ޚަބަރު

ސީނޯފާމު ވެކްސިނަށް ޑަބުލިޔުއެޗުއޯއިން ޙުއްދަ ދީފި


ކޯވިޑް-19އަށް ޗައިނާއިން އުފައްދާފައިވާ ސީނޯފާމު ވެކްސިން ކުއްލި ޙާލަތްތަކުގައި ބޭނުންކުރުމުގެ ޙުއްދަ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، ޑަބުލިޔުއެޗުއޯއިން ދީފިއެވެ. މިއީ ކޯވިޑް-19އަށް ހުޅަނގަށް ނިޞްބަތްނުވާ ޤައުމަކުން އުފައްދާފައިވާ ވެކްސިނަކަށް އެ ޖަމްޢިއްޔާއިން ޙުއްދަދިން ފުރަތަމަ ފަހަރެވެ. އަދި ގައިންގަޔަށް އަރައި ބައްޔަކާ ދެކޮޅަކަށް ޗައިނާގެ ވެކްސިނެއް ބޭނުންކުރުމުގެ ޙުއްދަދިން ފުރަތަމަ ފަހަރުމެސްމެއެވެ.

ކޯވިޑް-19އާ ދެކޮޅާށް ޗައިނާއިން އުފައްދާފައިވާ ދެ ވެކްސިނުގެ ތެރޭގައި ހިމެނޭ ސީނޯފާމުވަނީ ޗައިނާއާއި ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި ދިރިއުޅޭ އެތައް މިލިޔަން މީހުންނަށް ދީފައެވެ. ޑަބުލިޔުއެޗުއޯއިން ސީނޯފާމަށް ޙުއްދަ ދިނުމުން އެ ވެކްސިންގެ ކާމިޔާބީގެ ނިޞްބަތާއި ރައްކާތެރިކަމާމެދު ޔަޤީންކަން އިތުރުވާނެއެވެ. އަދި ހަމަހަމަކަމާއެކު ދުނިޔޭގެ ޤައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމަށް ޑަބުލިޔުއެޗުއޯއިން އިސްވެ އުފައްދާފައިވާ ކޮވެކްސް މަޝްރޫޢުގައި ސީނޯފާމު ބޭނުންކުރުމުގެ ޙުއްދަ ލިބޭނެއެވެ.

ޑަބުލިޔުއެޗުއޯއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސީނޯފާމަކީ ރައްކާކުރުމަށް ފަސޭހަ ވެކްސިނެއްކަމުން ޞިއްހީ ވަޞީލަތްތައް މަދު ސަރަޙައްދުތަކުގައި ފަސޭހަކަމާއެކު އެ ވެކްސިން ބޭނުންކުރެވޭނެކަމަށެވެ. އެ ޖަމްޢިއްޔާއިން ލަފާދެނީ އުމުރުން 18 އަހަރުން މަތީގެ މީހުންނަށް އެ ވެކްސިންގެ ދެ ޑޯޒު ދިނުމަށާއި ވެކްސިނުގެ ދެ ޑޯޒްގެ ދެމެދުގައި ތިނެއް ނޫނީ ހަތަރު ހަފުތާގެ ދުރުމިނެއް ބެހެއްޓުމަށެވެ. ސީނޯފާމު އުފެއްދި ބެއިޖިންގް ޕުރޮޑަކްޓުސް އިންސްޓިޓިއުޓުން ބުނީ ކޯވިޑް-19އާ ދެކޮޅަށް އެ ވެކްސިނުގެ ކާމިޔާބީގެ ނިޞްބަތަކީ 79 އިންސައްތަކަމަށެވެ.

މީގެ ކުރިން ޑަބްލިޔުއެޗުއޯއިންވަނީ ފައިޒަރ ވެކްސިނާއި އެސްޓުރަޒެނަކާ ވެކްސިނާއި ޖޮންސަން އެންޑު ޖޮންސަންގެ ވެކްސިނާއި މޮޑަރނާގެ ވެކްސިން ކުއްލި ޙާލަތްތަކުގައި ބޭނުންކުރުމުގެ ޙުއްދަ ދީފައެވެ. ޗައިނާއިން އުފައްދާފައިވާ ސީނޯވެކް ބަޔޯޓެކުގެ ވެކްސިނަށް ޙުއްދަ ދިނުމާމެދު އަންނަ ހަފުތާގެ ތެރޭގައި ގޮތެއް ނިންމާނެކަމަށް އެ ޖަމްޢިއްޔާއިން ބުނެއެވެ.