ފިލައިތިބެ ރައީސް މުޙައްމަދު ނަޝީދަށް ޓެރަރިސްޓު ޙަމަލާދިން މީހުންނާހަމައަށް ޔުނީފޯމުއެޅި ސިފައިން ވަރަށް އަވަހަށް ދާނެކަމަށާ، އެމީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ކުރަންޖެހޭ ކޮންމެކަމެއް ކުރައްވާނެކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.
މިރޭ ސިފައިން ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުނަ ފަށްޓަވައިދެއްވަމުން މިނިސްޓަރ މާރިޔާ ވިދާޅުވީ މިޙަމަލާގެ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ މީހެއްނަމަ، އެކަން ކަމާބެހޭ ފަރާތްތަކަށް އެންގުމަކީ ވަރަށް މުހިންމު ކަމެއްކަމަށެވެ. މިފަދަ ޙަމަލާތައް ދީ ދިވެހިރައްޔިތުން ބިރެއް ނުގެންނެވޭނެކަމަށާ، ޙަމަލާދިނީ ފިނޑި ބައެއްކަމަށް މާރިޔާ ވިދާޅުވިއެވެ. އަދި މިކަމުގައި ކުރަންޖެހުނު ކޮންމެކަމެއް ސިފއިން ކުރާނެކަމަށާ، ސިފައިން އަނިޔާވެރިންނާ އަރާ ހަމަކުރާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
ރައީސް ނަޝީދަށް ދިން ޙަމަލާއިން އެނގެނީ ރާއްޖޭގެ އެއްވެސް މީހަކަށް އަޅާނުލައި ތިބެވެން ނެތްކަން ކަމުގައި މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ. އެމަނިކުފާނަކީ ކުރީގެ ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސްކަމަށާ، އެމަނިކުފާނަށް މިވަރުގެ ޙަމަލާއެއް އަމާޒުވުމަކީ މުޅި ޤައުމާއި ރައްޔިތުންނަށް އޮތް ނުރައްކަލެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މިނުރައްކާތެރި ހަމަލާދިން މީހުން ހޯދައި އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ސިފައިންނާއި ފުލުހުންނާއި މުޅި ރައްޔިތުން ތެދުވަންޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިޙަމަލާ ހަރުކަށި ޢިބާރާތުން ކުށްވެރިކޮށް މިއީ އެއްވެސް ޙާލެއްގައި ހިނގައިގެންވާނެ ކަމެއް ނޫންކަމަށް ޑިފެންސް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިއީ ރާއްޖޭގެ ރައްޔިތުންގެ ވިސްނުމާއި ޤަބޫލުކުރުމާއި، ސަޤާފަތާއި އިހްސާސްތަކާވެސް ދިމާ އިދިކޮޅުކަމެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މިޙަމަލާގެ ޙާލަތުގައި ސިފައިން ކުރި މަސައްކަތަށް ތައުރީފުކުރެއްވައި މިނިސްޓަރ މާރިޔާ ވިދާޅުވީ މިޙާލަތުގައި ސިފައިން ދައްކުވައިދިނީ ޕްރޮފެޝަނަލްކަމާއި ސާބިތުކަންކަމަށެވެ.