ޚަބަރު

ރައީސް ނަޝީދަށް އަމާޒުވީ ޓެރަރިސްޓް ހަމަލާއެއް: މަޖިލިސް


ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުވީ ޓެރަރިސްޓް ހަމަލާއެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުން ވިދާޅުވެއްޖެއެވެ.

މިރޭ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ކުއްލި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އިވާ އަބްދުﷲ ވިދާޅުވީ ރައީސް ނަޝީދަށް އަމާޒުކޮށް ދީފައިވަނީ ޓެރަރިސްޓް ހަމަލާއެއްކަމަށެވެ. އަދި އެ ފިނޑި އަމަލު އެކަމަނާގެ އަމިއްލަ ނަންފުޅުގައާއި މުޅި މަޖިލީހުގެ ނަމުގައި ކުށްވެރިކުރާކަމަށްވެސް އީވާ ވިދާޅުވިއެވެ.

އިވާ ވިދާޅުވީ ރައީސް ނަޝީދުގެ ސިއްހީ ހާލުކޮޅާ ބެހޭ ފުރިހަމަ މައުލޫމާތު ލިބެންދެން މަޖިލީހުގެ ޖަލްސާ ނިންމާނުލާ ކުރިއަށްގެންދަން ނިންމާފައިވާކަމަށެވެ.

މިރޭ 8:30 ހާއިރު ސައިކަލެއްގައި އެއްޗެއް ގޮއްވާލާފައިވަނީ ރައީސް ނަޝީދު ދިރިއުޅުއްވާ ގ.ކެނެރީގެ ހުންނަ ނީލޯފަރުމަގުގައެވެ. އެސަރަޙައްދުގައި އެއްޗެއް ގޮއްވާލީ ރައީސް ނަޝީދު އެސަރަޙައްދުގައި އޮތް ކާރުކޮޅަކަށް އަރައިވަޑައިގަންނަވަނިކޮށެވެ.