ޚަބަރު

މަސްޖިދުލް އަޤްޞާއަށް ދިން ޙަމަލާތަކުގައި 178 މީހުން ޒަޚަމްވެއްޖެ


މަސްޖިދުލް އަޤްޞާގައި އަޅުކަންކުރަން ތިބި މުސްލިމުންނަށް އިސްރާއީލުގެ ސިފައިން ވަރުގަދަ ޙަމަލާތަކެއް ދީފިއެވެ.

ޤުދުސްގެ މައްސަލައިގައި އިސްރާއީލާއި ފަލަސްޠީނާމެދު ހަމަނުޖެހުންތައް ހިނގާތާ ހަފުތާތަކެއްވަނީ ވެފައެވެ. ރަމަޟާން މަސް ފެށުނު ފަހުން އެ ހަމަނުޖެހުންތައްވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ރަމަޟާން މަހުގެ އެންމެ ފަހު ހުކުރު ނަމާދުގެ ޖަމާޢަތުގައި ބައިވެރިވުމަށް 70،000އަށްވުރެ ގިނަ މުސްލިމުންވަނީ މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް މިސްކިތަށް ޖަމާވެފައެވެ. ނަމާދުގެ ޖަމާޢަތަށްފަހު އެތައް ހާސް މީހުންނެއްވަނީ އިސްރާއީލުން އިސްތިޢުމާރުކޮށްފައިވާ ފަލަސްޠީނުގެ ބިންތަކުގައި ދިރިއުޅޭ ފަލަސްޠީނުގެ ރައްޔިތުން އެ ސަރަޙައްދުތަކުން ބޭރުކުރުމަށް އިސްރާއީލުން ކުރަމުންދާ މަސައްކަތްތަކާ ދެކޮޅަށް ނުރުހުން ފައުޅުކޮށް އަޑުއުފުލައިފައެވެ. އެ މޭރުމުން އަޑުއުފުލާފައިވަނީ ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހުގެ އެންމެ ފަހު ހުކުރު ދުވަހު ފާހަގަކުރާ ޤުދުސް ދުވަހާ ގުޅުވައިގެންނެވެ.

އަޤްޞާ މިސްކިތުގައި އަޅުކަންކުރަން ތިބި މުސްލިމުންނަށް އަމާޒުކޮށް އިސްރާއީލުގެ އިސްތިޢުމާރީ ސިފައިން ޙަމަލާ ދޭންފެށީ ހުކުރު ދުވަހުގެ އަސްރު ނަމާދު ވަގުތުއެވެ. އިސްރާއީލުގެ ސިފައިންވަނީ އަޤުޞާ މިސްކިތަށް ވަންނަ މައި ދޮރާށި ބަންދުކޮށްފައެވެ. ފަލަސްޠީނިއަން ރެޑު ކުރެސެންޓުން ބުނީ އަޤްޞާ މިސްކިތަށާއި ޤުދުސްގެ ބައެއް އެހެން ސަރަޙައްދުތަކަށް އިސްރާއީލުން ދިން ޙަމަލާތަކުގައި 178 މީހުން ޒަޚަމްވިކަމަށެވެ. އޭގެ ތެރެއިން 88 މީހުންވާނީ އިތުރު ފަރުވާއަށް ހަސްފަތާލުތަކަށް ގެންގޮސްފައެވެ. ގިނަ މީހުން ޒަޚަމްވީ އިސްރާއީލުގެ ސިފައިން ބޭނުންކުރި ރަބަރު ވަޒަނާއި ސްޓަން ގުރެނޭޑުގެ ސަބަބުން ބޮލަށާއި ލޮލަށް އަނިޔާވެގެންނެވެ. އެ ޙަމަލާތައް ދިނުމަށް އިސްރާއީލުގެ ސިފައިންވަނީ އަޤްޞާއާއި އެ މިސްކިތުގެ ގޯތިތެރޭގައި ހަތިޔާރާއެކު ޙަރަކާތްތެރިވެފައެވެ.

ޢަރަބިންނާ ދެކޮޅަށް 1967ވަނަ އަހަރު ކުރި ހަނގުރާމައިގައި އިސްރާއީލުންވަނީ ހުޅަނގު އައްސޭރި އިސްތިޢުމާރުކޮށްފައެވެ. އެއީ އިސްރާއީލުގެ ބައެއްކަމަށް ބައިނަލްއަޤްވާމީ ދުނިޔެއިން ބަލައިއެއްނުގަނެއެވެ. ހުޅަނގު އައްސޭރީގައި ވަޒަންވެރިވެފައިވާ އިސްރާއީލުގެ ރައްޔިތުންނަކީ ޤަވާއިދާ ޚިލާފަށް އެ ސަރަޙައްދުގައި ދިރިއުޅޭ ބައެއްކަމަށާއި އެއީ ޞުލްޙައަށް ހުރަސްއެޅޭކަމެއްކަމަށް ފަލަސްޠީނުގެ ރައްޔިތުން ޤަބޫލުކުރެއެވެ. ފަލަސްޠީނުގެ މިނިވަން ދަޢުލަތެއް ޤާއިމުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ހުޅަނގު އައްސޭރިއަކީ އެ ދަޢުލަތުގެ ބަޔަކަށް ހެދުމަށް ފަލަސްޠީނުން ބޭނުންވެއެވެ.