ޚަބަރު

އެންމެ ފަހުން ތައިލޭންޑުގައި ދިރިއުޅޭ ބިދޭސީނަށް ވެކްސިން ދެނީ


ތައިލޭންޑުގައި ދިރިއުޅޭ ބިދޭސީންނަށް ކޯވިޑް-19ގެ ވެކްސިން ދިނުމަށް އެ ޤައުމުން ނިންމައިފިއެވެ.

ތައިލޭންޑުގައި މިހާތަނަށް 76،811 މީހުންނަށް ކޯވިޑް-19 ޖެހި 336 މީހުންވަނީ މަރުވެފައެވެ. ފާއިތުވި ދުވަސްތަކުގައި އެ ޤައުމުގައި ބަލިފެތުރޭ މިންވަރުވަނީ މީގެ ކުރިން އިތުރުނުވާ މިންވަރަށް އިތުރުވެފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ޤައުމުގައި 2،112 މީހުންނަށް ބަލިޖެހި 15 މީހުންވަނީ މަރުވެފައެވެ.

67 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ތައިލޭންޑުގައި ގާތްގަނޑަކަށް ތިން މިލިޔަނަށްވުރެ ގިނަ ބިދޭސީން ދިރިއުޅެއެވެ. އެ ޤައުމުގެ އާބާދީގެ 70 އިންސައްތައަށް ވެކްސިން ދީގެން މުޖުތަމަޢުގައި ހަރޑު އިމިޔުނިޓީ ޤާއިމުކުރުމަށް 50 މިލިޔަން މީހުންނަށް ވެކްސިން ދޭންޖެހެއެވެ. އެ ޤައުމުގައި ޢާންމުންނަށް ކޯވިޑް-19ގެ ވެކްސިން ދޭން ފަށައިފައެއް ނުވެއެވެ. ނަމަވެސް އިސް ސަފުގައި މަސައްކަތްކުރާ ގިނަ ޢަދަދެއްގެ މީހުންނަށް ޗައިނާގެ ސިނޯވެކުގެ 2.5 މިލިޔަން ޑޯޒުން ވެކްސިން ދީފައިވެއެވެ. ޖޫން މަހުގެ ތެރޭގައި ތައިލޭންޑުގެ ކުންފުންޏަކުން އެ ޤައުމުގައި އެސްޓްރަޒެނެކާގެ ވެކްސިން ތައްޔާރުކުރަން ފެށުމަށްވަނީ ހަމަޖެހިފައެވެ.

ތައިލޭންޑުގައި ދިރިއުޅޭ ބިދޭސީންނަށް ކޯވިޑް-19ގެ ވެކްސިން ދޭނެކަމަށް އެ ޤައުމުގެ ސަރުކާރުންވަނީ ތަކުރާރުކޮށް ބުނެފައެވެ. ނަމަވެސް އެ ޤައުމުގައި ދިރިއުޅޭ ބިދޭސީންވަނީ އެކަމުގެ މަޢުލޫމާތު ސަރުކާރުން ފޯރުކޮށްނުދޭކަމަށް ބުނެ ކަންބޮޑުވުން ފައުޅުކޮށްފައެވެ. އެ ކަންބޮޑުވުންތަކާ ގުޅިގެން ތައިލޭންޑުގެ ސަރުކާރުންވަނީ އެ ޤައުމުގައި ދިރިއުޅޭ ބިދޭސީންނަށް ވެކްސިން ދޭނެކަމުގެ ޔަޤީންކަން ދީފައެވެ. ސަރުކާރުން ބުނީ އެ ޤައުމުގައި ދިރިއުޅޭ އެންމެންގެ ރައްކާތެރިކަން ކަށަވަރުވާނީ ތައިލޭންޑުގެ ރައްޔިތުންގެ އިތުރުން އެ ޤައުމުގައި ދިރިއުޅޭ ބިދޭސީންނަށްވެސް ވެކްސިން ދީގެންކަމަށެވެ.