެއީ އިސްރާއީލުގެ ބައެއްކަމަށް ބައިނަލްއަޤްވާމީ ދުނިޔެއިން ބަލައިއެއްނުގަނެއެވެ. ހުޅަނގު އައްސޭރީގައި ވަޒަންވެރިވެފައިވާ އިސްރާއީލުގެ ރައްޔިތުންނަކީ ޤަވާއިދާ ޚިލާފަށް އެ ސަރަޙައްދުގައި ދިރިއުޅޭ ބައެއްކަމަށާއި އެއީ ޞުލްޙައަށް ހުރަސްއެޅޭކަމެއްކަމަށް ފަލަސްޠީނުގެ ރައްޔިތުން ޤަބޫލުކުރެއެވެ. ފަލަސްޠީނުގެ މިނިވަން ދަޢުލަތެއް ޤާއިމުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ހުޅަނގު އައްސޭރިއަކީ އެ ދަޢުލަތުގެ ބަޔަކަށް ހެދުމަށް ފަލަސްޠީނުން ބޭނުންވެއެވެ.