ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ޙައިސިއްޔަތުން ރައީސް މުޙައްމަދު ނަޝީދު ފަށްޓަވާފައިވާ ހުރިހާ މަސައްކަތެއް ކުރިއަށް ގެންދަވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އީވާ ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް ރޭ ދިން ޙަމަލާއާ ގުޅިގެން ރޭ މަޖިލީހުންފެށި ކުއްލި ޖަލްސާ ނިންމާލާފައިވަނީ މިއަދު ހަވީރު 5 ޖެހިއިރުއެވެ. ޖަލްސާ ނިންމަވާލެއްވީ ރޭ ޖަލްސާ ފެށައި، މެދުކަނޑާލާފައި އޮތުމަށްފަހުއެވެ. ޖަލްސާ ނިންމަވާލައްވަމުން މަޖިލީހުގެ ނާއިބު ރައީސް އީވާ ޢަބްދުﷲ ވަނީ ރައީސް ނަޝީދުގެ ސިއްޙީ ހާލުކޮޅުގެ އެންމެ ފަހުގެ މަޢުލޫމާތު މަޖިލީހާ ޙިއްސާކުރައްވާފައެވެ.
މަޖިލީހުގެ ރިޔާސަތުން އިއުލާންކުރައްވާ ކަމެއްގެގޮތުގައި ވާހަކަފުޅުދައްކަވަމުން އީވާ ވިދާޅުވީ، ރައްޔިތުންގެ ހައްގުގައި ރައްޔިތުންގެ މަޖިލީހުގައި ރައީސް ނަޝީދު ކުރައްވުމުން ގެންދެވި މަސައްކަތް ކުރިއަށް ގެންދަވާނެކަމަށެވެ. އެމަނިކުފާނަށް އަލުން އަނބުރާ ޚިދުމަތަށް ވަޑައިގަންނަވަންދެން ހުރި ހިތްވަރަކާއެކު މަސައްކަތްތައް ކުރިއަށް ގެންދަވާނެކަމަށްވެސް އީވާ ވިދާޅުވިއެވެ. މަޖިލީހުގެ ނާއިބު ރައީސް ވަނީ ރައީސް މުހައްމަދު ނަޝީދުގެ ހާލަތު އޭޑީކޭގެ ޑޮކްޓަރުން ގާތުން ބައްލަވަމުން ދާކަން ފާހަގަކުރައްވައި ޑޮކްޓަރުންނަށް ޝުކުރު އަދާކުރައްވާފައެވެ.
"ރައްޔިތުންގެ ހައްޤުގައި ރައްޔިތުންގެ މަޖިލީހުގައި ރައީސް ކުރެއްވުމުން ގެންދެވި މަސައްކަތް ކުރިއަށް ގެންދާނަން. އެމަނިކުފާނަށް އަލުން އަނބުރާ އާދެވެން ދެން އަޅުގަނޑު ހަމަ ގައިމުވެސް އަޅުގަނޑުގެ ހުރި ހިތްވަރަކާއެކު ކުރިއަށް ގެންދާނަން" އީވާ ވިދާޅުވިއެވެ.
އީވާ ރޭ ވިދާޅުވެފައިވަނީ ރައީސް ނަޝީދަށް އަމާޒުކޮށް ދީފައިވަނީ ޓެރަރިސްޓް ހަމަލާއެއްކަމަށެވެ. އަދި އެފިނޑި ޢަމަލު އެކަމަނާގެ އަމިއްލަ ނަންފުޅުގައާއި މުޅި މަޖިލީހުގެ ނަމުގައި ކުށްވެރިކުރާކަމަށްވެސް އީވާ ވިދާޅުވިއެވެ.
މިރޭ 8:30 ހާއިރު ސައިކަލެއްގައި އެއްޗެއް ގޮއްވާލާފައިވަނީ ރައީސް ނަޝީދު ދިރިއުޅުއްވާ ގ.ކެނެރީގެ ހުންނަ ނީލޯފަރު ހިނގުމާއި މަޖީދީ މަގު ކަންމަތީ އެމަނިކުފާނު ކާރުކޮޅަށް އަރައިވަޑައިގަންނަވަނިކޮށެވެ. ރައީސް ނަޝީދަށް އޭޑީކޭގައި ދަނީ ފަރުވާދެމުންނެވެ.