ޚަބަރު

ފިޠުރު ޢީދާ ދިމާކޮށް އިންޑޮނޭޝިޔާގައި ދަތުރުފަތުރުކުރުން މަނާކޮށްފި


ފިޠުރު ޢީދާ ދިމާކޮށް އިންޑޮނޭޝިޔާގެ އެއް ސަރަޙައްދުން އަނެއް ސަރަޙައްދަށް ދަތުރުފަތުރުކުރުން މަނާކޮށްފިއެވެ.

އިންޑޮނޭޝިޔާގައި މިހާތަނަށް 1،69 މިލިޔަން މީހުންނަށް ކޯވިޑް-19 ޖެހި 46،349 މީހުންވަނީ މަރުވެފައެވެ. ދެކުނު އިރުމަތީ އޭޝިޔާގެ ޤައުމުތަކުގެ ތެރެއިން އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ބަލިޖެހި އެންމެ ގިނަ މީހުން މަރުވެފައިވަނީ އިންޑޮނޭޝިޔާގައެވެ. އިންޑިޔާގައި ހަލުވިކަމާއެކު ފެތުރެމުންދާ ބަލީގެ އައު ވައްތަރެއްވެސް ފާއިތުވި ހަފުތާތަކުގައި އިންޑޮނޭޝިޔާއިންވަނީ ފެނިފައެވެ. އެއާއެކު އެ ޤައުމުގެ ޞިއްޙީ މާހިރުންވަނީ ބަލީގެ އައު އަދި ނުރައްކާތެރި ވައްތަރުތައް އެ ޤައުމުގައި ފެތުރިދާނެކަމުގެ ކަންބޮޑުވުން ފައުޅުކޮށްފައެވެ.

ޢީދު ފާހަގަކުރުމަށް އިންޑޮނޭޝިޔާގެ އެތައް މިލިޔަން ރައްޔިތުންނެއް ޢާންމުގޮތެއްގައި އެ ޤައުމުގެ އެކި ސަރަޙައްދުތަކަށް ދަތުރުކޮށް ޢާއިލާތަކަށް ޒިޔާރަތްކުރެއެވެ. އިންޑޮނޭޝީޔާގެ ސަރުކާރުން ޢާންމުން ދަތުރުފަތުރުކުރުން މަނާކޮށްފައިވަނީ އެ ޤައުމުގައި ކޯވިޑް-19 ފެތުރޭ މިންވަރު ދަށްކުރުމުގެ މަޤްޞަދުގައެވެ. އެގޮތުން މެއި މަހުގެ 6ވަނަ ދުވަހުން ފެށިގެން 17ވަނަ ދުވަހާ ހަމައަށް އެއްގަމާއި ވަޔާއި ކަނޑު މަގުން ދަތުރުކުރުންވަނީ މަނާކޮށްފައެވެ. އެއް ސަރަޙައްދުން އަނެއް ސަރަޙައްދަށް ދަތުރުކުރެވޭނީ ޚާއްޞަ ޙުއްދައެއް ލިބިފައިވާ މީހުންނަށް އެކަންޏެވެ.

ބަލީގެ ނުރައްކާ އޮތް ނަމަވެސް އިންޑޮނޭޝިޔާގެ ބައެއް ރައްޔިތުން ދަނީ ޤަވާއިދާ ޚިލާފަށް އެކި ސަރަޙައްދުތަކަށް ދަތުރުކުރުމަށް މަސައްކަތްކުރަމުންނެވެ. ބައެއް މީހުން ތަރުކާރީ އުފުލާ ލޮރީފަދަ އުޅަނދުތަކުގައި ފިލައި ތިބެ އެހެން ސަރަޙައްދުތަކަށް ދަތުރުކުރަން މަސައްކަތްކުރަމުންދާކަމަށް އެ ޤައުމުގެ ފުލުހުންގެ އިދާރާއިން ބުނެއެވެ.