ޚަބަރު

ޕާކިސްތާނުގެ ބޮޑުވަޒީރު ސަޢުދީ ޢަރަބިއްޔާއަށް ވަޑައިގެންފި


ޕާކިސްތާނުގެ ބޮޑުވަޒީރު ޢިމްރާނު ޚާން ސަޢުދީ ޢަރައްބިއްޔާއަށް ވަޑައިގެންފިއެވެ.

ޕާކިސްތާނާއި ސަޢުދީ ޢަރަބިއްޔާއާ ދެމެދު އޮންނަ ގުޅުމަކީ ޒަމާންވީ ގާތް ގުޅުމެކެވެ. ނަމަވެސް ފާއިތުވި މަސްތަކުގައި ދެ ޤައުމުގެ ދެމެދުގައި ނުތަނަވަސްކަން އުފެދިފައިވެއެވެ. 2018ވަނަ އަހަރުގެ ފަހުކޮޅު ސަޢުދީ ޢަރަބިއްޔާއިންވަނީ ޕާކިސްތާނަށް 3 ބިލިޔަނު އެމެރިކާ ޑޮލަރުގެ ލޯނު ދިނުމުގެ އިތުރުން 3.2 ބިލިޔަން އެމެރިކާ ޑޮލަރުގެ ތެޔޮ ކުރެޑިޓަށް ދޫކުރުމަށް އެއްބަސްވެފައެވެ. ނަމަވެސް އިންޑިޔާގެ ކަޝްމީރުގައި ހިނގަމުންދިޔަ ލާއިންސާނީ ޢަމަލުތައް ކުށްވެރިކުރުމުގައި ސަޢުދީ ޢަރަބިއްޔާގެ އެހީތެރިކަމަށް ޕާކިސްތާނުން ބާރުއެޅުމުން އުފެދުނު ޚިޔާލުތަފާތުވުންތަކުގެ ތެރެއިން ސަޢުދީ ޢަރަބިއްޔާއިންވަނީ ދަރަނިތައް އަނބުރާ ދެއްކުމަށް އަންގައިފައެވެ. އެއަށްފަހު މާލީ އެހީތެރިކަން ހޯދުމަށް ޕާކިސްތާނުން އެނބުރުނީ ޗައިނާގެ އެހީތެރިކަމަށެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު ސަޢުދީ ޢަރަބިއްޔާއަށް ވަޑައިގެންނެވީ އެ ޤައުމުގެ ވަލީއަހުދު މުޙައްމަދު ބިން ސަލްމާނުގެ ދަޢުވަތަކަށެވެ. އަދި ކުރިޔަށް އޮތް ދެ ދުވަހުގެ ދެ ޤައުމުގެ ދެމެދުގައި އޮންނަ ގުޅުމާމެދު މަޝްވަރާކޮށް ދެ ޤައުމުގެ މަސްލަހަތު އޮންނަ ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ މައްސަލަތަކާމެދު މަޝްވަރާކުރާނެއެވެ. ޢިމްރާން ޚާން ސަޢުދީ ޢަރަބިއްޔާއަށް ވަޑައިގެންނެވުމުގެ ކުރިން އެ ޤައުމުގެ އަސްކަރިއްޔާގެ ވެރިޔާ ޤަމަރު ޖާވިދު ބަޖުވާވަނީ ސަޢުދީ ޢަރައްބިއްޔާއަށް ދަތުރުކުރައްވައި ވަލީއަހުދާ ބައްދަލުކުރައްވައިފައެވެ. ޕާކިސްތާނުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ އެ ބައްދަލުވުމުގައި ދެ ޤައުމުގެ މަސްލަޙަތު ހިމެނޭ މައްސަލަތަކާއި ސަރަޙައްދީ ސަލާމަތާބެހޭ ކަންކަމާއި ދެ ޤައުމުގެ ދެމެދުގައި އޮންނަ ދިފާޢީ ގުޅުމާއި އަފްޣާނިސްތާނުގައި ޞުލްޙަ ޤާއިމުކުރުމަށް ދެ ބޭފުޅުން މަޝްވަރާ ކުރައްވާފައިވާކަމަށެވެ.